
ކޯވިޑް-19 ފެނުނު ފަހުން ވޫހާންގައި ފުރަތަމަ ފަހަރަށް މާސްކު ނާޅާ ގްރެޖުއޭޝަން ހަފްލާއެއް ބާއްވައިފި
ކޯވިޑް-19 ފުރަތަމަ ފެނުނު ޗައިނާގެ ވޫހާން ސިޓީގައި އޭގެ ފަހުން ފުރަތަމަ ފަހަރަށް މާސްކު ނާޅާ ޔުނިވާސިޓީއެއްގެ ގްރެޖުއޭޝަން ބާއްވައިފި އެވެ.
މިދިޔަ އަހަރު އެ ސިޓީގެ އެއްވެސް ޔުނިވާސިޓީއެއްގައި ދަރިވަރުން ހާޒިރުކޮށްގެން ގްރެޖުއޭޝަން ހަފްލާ ބާއްވާފައެއް ނުވެ އެވެ. ބައެއް ޔުނިވާސިޓީތަކުުން ގްރެޖުއޭޝަން ހަފްލާ ފަސްކުރި އިރު އަނެއް ބައި ޔުނިވާސިޓީތަކުން ބޭއްވީ އޮންލައިންކޮށެވެ.
މިއަދު ވޫހާން ޔުނިވާސިޓީގައި ބޭއްވި ގްރެޖުއޭޗަންގައި 2،200 ދަރިވަރުން ގްރެޖުއޭޓްވެފައިވެ ވެއެވެ. އަދި މާސްކު އެޅުން މަޖުބޫރު ނޫން ކަމުން 99.9 ޕަސެންޓު ދަރިވަރުންނާއި ޓީޗަރުން ތިބީ މާސްކު ނާޅަ އެވެ.
2019 ވަނަ އަހަރު ވޫހާން ސިޓީއަށް އުފަންވި ކަމަށް ޔަގީން ކުރެވިފައިވާ ކޯވިޑް-19 އާއި ގުޅިގެން ވައިރަސް ކޮންޓްރޯލް ކުރުމަށް ޗައިނާއިން ވަނީ ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި އެވެ. އަދި މިހާރުވެސް އޭގެ ތެރެއިން ބައެއް ކަންކަން ވަރަށް ހަރުކަށިކޮށް ބަލަމުން ގެންދާތީ ޗައިނާގައި ވަނީ ވަރަށް ބޮޑަށް ބަލި ކޮންްޓްރޯލް ވެފައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މިއަދު ޗައިނާއިން އަދި ފެނިފައިވަނީ ކޯވިޑްގެ އެންމެ 20 ކޭސްއެވެ. އޭގެ ތެރެއިން 18 ކޭސްއަކީ އެހެން ގައުމުތަކުން އެ ގައުމަށް ދިޔަ މީހުންނެވެ.
ޗައިނާގެ ރަސްމީ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި އެ ގައުމުގައި ކޯވިޑް ޖެހިފައިވަނީ މިހާތަނަށް 91،587 މީހުންނަށެވެ. އޭގެ ތެރެއިން މަރުވެފައިވަނީ 4،636 މީހުންނެވެ.