ޚަބަރު ފީތާ

ހިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކުގެ ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މަސައްކަތް ހަރުދަނާކުރުމާއި ބެހޭ މަސައްކަތު ބައްދަލުވުމެއް ފަށައިފި

ހިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ހިންގޭ ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މަސައްކަތް ހަރުދަނާކުރުމާއި ބެހޭ މަސައްކަތު ބައްދަލުވުމެއް ފަށައިފި އެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަދި ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) އާއި އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަރވޭޝަން އޮފް ނޭޗަރ (އައިޔޫސީއެން) ގުޅިގެން ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާއެވެ.

މި މަސައްކަތު ބައްދަލުވުމުގެ މަޤްޞަދަކީ ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކުގައި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ހަރަކާތްތަކަށް މަސައްކަތު ބައްދަލުވުމުގެ ބައިވެރިން އަހުލުވެރިކުރުވުމާއި އެ ސަރަޙައްދަށް ޒިޔާރަތްކުރާ ފަރާތްތަކުން އެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވާއިރު، ދެމެހެއްޓެނިވި ގޮތެއްގައި ވެށި ރައްކާތެރިކުރުމަށް މަގުފަހި ކުރުވުމެވެ. އަދި މިފަދަ ސަރަޙައްދުތައް ހިންގާ ބަލަހައްޓާ ފަރާތްތަކުން އެ ސަރަޙައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ހިންގާ ކަންކަމުގައާއި އެ ސަރަޙައްދު ބެލެހެއްޓުމުގައި އިސްކަން ދޭންވީ ކަންކަމާއި ނިންމާ ނިންމުންތަކުގައި ދެމެހެއްޓެނިވި ތިމާވެއްޓާއި ރައްޓެހި ފަތުރުވެރިކަމުގެ އުޞޫލުތަކާއި މިންގަނޑުތަކަށް ޤާއިމުކުރުމަށް މަގުފަހި ކުރުވުމެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވީ ދިވެހިރާއްޖެއަކީ ޤުދުރަތީ ހުރިހާ ރީތިކަމެއް ލިބިފައިވާ ޤައުމަކަށްވެފައި ދިވެހިރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު ތަނެއް ކަމަށެވެ. އަދި ހިމާޔަތްކުރެވޭ ތަންތަނުގެ ތެރޭގައި، މަޝްހޫރު ޑައިވް ސައިޓްތަކާއި، ކުޅި، ފާ، ޗަސްބިންތަކާއި ކަނޑޫފާ އަދި ޝިޕްރެކްތަކާއި ފިނޮޅުތައް ހިމެނޭކަމަށާއި އަދި ބ. އަތޮޅުގައި އޮންނަ ހަނިފަރު ބޭ އާއި އަރިއަތޮޅުގައި ހުންނަ ސައުތް އަރި މެރިން ޕާކަކީ އެ ތަންތަނަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި މަޤުބޫލު ތަންތަން ކަމުގަ އެވެ.

މިނިސްޓަރ ވިދާޅުވީ ހިމާޔަތްކޮށްފައިވާ ބައެއް ތަންތަނުގައި ވިޒިޓަރ ސެންޓަރތަކާއި އެ ޕާކުތައް މެނޭޖުކުރަން ޚާއްޞަ މުވައްޒަފުން ތިބޭނެކަމަށާއި މިހާތަނަށް ހިމާޔަތްކޮށްފައިވާ 73 ސަރަޙައްދާއި ކުރިއަށްއޮތްތަނުގައި ހިމާޔަތްކުރެވިގެންދާނެ ސަރަޙައްދުތައް މެނޭޖުކުރަން ވަރަށް ގިނަ ކަންތައްތަކެއް ކުރަން އެބަހުރި ކަމަށެވެ. އަދި، ބ. އަތޮޅާއި، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ އަކީ ތަނެއް ހިމާޔަތްކުރެވި،އަދި މެނޭޖްކޮށް އަދި އޭގެއިން އިޤްތިޞާދީ ގޮތުން ފައިދާ ލިބޭނެކަން ދައްކުވައިދޭ ތަންތަން ކަމުގައިވެސް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ 2025 އަންނަން ވާއިރަށް ކޮންމެ އަތޮޅެއްގެ ފަރުތަކުގެ 10 އިންސައްތައާއި، ކަނޑޫ، ފާ ޗަސްބިންތަކުގެ 20 އިންސައްތަ އަދި ކޮންމެ އަތޮޅަކުން ފިނޮޅަކާއި މީހުން ދިރިނޫޅޭ އެއް ރަށް ހިމާޔަތްކުރުމަށް ސްޓްރޭޓެޖިކް އެކްޝަން ޕްލޭން (ސެޕް) ގައި ހިމަނާފައިވާނެ ކަމަށެވެ. އަދި ހިމާޔަތްކުރެވޭ ތަންތަނަކީ ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަތަކެއް ލިބިގެންވާ ޤުދުރަތީގޮތުން މުއްސަނދި ތަންތަން ކަމަށެވެ.

މީގެ އިތުރުން މިތަންތަން ރައްކާތެރިކޮށް ބަލަހައްޓާ ދެން އަންނަން އޮތް ޖީލަށްވެސް މިތަންތަން ފޯރުކޮށްދޭން ޖެހޭނެކަމަށާއި ހިމާޔަތްކުރެވިފައިވާ ތަންތަނަކީ އެ ތަންތަނުގައި އުޅޭ ރައްޔިތުންނަށް އިޤްތިޞާދީ މަންފާ ލިބޭނެ ތަންތަން ކަމުގައި ހެދުމަށްޓަކައި، އީކޯޓޫރިޒަމް ފެސިލިޓީތަކާއި ގައިޑްލަންތައް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

މިމަސައްކަތު ބައްދަލުވުމުގައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ކައުންސިލްތަކާއި ހިމާޔަތްކުރެވިފައިވާ ސަރަޙައްދު ބެލެހެއްޓުމުގައި ހަރަކާތްތެރިވާ މުއައްސަސާތަކުންނާއި ޖަމްޢިއްޔާތަކުން 40 އަށްވުރެ ގިނަ ބޭފުޅުން ވަނީ ބައިވެރިވެފަ އެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ހިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކުގެ ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މަސައްކަތް ހަރުދަނާކުރުމާއި ބެހޭ މަސައްކަތު ބައްދަލުވުމެއް ފަށައިފި"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.