ޚަބަރު ފީތާ

މާލޭ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ވާދަ ކުރަން ޕީޕީއެމްއިން ނަރީީޝް

މާލޭ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ވާދަ ކުރަން އިދިކޮޅު ޕީޕީއެމްއިން ނެރޭ ކައުންސިލަރުގެ ގޮތުގައި މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ނަރީޝް ހަމަޖައްސައިފި އެވެ.

ޕީޕީއެމްއިން ބުނީ އެގޮތަށް ނިންމީ މިއަދު ބޭއްވި ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ކަމަށެވެ. މި މަގާމަށް ކުރިމަތި ލުމަށް ނަރީޝް އާއި ވާދަ ކުރެއްވީ ހުޅުމާލޭ ކައުންސިލަރު އިބްރާހިމް ޝުޖާއު އާއި ވިލިމާލޭ ކައުންސިލަރު އައިޝަތު ނަހުލާ އެވެ.

މީގެ ތެރެއިން ނަހުލާ އާއި ޝުޖާއުއަށް ލިބިފައިވަނީ ކޮންމެ ބޭފުޅަކަށް ހަތަރު ވޯޓެވެ. ނަރީޝް އަށް ލިބިފައިވަނީ ފަސް ވޯޓެވެ.

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމު ނަރީޝްއަށް މިވަނީ ގާތްގަނޑަކަށް ޔަގީން ކުރެވި އެވެ. އެއީ މާލޭ ސިޓީ ކައުންސިލަކީ އިދިކޮޅު ޕީޕީއެމްގެ މެޖޯރިޓީ އޮތް ކައުންސިލަކަށް ވާތީ އެވެ.

މާލޭ ޑެޕިއުޓީ މޭޔަރު ހޮވުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.

މިހާރު ސިޓީ ކައުންސިލްތަކުގެ ތެރެއިން ޑެޕިއުޓީ މޭޔަރު ނުހޮވަނީ ހަމައެކަނި މާލޭ ސިޓީ ކައުންސިލްގައި އެވެ.

އެލްޖީއޭއިން ވަނީ މާދަމާގެ ނިޔަލަށް ޑެޕިއުޓީ މޭޔަރާއި ރަށު ކައުންސިލްތަކުގެ ނައިބު ރައީސުންނާއި އަންހެނުންގެ ކޮމިޓީގެ ރައީސާއި ނައިބު ރައިސް ހޮވާ ނިންމުމަށް އަންގާފަ އެވެ.

Like
Like Love Haha Wow Sad Angry