
މަހްލޫފު ވިދާޅުވަނީ އޭނާއަކީ ޝިއުނާ ކުޅެން ގެންގުޅޭ ބޯޅައެއް ނޫން ކަމަށް!
ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފަކީ އެންޓީ ކޮރަޕްޝަން ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ކުޅެން ގެންގުޅޭ ބޯޅައެއް ނޫން ކަމަށް ވިދާޅުވެ، ބަހުގެ ހަމަލާތަކެއް ޝިއުނާއަށް މަހްލޫފު ދެއްވައިފި އެވެ.
މަހްލޫފު މިހެން ވިދާޅުވެފައި މިވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕީޖީއަށް ފޮނުވާފައި އޮތް މައްސަލަ އަނބުރާ ފޮނުވާލިކަމަށްބުނެ ޚަބަރުތައް ފެތުރެން ފެށުމާއެކުގަ އެވެ.
މަހްލޫފު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މައްސަލަ ޕީޖީއަށް ފޮނުވަމުން އޭސީސީން ބޮޑު ބަޔާނެއް ނެރެފައިވާ ކަމަށެވެ. އަދި އަނބުރާ ފޮނުވާލީމަ ތިބެނީ ހަނު ކަމަށެވެ.
މީގެ އިތުރުން ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނުކޮށް، ކުޅޭ ކުޅިވަރަކަށް މިކަން ނުހެދޭނެ ކަމަށާއި ”އަޅުގަނޑަކީ ޝިއުނާ ކުޅެންގެންގުޅޭ ބޯޅައެއްނޫން،“ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. އަދި ކަންކުރަން ނޭގެންޏާ އިސްތިއުފާ ދެއްވީމަ މާރަނގަޅުވާނެ ކަމަށް ވެސް އެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.
މައްސަލަ ފޮނުވަމުން ACC އިން ބޮޑު ބަޔާނެއް ނެރެފަ،އަނބުރާ ފޮނުވާލީމަ މިތިބެނީ ހަނު.
ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނުކޮށް މިއީ ކުޅޭ ކުޅިވަރަކަށް ނުހެދޭނެ
އަޅުގަނޑަކީ ޝިއުނާ ކުޅެންގެންގުޅޭ ބޯޅައެއްނޫން،ކަންކުރަން ނޭގެންޔާ އިސްތިއުފާ ދެއްވީމަ މާރަނގަޅުވާނެ. https://t.co/hYemixEaX8
— Ahmed Mahloof (@AhmedMahloof) June 19, 2021
މަހްލޫފުގެ މައްސަލަ އަނބުރާ ފޮނުވާލިކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ޕީޖީ އޮފީހުން ބުނެފައިވަނީ މައްސަލަ ފޮނުވާލާފައި ނުވާ ކަމަށެވެ. އަދި އެދިފައިވާނީ އިތުރު ހެކިތަކާ ގުޅޭ ލިޔުންތައް ހުށަހަޅަން ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހިނގައިދިޔަ އެންމެ ބޮޑު ޚިޔާނާތުގެ މައްސަލައިގެ ތަހުގީގުތައް އަދިވެސް ކުރިޔަށްދާއިރު، އެސެޓް ރިކަވަރީ ކޮމިޝަނާއި، އޭސީސީ ގުޅިގެން ކުރިޔަށް ގެންދާ ތަހުގީގުގެ ލިސްޓުގެ ތެރޭގައި މަހުލޫފްގެ ނަން ހިމެނެ އެވެ.
އެ ލިސްޓުގައިވާގޮތުން މަހުލޫފްއަށް ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ލިބިފައިވާ އިރު، އެއީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 27 ގައި ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށް ގެންދިޔަ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) އަށް ވޯޓު ދިނުމަށާއި، ޕީޕީއެމްގައި ދެމިހުރުމަށް އޭރުގެ ނައިބް ރައީސް އަހުމަދު އަދީބު އޭނާއަށް ދިން ފައިސާކަމަށް އޭސީސީން ބުނެ އެވެ.
މީގެ އިތުރުން އެ ދުވަހު މެލޭޝިއާގައި ހުންނެވުމަށްފަހު މަހުލޫފް މާލެ އައިސްފައިވަނީ ސީދާ ވޯޓަށްކަމަށް ވެސް ބުނެފައި ވެއެވެ.