ޔޫރޯ 2020: ޑެންމާކް ބަލިކޮށް ބެލްޖިއަމް ދެވަނަބުރަށް
ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ޑެންމާކް 1-2 ގެ ނަތީޖާއަކުން ބަލިކޮށް މުބާރާތުގެ ދެވަނަބުރުގެ ޖާގައެއް ބެލްޖިއަމްއިން ކަށަވަރުކޮށްފިއެވެ.
މި ނަތީޖާއާއެކު ބެލްޖިއަމް ދެވަނަބުރަށް ދަތުރުކުރީ ގްރޫޕުގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ޖުމްލަ ހަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ފިންލެންޑްއޮތީ ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެވެ. ތިންވަނައިގައި އޮތް ރަޝިއާއަށްވެސް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، އެޓީމަށް ތިންވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. މިރޭގެ މެޗުން ބަލިވި ޑެންމާކް އޮތީ ކުޅުނު ދެމެޗުންވެސް ބަލިވެ ގުރޫޕުގެ އެންމެ ފުލުގައެވެ. އެހެން ކަމުން ޑެންމާކަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު މިހާރުވަނީ ގާތްގަނދަކަށް ބަންދުވެފައެވެ.
މެޗު ފެށިގެން ރަނގަޅަށް ކުޅެމުން އައީ ޑެންމާކުންނެވެ. އެގޮތުން މެޗު ފެށިގެން ދެވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑު ޖަހާ ލީޑުނަގާފައެވެ. މި ލަނޑު ޑެންމާކަށް ކާމިޔާބު ކޮށްދިނީ ޔޫސުފް ޕޯލްސަންއެވެ. މި ލަނޑަށް ފަހުވެސް ޑެންމާކުން ކުޅެމުން ގެންދިޔައީ ވަރުގަދަ ކޮށެވެ. އެގޮތުން ލަނޑު ޖަހަން އިތުރު ފުރުސަތުތަކެއް ވެސް ތަނަވަސް ކުރި އެވެ. އެހެން ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.
މެޗުގެ ފުރަތަމަ ހާފު ޑެންމާކުން ލީޑުގައި އޮވެ ނިންމާލި ނަމަވެސް މެޗުގެ ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި ތޯގަން ހަޒާޑް ވަނީ ބެލްޖިއަމްއަށް ލަނޑުޖަހައިދީ މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. ބެލްޖިއަމްއިން އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 71 ވަނަ މިނެޓުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ކެވިން ޑިބްރޮއިނާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
މިރޭގެ މި ނަތީޖާއާއި އެކު ބެލްޖިއަމް މުބާރާތުގެ ދެވަނަ ބުރަށް ދިޔައިރު، ގުރޫޕް ސްޓޭޖުގެ ތިންވަނަ މެޗުގައި ބެލްޖިއަމް ނިކުންނާނީ ފިންލެންޑާއި ދެކޮޅަށެވެ. އަދި ޑެންމާކް ނިކުންނާނީ ރަޝިއާއާއި ދެކޮޅަށެވެ.