ދެ ރަށެއްގައި ޢިމާރާތްކުރި މިސްކިތް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ބާޤިރު ރަސްމީކޮށް ހުޅުވައުދެއްވައިފިއެވެ.
އެގޮތުން ހުޅުވާފައިވަނީ ހދ. ކުމުންދޫގައި ދިވެހި ސަރުކާރުގެ ފަރާތުން އަލަށް ޢިމާރާތްކޮށްފައިވާ މިސްކިތާއި ސަޢުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހދ.ނޭކުރެންދޫގައި ޢިމާރާތްކޮށްފައިވާ މިސްކިތެވެ.
އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ. އަހްމަދު ޒިޔާދު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ކުމުންދޫއަށް ވަޑައިގެން އެރަށުގައި އަލަށް ޢިމާރާތް ކޮށްފައިވާ މަސްޖިދުއް ފިރްދައުސް ރަސްމީކޮށް ހުޅުއްވައިދެއްވީ މިކަމަށްޓަކާ މިއަދުގެ މެންދުރު ނަމާދުގެ ކުޑަ ވަގުތުކޮޅެއް ކުރިން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މިރަސްމިއްޔާތުގައި ސަޢުދީ ސަރުކާރުގެ ފަރާތުން ދިވެހި ސަރުކާރަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިޔުޓީ އެމްބެސެޑަރ މުތްރިކް އައްދައުސަރީ އާއި އިސްލާމިކް މިނިސްޓްރީގެ އިސްވެރިންނާއި ކުމުންދޫ ކައުންސިލްގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މިސްކިތް ރަސްމީކޮށް ހުޅުއްވައިދެއްވާ، ރަސްމިއްޔާތުގެ އެންމެހާ ބައިވެރިންނާއެކު މެންދުރު ނަމާދު ކުރެއްވުމަށްފަހު ދެއްކެވި ވާހަކައިގާ މިސްކިތްތަކުގެ ޙުރުމަތްތެރިކަމާއި އެކުވެރިކަމާއި އެއްބައެއްވަންތަކަން ޤާއިމްކުރުމުގައި މިސްކިތްތަކަކީ ވަރަށް މުހިންމު ދައުރެއް ޤަދީމީ ޒަމާނުއްސުރެ އަދާ ކުރާ ތަނެއްކަން ވަނީ ފާހަގަކުރައްވާފައެވެ.
އަދި މިސްކިތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ނަސޭހަތްތެރިވެވަޑައިގެން، މުޖުތަމަޢެއްގައި އެއްބައިވަންތަ ރައްޔިތެއް އުޅުމުގެ މުހިންމުކަމަށް އަލިއަޅުއްވާ އެކުވެރިކަން ޢާލާ ކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށްވެސް ގޮވާލެއްވިއެވެ. އަދި މިސްކިތްތައް ފަދަ މާތް ތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުމުގެ މަސައްކަތުގައިވެސް އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގެންނެވިއެވެ.
ސަޢުދީގެ ޑެޕިޔުޓީ އެމްބެސެޑަރ ދެއްކެވި ވާހަކައިގާ މިސްކިތްތަކުގެ މާތްކަން ފާހަގަކުރައްވާ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ބިނާ ކުރުމަށް މިހާރުވެސް ދެ ޤައުމުން ގުޅިގެން މިކުރާ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށާއި މިއީ ހެޔޮ ނިޔަތެއްގައި ކުރެވޭ މާތް މަސައްކަތްތަކެއް ކަމަށް ވިދާޅުވިއެވެ.
އަދި މިސްކިތްތައް ބިނާ ކުރުމަށް ފަހުވެސް އެތަންތަން ބެލެހެއްޓުމުގައި ސަޢުދީ ސަރުކާރަށް ވެދެވެން ހުރި އެހީތެރިކަމެއް ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.
ކުމުންދޫގައި ޢިމާރާތްކޮށް ހުޅުވި މިސްކިތަކީ ދިވެހި ސަރުކާރުގެ ފަރާތުން 6.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ބިނާކޮށްފައިވާ ޒަމާނީ ފެންވަރުގެ މިސްކިތެކެވެ. 504 މީހުންގެ ޖާގައިގެ މި މިސްކިތުގެ ޢަމަލީ މަސައްކަތް ނިންމާފައިވަނީ 2016 މާރޗު 16 ވަނަ ދުވަހުއެވެ.
ހދ. ކުމުންދޫއަށް މިނިސްޓަރ މިކުރެއްވި ދަތުރުފުޅުގައި ކުމުންދޫ ކައުންސިލާއި ބައްދަލުކުރައްވާ ރަށުގެ އާންމު ޙާލަތާއި ބެހޭ ގޮތުންނާއި އެރަށުގެ ހުރިހާ ދާއިރާއަކުންވެސް ދިމާވެފައިވާ ދަތިތަކާއި ބެހޭ ގޮތުން މަޢުލޫމާތު އޮޅުންފިލުއްވިއެވެ.
ނޭކުރެންދޫ މިސްކިތް މަސްޖިދުއް ތަޤްވާ ހުޅުވުމަށް މިއަދު އަސުރު ނަމާދަށް ފަހު އެމިސްކިތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެ މިސްކިތްވެސް ރަސްމީކޮށް ހުޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ބާޤިރާއި ސަޢުދީ ސަރުކާރުގެ ފަރާތުން ދިވެހި ސަރުކާރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ނާއިބު މުތުރިކް އައްދައުސަރީ އާއި ސައުދީ އެމްބަސީގެ އިތުރު ބޭފުޅެކެވެ.
މިނިސްޓްރީގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި މިއަދުގެ ޢަޞުރު ނަމާދަށް ފަހު ވާހަކަ ދައްކަވަމުން މިނިސްޓަރ ވަނީ ހިތްތަކުގައިވާ ދީނީ ފިކުރު ވަރުގަދަ ކުރުމަށާއި މިފަދަ ދީނީ ކަންތަކުގައި ސަޢުދީ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ މިކަމުން ދޭހަ ކޮށްދެނީ ސަޢުދީ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދުގައިވާ ގާތް ހަރުދަނާ ގުޅުން ކަމަށާއި މިފަދަ މަޝްރޫޢުތައް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެއްވާތީ ސަޢުދީ ރަސްގެފާނު ކިންގ ސަލްމާން ބުން ޢަބްދުލް ޢަޒީޒް އާލް ސަޢޫދަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
”ދީނީ ފިކުރަކީ އެހެން ހުރިހާ ފިކުރުތަކަށް ވުރެ މުހިންމު ވާން ޖެހޭ ފިކުރު. ދީނީ ފިކުރަށް ވުރެ ދުނިޔަވީ ވިސްނުންތައް އިސްކުރެވިގެން ނުވާނެ.“ މިނިސްޓަރ ވިދާޅުވިއެވެ. އަދި “ ހަރުދަނާ ރީތި އިޖްތިމާއީ ފޭރާމެއް ހުރި ރައްޔިތެއް ބިނާ ކުރެވޭނީ ދީނީ ފިކުރު ހަރުދަނާ ކޮށްގެން “ ކަމަށާއި “ އިސްލާމީ ރީތި އާދަތައް އަށަގަންނަވައިގެން“ ކަމަށްވެސް ޑރ. އަޙްމަދު ޒިޔާދު ބާޤިރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ ފެންވަރުގައިވެސް އެންމެ ރީތި ސާފު މިސްކިތް ހުރީ ރާއްޖޭގައި ކަމަށާއި ހަމައެގޮތަށް އަހަރުމެންގެ ހިތްތައް ވެސް ރީތިކޮށް ސާފު ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ޤުރުއާނާއި ކައިރިވެ ހަދީޘް ދަސްކޮށް މިސްކިތުގައި ނަމާދު ކުރުން އިތުރު ކުރަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސަޢުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މިހާތަނަށް ވަނީ 4 މިސްކިތެއް ބިނާކޮށްދެއްވާފައެވެ. އެއީ ލ. އަތޮޅުގެ 1 މިސްކިތާއި، ރ އަތޮޅުގެ ދެ ރަށެއްގައި 2 މިސްކިތާއި އަދި މިރަށުގައި ހުޅުވިގެން މިދިޔަ މިސްކިތެވެ.
ނޭކުރެންދޫގައި މިއަދު މި ހުޅުވީ 504 މީހުންގެ ޖާގައިގެ މިސްކިތެކެވެ. ޒަމާނީ ފެންވަރަށް ޢިމާރާތްކޮށްފައިވާ މި މިސްކިތަކީ ސަޢުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 5.6 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.