ޚަބަރު ފީތާ

ޔޫރޯ 2020: ތުރުކީ ބަލިކޮށް ވޭލްސް އިން ދެވަނަ ބުރުގެ އުންމީދު އާކޮށްފި

ޔޫރޯ 2020 ގެ ގްރޫޕް އޭ ގައި ރޭ ތުރުކީއާއި ދެކޮޅަށް ކުޅުނުު މެޗުން ވޭލްސް މޮޅުވެއްޖެއެވެ.

ބަކޫ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ވޭލްސް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވޭލްސްއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 42 ވަނަ މިނެޓުގައި ވޭލްސްއިން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. ބޭލްގެ އެހީތެރިކަމާއިއެކު މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އާރޮން ރަމްސޭއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ވޭލްސްއިން ނިންމާލިއިރު، ފަހުހާފުގެ 61 ވަނަ މިނެޓުގައި ވޭލްސްއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ކެޕްޓަން ބޭލް ފޮނުވާލި މި ޕެނަލްޓީ ގޯލާ އަމާޒުނުވެ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. ވޭލްސްއިން މެޗުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޓައިލާ ރޮބާޓްސް އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ބޭލްގެ އެހީތެރިކަމާއިއެކުގައެވެ.

މި ނަތީޖާއާއެކު ކުޅުނު ދެ މެޗުން ވޭލްސްއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އިޓަލީ އޮތީ ކުޅުނު އެއް މެޗުން ލިބުނު ތިން ޕޮއިންޓާއެކުގައެވެ. އެހެންކަމުން ސްވިޓްޒަލެންޑް ބަލިކޮށް އިޓަލީއަށް ގްރޫޕްގެ އެއްވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ. މި މެޗުން ބަލިވި ތުރުކީ މިހާތަނަށް މެޗަކުން މޮޅުވެފައެއް ނުވެއެވެ. އެހެން ކަމުން އެޓީމަށް ވަނީ ދެވަނަބުރުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެފައެވެ.

Like
Like Love Haha Wow Sad Angry