ޚަބަރު ފީތާ

އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުމެއް މި މަހު 21 ގައި ބާއްވަނީ!

ޖިންސީ ގޯނާގެ ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުމެއް މި ޖޫން މަހު ބޭއްވުމަށް ތާވަލުކޮށްފި އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި އަޑުއެހުން ތާވަލުކޮށްފައިވަނީ މި ޖޫން މަހުގެ 21 ވަނަ ދުވަހަށެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ މި ދައުވާގެ އަޑުއެހުމެއް މިމަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ވެސް ކުރިން ތާވަލު ކުރިއެވެ. ނަމަވެސް އެ އަޑު އެހުން ކެންސަލްކުރީ އަލީ ވަޙީދު ހާޒިރުނުވުމުން ނެވެ.

އަލީ ވަހީދަށް ބޭސްފަރުވާއަށް ބޭރަށް ފުރުމުގެ ހުއްދަ ދިނީ ކްރިމިނަލް ކޯޓުން ދީފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހު އެވެ. އަދި އޭނާ ރާއްޖެއިން ބޭރުގައި ހުންނެވުމަށް ދިން ހަތަރު މަހުގެ މުއްދަތު ހަމަވެފައިވާއިރު، އަދިވެސް އޭނާ ރާއްޖެ ނާދެއެެވެ.

އޭނާ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިއުމަށް ހުއްދަ ދީފައިވަނީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަސްއަދު ޢަލީ (އަޑޭ) ޖާމިނުވުމަށް ފަހު އެވެ.

މުއްދަތު ހަމަވިއިރު ވެސް ރާއްޖެ ވަޑައިނުގަތް އަލީ ވަނީ އޮންލައިންކޮށް ޝަރީއަތްތަކުގައި ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެދިވަޑައިގެންފަ އެވެ.

އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފަ އެވެ.

ޖިންސީ ގޯނާގެ ގިނަ ތުހުމަތުތަކެއް ކުރެވޭ އަލީ ވަހީދު ރާއްޖެއިން ބޭރަށް ދާން ހުއްދަ ދިނުމުން ގިނަ ބަޔަކު ވަނީ އެއީ މިސަރުކާރުން ރާވައިގެން ހިންގި ޖަރީމާއެއް ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: