ދެމަފިރިންގެ ހައްޤުތަކަކީ ކޮބާ!

ކައިވެންޏަކުން ގުޅިގެންދާ ޒަވާޖީ ގުޅުމަކީ ވަރަށްމާތް މަތިވެރި ގުޅުމެކެވެ. އިސްލާމް ދީނުގައި މިގުޅުން ހަރުދަނާކުރުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައި ވެއެވެ. މިގޮތުން ޒަވާޖީ ޙަޔާތެއް ފެށުމަށް ބައިވެރިޔަކު ޚިޔާރުކުރުމާއި، ކައިވެނި އަޤުދު ކުރުމާއި، ކައިވެންޏަށްފަހު ދެމަފިރިން އެކަކު އަނެކަށް އަދާކުރަންޖެހޭ ޙައްޤުތަކާ ބެހޭ މައުލޫމާތު ކީރިތި ޤުރްއާނާއި ރަސޫލާ ﷺ ގެ އިރުޝާދުފުޅުތަކުން ވަރަށް ފުރިހަމަ ލިބެއެވެ. މިގޮތުން ބަލާއިރު ދެމަފިރިން އެކަކު އަނެކަކަށް އަދާކުރަންޖެހޭ ޙައްޤުތަކުގެ ތެރޭގައި ފިރިމީހާ އަނބިމީހާއަށް އަދާކުރަންޖެހޭ ޙައްޤުތަކާއި، އަނބިމީހާ ފިރިމީހާއަށް އަދާކުރަންޖެހޭ ޙައްޤުތަކުގެ އިތުރުން ދެފަރާތުން އެކަކު އަނެކަކަށްޓަކައި އަދާކުރަންޖެހޭ ޙައްޤުތައް ވެއެވެ.

ފިރިމީހާގެ ފަރާތުން އަނބީމީހާއަށް ލިބިދޭން ޖެހޭ ޙައްޤުތަކުގެ ތެރޭގައި މާލީގޮތުން ލިބިދޭން ޖެހޭ ޙައްޤުތަކާއި މުދަލާ ގުޅުމެއްނެތް ޙައްޤުތައް ހިމެނެއެވެ. މާލީގޮތުން ފިރިމީހާ އަނބިމީހާއަށް ދޭންޖެހޭ ޙައްޤުތަކުގެ ތެރޭގައި ހިމެނެނީ ކައިވެނީގެ ރަންދިނުމާއި ދިރިއުޅުމުގެ ޚަރަދުތައް ހަމަޖައްސައި ދިނުމެވެ. ކައިވެނީ ގެ ރަނަކީ ފިރިމީހާގެ މުދަލުން އަނބިމީހާއަށް ދިނުން ވާޖިބުވާ އެހީއެކެވެ. އެއީ އަނބިމީހާގެ ފުރިހަމަ ޙައްޤެކެވެ. އަނބިދަރީންގެ ބަނޑުފުރާނަ މުއްތިކުރުމާއި އުނުއޮރިޔާންނިވާކުރުމުގެ ހުރިހާ ޚަރަދެއްގެ ޒިންމާއުފުލަން ޖެހޭނީ ފިރިމީހާއެވެ. އެހެންކަމާއިއެކު އާމްދަނީ ހޯދުމަށްޓަކައި އެމީހަކާ އެކަށޭނަ ރަނގަޅު މަސައްކަތެއް ކުރުމަކީ ކޮންމެ ފިރިއެއްގެ މައްޗަށް ލާޒިމު ކަމަކެވެ. ކަންނެތްކަމާއިއެކު އަތުންފައިން މަސައްކަތެއް ނުކޮށް، އަނބިމީހާ ވަޒީފާ އަދާކޮށްގެން ހޯދާ އާމްދަނީއިން ދިރިއުޅުމުގެ ޚަރަދުތައް ހަމަޖައްސާ ފިރިން މަދުންނަމަވެސް މި މުސްލިމް މުޖުތަމަޢުގައި އުޅޭ ކަމީ ހިތާމަހުރިކަމެކެވެ.

އިޝްތިހާރު Below Header ad

އަނބިމީހާއަށް ލިބިދޭންޖެހޭ ހަމައެކަނި ޙައްޤަކީ ބޭނުންވާ ކަންކަމަށް ޚަރަދުކުރާނެ މުދަލާއި ފައިސާ ދިނުންކަމަށް ދެކޭ މީހުން ވެސް މިއަދުގެ މުޖުތަމަޢުގައި މަދެއްނޫނެވެ. އެހެނަސް އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަންވާނީ ﷲ އާއި އެކަލާނގެ ރަސޫލާ ﷺ ކަނޑައަޅުއްވާފައިވާ ގޮތްތަކަށް ތަބާ ވުމަށެވެ. ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި އަނބި މީހާއަށް ގޯނާ ނުކުރުމާއި އޭނާއާއެކު ރިވެތިގޮތުގައި ދިރިއުމަކީ ފިރިމީހާ އަނބިމީހައަށް ދޭންޖެހޭ ޙައްޤެކެވެ. ވުމާއިއެކު ގޭތެރޭގެ މަސައްކަތުގައި އަނބިމީހާއާއި ބައިވެރިވުމާއި، އޭނާ އުފާވާ ކަހަލަ ކަންކަން ކުރުމާއި، ދެމީހުންގެ ދެމެދު އޮންނަ ގުޅުން ހަރުދަނާ ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ގެވެށި އަނިޔާއަކީ މި މުޖުތަމަޢުގައި ވެސް ވަރަށް ހަލުވިކަމާއިއެކު ފެތުރެމުންދާ ނުރައްކާތެރި ވަބާއެކެވެ. އާންމުގޮތެއްގައި ފެންނަނީ ފިރިމީހާ އަނބިމީހާއަށް ގޯނާކޮށް ނިކަމެތިކޮށް ހިތައިގެން ދިމާވާ މައްސަލަތަށް ކަމުގައި ވިޔަސް، އަނބިމީހާ ފިރިމީހާއަށް ގޯނާކުރުމުގެ މައްސަލަތަކަކީވެސް މިހާރުގެ މި ދިވެހި މުޖުތަމައުން ފެންނަ ހިތާމަވެރި މަންޒަރެކެވެ.

ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި އަނބިމީހާގެ ފަރާތުން ފިރިމީހާއަށް ލިބެންޖެހޭ ޙައްޤުތަކުގެ ތެރޭގައި އަނބިމީހާ ފިރިމީހާއަށް ކިޔަމަންވުމާއި، ފިރިމީހާގެ ހުއްދަނެތި އޭނާގެ ގެއަށް އެއްވެސްމީހަކު ނުވެއްދުމާއި، ގެއިންބޭރަށް ދިއުމުގައި އޭނާގެ ހުއްދަ ހޯދުމާއި، އޭނާއަށް ޚިދުމަތްކޮށް ހެޔޮގޮތުގައި އެކުގައި ދިރިއުޅުން ހިމެނެއެވެ. ﷲ އަށް އުރެދުމެއްނުވާ ކޮންމެ ކަމެއްގައި އަނބިމީހާ ފިރިމީހާއަށް ކިޔަމަށްވާން ޖެހޭނެއެވެ. އަޅުގަނޑުމެންގެ މުޖުތަމަޢަށް ނަޒަރު ހިންގާލާއިރު ގިނަ ޢާއިލާތަކުގައި ކަންހިނގާތަން ފެންނަނީ މިދެންނެވި ގޮތާއި ވަރަށްވެސް ދުރުގޮތަކަށެވެ. ފިރިމީހާއަށް ދޭންޖެހޭ ޤަދަރާއި އިޙްތިރާމް އަނބިމީހާގެ ފަރާތުން ނުފެންނަ އެތައް ޢާއިލާއެކެވެ. ގިނަފަހަރަށް ފިރިމީހާއަށް އަނބިމީހާ ވީތަނެއް، އަނބިމީހާއަށް ފިރިމީހާ ވީތަނެއް އެނގޭކަމަކަށް ނުވެއެވެ. ބޭރަށްދާއިރު ފިރިމީހާގެ ހުއްދަހޯދުން އެއްކިބައިގާ އޮއްވާ އޭނާ ގާތު “މިދަނީ ބޭރަށޭ” މިފަދައިން ބުނެލުންވެސް އެއީ މުހިއްމު ކަމެއް ކަމަށް ނުދެކޭ އަނބިން ވަރަށްވެސް ގިނައެވެ. ބައެއް ޢާއިލާތަކުގެ ޙާލަތު މިހެން ހުރިނަމަވެސް ފިރިންގެ ޙައްޤުތައް އަދާކުރުމުގައި ފަރުވާތެރިވާ އަބިން މިދިވެހި މުޖުތަމަޢުގައިވެސް އުޅޭކަން އުފަލާއި އެކު ފާހަގަ ކުރަމެވެ.

couple

ދެމަފިރިއެއްގެ ޒަވާޖީ ގުޅުމާއިއެކު އުފެދޭ ޢާއިލާގެ މައިގަނޑު މަޤުޞަދަކީ ހެޔޮގޮތުގައި ތަރުބިއްޔަތުވެފައިވާ ހަރުދަނާ ޖީލެއް ބިނާކުރުމެވެ. ދަރިންހޯދައި، އެދަރިންނަށް ފުރިހަމަ ތަރުބިއްޔަތެއް ދިނުމެވެ. ތަފާތު ޢާއިލާތަކުގައި އަނބިމީހާއާއި ފިރިމީހާގެ ދައުރު ރޭވިފައިވަނީ ތަފާތުކޮށެވެ. ގިނަ ޢާއިލާތަކުގައި ދަރިން ތަރުބިއްޔަތުކުރުމުގެ ހުރިހާ ކަމެއްވެސް ބެލެވިފައި އޮންނަނީ ހަމައެކަނި އަނބިމީހާގެ ޒިންމާއެއްކަމުގައިއެވެ. ފިރިމީހާއަކީ ހަމައެކަނި ދިރިއުޅުމަށް ބޭނުންވާ ވަސީލަތްތައް ހޯދައިދޭ މީހާ ކަމަށް އެފަދަ ޢާއިލާތަކުގައި އޮންނަނީ ޤަބޫލުކުރެވިފައެވެ. ނަމަވެސް ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ ދަރިން އުފަންކުރުމުގައި ދެމީހުންގެ ދައުރުވީ ފަދައިން އެ ދަރިން ބަލައި ބޮޑުކޮށް ތަރުބިއްޔަތުކުރުމުގައިވެސް ދެފަރާތުގެ ފުރިހަމަ ހިއްސާ އޮންނަންޖެހޭނޭކަމެވެ. އަޅުގަނޑުމެން އަބަދުވެސް ނަމޫނާއަކަށް ބަލަންވާނީ ކީރިތި ރަސޫލާ މުޙައްމަދު ﷺ އާއި އެކަލޭގެފާނުންގެ ޞަޙާބީން ދެއްކެވި ނަމޫނާއަށެވެ. ރަސޫލް ﷺ އަކީ ގޭތެރޭގެ ދިރިއުޅުއްވުމުގައި އަނބިއަނބިކަނބަލުންނަށް އެހީތެރިވެ ވަޑަގެންނެވުމުގައި އެފަދަ ދެވަނައެއްނެތް ނަމޫނާއެކެވެ. އެކަލޭގެފާނުންގެ މާތް ޚުލްޤުފުޅުން ދަރުސްތައް ޙާޞިލްކޮށް ޒަވާޖީ ޙަޔާތް ބާއްޖަވެރިކުރުމަށް ގަދައަޅައި މަސައްކަތްކުރާ ބަޔަކު ކަމުގައި އަޅުގަނޑުމެންގެ ތެރޭން ކޮންމެ ދެމަފިރިއަކުމެ ލައްވާށިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.