ކެނެޑާގެ މުސްލިމް އާއިލާއަށް ދިން ހަމަލާއާއި ދެކޮޅަށް އެތައް ހާސް ބަޔަކު ހިނގާލުމެއް ބާއްވައިފި
ފާއިތުވި އާދީއްތަ ދުވަހު ކެނެޑާގައި ޕިކަޕަކުން ޖައްސައި މަރާލި މުސްލިމް އާއިލާއަށް ތާއީދުކޮށް، އަދި މި ހަމަލާއާއި ދެކޮޅަށް އެތައް ހާސް ބަޔަކު ހިނގާލުމެއް ބާއްވައިފިއެވެ.
ހަވީރުގަޑީގައި ހިނގާލުމަށް ނިކުމެ އުޅެނިކޮށް އެމީހުން ދިރިއުޅޭ ގެ ކައިރިން ޕިކަޕެއްގައި ބާރު ދުވެލީގައި އައިސް ޖެއްސުމުން މުސްލިމް އެއް އާއިލާގެ 4 މެމެބަރުން ވަނީ ޝަހީދުވެފައެވެ. ހަމައެކަނި ސަލާމަތްވީ 9 އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ. މި ހަމަލާ ދީފައި ވަނީ އުމުރުން 20 އަހަރުގެ ނަތަނީލް ވެލްޓްމަން ކިޔާ މީހެކެވެ. ހަމަލާ ދިން މީހާ ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.
ހިނގާލުން ކުރިއަށް ގެންގޮސްފައި ވަނީ ނަތަލީން އެއާއިލާއަށް ހަމަލާ ދިން ހިސާބުން ފެށިގެން އޭނާ ހައްޔަރު ކުރި ހިސާބާއި ހަމައަށެވެ. އެއީ 7 ކިލޯމީޓަރު ދުރުގައި ހުރި މިސްކިތެއް ކައިރިންނެވެ. ހިނގާލުމުގެ ބައިވެރިން ވަނީ، ކެނެޑާގައި ނަފްރަތައް ޖާގައެއް ނެތްކަމަށް ބުނެ އެމީހުންގެ ޝޫޢޫރުތައް ފާޅުކޮށްފައެވެ.
ކެނެޑާގައި މުސްލިމުންނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް ކެނެޑާގެ އެތައް ހިސާބެއްގައި ދަނީ އެއްވުންތައް ބާއްވަމުންނެވެ. އެގޮތުން ޓޮރޮންޓޯ، އޮޓާވާ، މޮންޓްރެއާލް އަދި ކޫބެކްގައި ވެސް ވަނީ ހިނގާލުން ބާއްވާފައެވެ.
ފަހަކަށްއައިސް ކެނެޑާގައި މުސްލިމުންނަށް ދެވޭ ހަމަލާތައް ވަނީ އިތުރުވެފައެވެ. އެގޮތުން 2017 ގައި ކޫބެކްގެ މިސްކިތަކަށް މީހަކު ވަދެ ބަޑިން ދިން ހަމަލާގައި 6 މުސްލިމުން ޝަހީދު ކޮށްލާފައިވެއެވެ. އަދި އެހަމަލާއަށް ފަހު މުސްލިމުންނަށް ދޭ ހަމަލާތަކާއި މުސްލިމުންނާމެދު ފަތުރަމުންދާ ނަފުރަތު ހުއްޓާލުމަށް ފިޔަވަޅުތަކެއް އެޅުމަށް ކެނެޑާގެ އެތައް ސިޔާސީ ވެރިންނެއް ވަނީ ގޮވާލާފައެވެ.
ހަމަލާއަށް ފަހު ބުރާސްފަތި ދުވަހު ޝަރީއަތައް ވެލްޓްމަން ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ، އަދި އިތުރު އަޑުއެހުމަކަށް އަންނަ ހޯމަ ދުވަހު ވެސް ކޯޓަށް ހާޒިރު ކުރުމަށް ތާވަލް ކޮށްފައިވެއެވެ. ވެލްޓްމަންއާއި ދެކޮޅަށް ގަސްތުގައި މީހަކު މެރުމުގެ 4 ދައުވާއާއި އަދި ގަސްތުގައި މީހަކު މަރަން މަސައްކަތް ކުރުމުގެ އެއް ދައުވާ އުފުލާފައިވެއެވެ.
ކެނެޑާގެ ބޮޑު ވަޒީރު ޖަސްޓިން ޓްރެޑޯ މި ހަމަލާ ސިފަކުރައްވާފައި ވަނީ މިއީ ނިރުބަވެރި ޙަމަލާއެއްގެ ގޮތުގައެވެ. އަދި ނަފްރަތުގެ ސަބަބުން ކުރާ މިފަދަ ކުށްތައް ހުއްޓުވާނެ ކަމަށް ވަޢުދު ވެފައިވެއެވެ.
މި ހަމަލާ ތަހުގީގު ކުރުމުގައި އެންމެ އިސްކޮށް ހުންނެވި ޑިޓެކްޓިވް ސުޕްރިންޓެންޑެންޓް ޕޯލް ވެއިޓް ބުނެފައި ވަނީ، މިއީ ކުރިން ދުރާލާ ރާވައިގެން ދީފައިވާ ޙަމަލާއެއް ކަމަށާއި، އަދި މިއީ މުސްލިމުންނަށް ޓަކައި އޮތް ނަފްރަތުގެ ސަބަބުން ދީފައިވާ ޙަމަލާއެއް ކަމަށެވެ.