ކާރނަލް އަބްދުއްރަހީމްގެ ނަމުގައި ދައުރުވަނީ ފޭކް އެކައުންޓެއް: އެމްއެންޑީއެފް
އެމްއެންޑީއެފް ގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމްގެ ނަމުގައި ދައުރުވަމުން ދަނީ ފޭކް އެކައުންޓެއް ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
އެ އިދާރާއިން މިހެން ބުނީ އަބްދުއްރަހީމް ގެ ނަމުގައި ޓްވިޓަރ ގައި ޓްވީޓެއް ދައުރުވަމުންދާތީ އެމްއެންޑީއެފް މީޑިއާ ވައިބަރ ގްރޫޕުގައި ސުވާލު ކުރުމުން ނެވެ.
އާޒިމް ވިދާޅުވީ ޢަބްދުއްރަހީމް ޓްވިޓަރ އެކައުންޓެއް ބޭނުން ނުކުރައްވާ ކަމަށެވެ. އަދި އެއީ ބަޔަކު ހަދައިގެން އުޅޭ އެކައުންޓެއް ކަމަށެވެ.
މީގެ އިތުރުން ޢަބްދުއްރަހީމް މިހާރު އުޅުއްވަނީ ނެޝަނަލް ކައުންޓަރ ޓެރަރިޒްމް ސެންޓަރުގައި ނޫން ކަމަށް ވެސް ޢާޒިމް ވިދާޅުވި އެވެ.
ޓްވިޓަރ ގައި ހަދާފައިވާ މިއެކައުންޓުގައި “އަމާޒަކީ ދައުލަތުގެ ރައްކާތެރިކަމުގެ ދަށުގައި ތިބި އެންމެހާ ވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުން” ކަމަށް ވަނީ ބުނެފަ އެވެ.