ކާޑޭޝަންސްގެ ރިއަލިޓީ ޝޯ ނިންމާލީ، ކެންޔޭ ކައިރިން ވަރިވާން ކިމް ބޭނުންވާ ސަބަބު ބުނެދީފަ
އެމެރިކާގެ މަޝްހޫރު ރިއަލިޓީ ޝޯ “ކީޕިން އަޕް ވިތް ކާޑޭޝަން” 20 ސީޒަނަށް ފަހު ކާމިޔާބު ކަމާއި އެކު ނިންމާލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެޝޯގައި ފެނިގެންދިޔައީ މަޝްހޫރު ފަންނާނު ކިމް ކާޑޭޝަންގެ އާއިލާގައި ހިމެނޭ މެމްބަރުންގެ އާންމު ދިރިއުޅުމާއި ވިޔަފާރި އާއި އެނޫންވެސް ދިރިއުޅުމުގައި ހިނގާ ހުރިހާ ކަމެކެވެ. އޭގެ ތެރެއިން ދުނިޔޭގެ ސަމާލުކަން އެންމެ ބޮޑަށް ލިބުނީ ކިމްގެ ދިރިއުޅުމަށެވެ.
ޝޯ ކުރިޔަށް ދަނިކޮށް އޭނާ ކެންޔޭ ވެސްޓް އާއި ކައިވެނިކޮށްފައިވާއިރު އެ ކައިވެންޏަށް ހަތަރު ދަރިން ލިބިފައިވެ އެވެ. ޝޯއިންނާއި އަމިއްލަ ބިއުޓީ ޕްރޮޑަކްޓްތަކުން ލިބުނު ފައިސާއިން މިއަހަރުގެ މާޗް މަހުގެ ތެރޭގައި ކިމް ވަނީ ބިލިއަނަކަށްވެފައި އެވެ.
އެކަމަކު އެންމެ ބޮޑު ޝޮކެއް މުނިފޫހިފިލުވުމުގެ ދާއިރާއަށް ލިބުނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ފިރިމީހާ ކެންޔޭ ކައިރިން ވަރިވާން ކިމް ކޯޓަށް ސިޓީލުމުންނެވެ. އޭގެ ފަހުން ދެމީހުންގެ ދިރިއުޅުން މުޅިން ވަކިވެފައިވާއިރު ދަރިންގެ ކަންކަމުގައި ނޫނީ މުއާމަލާތްކޮށް ނުހަދަ އެވެ.
ކާމިޔާބު ކަމާއި އެކު ޝޯ ނިންމާލި ފަހު އެޕިސޯޑުގައި ވާހަކަ ދައްކަމުން ކިމް ބުނީ ދަރިންނާއި އާއިލާ ކައިރީގައި ތިބުމުން ހިތްހަމަ ޖެހުމާއި އުފާވެރިކަން ލިބޭނެ ކަމަށް އުންމީދު ކޮށްގެން ހުރިނަމަވެސް އޭނާގެ ދިރިއުޅުން ވަރަށް އެކަނިވެރިކަމަށެވެ. އެކަމަކު ކެންޔޭ ކައިރިން ވަރިވާން ނިންމައިގެން ސިޓީލީ އޭނާ އާއި އެކު އެގޮތަށް ދިރިއުޅުން އުޅެން ބޭނުން ނުވާތީ ކަމަށް ބުންޏެވެ.
ކިމް ބުނީ ކައިވެނިކޮށްގެން ވޭތުވެދިޔަ ހަ އަހަރު ކެންޔޭ ދިރިއުޅެމުން ދިޔައީ އެމެރިކާގެ އެހެން ސްޓޭޓެއްގައި ކަމަށެވެ. ކިމް ބުނީ ކުރިން ގަބޫލު ކުރެވުނީ އޭނާ އެއް ސްޓޭޓުން އަނެއް ސްޓޭޓަށް އެކުރާ ދަތުރުތަކަކީ މައްސަލައެއް ނޫން ކަމަށެވެ.
އެކަމަކު އުމުރުން 40 އަހަރުވުމުން އެގޮތް އޯކޭއެއް ނުވިކަމަށާއި އެހެން ސްޓޭޓެއްގައި ދިރިއުޅޭ ފިރިއަކު ބޭނުން ނުވި ކަމަށެވެ.
ކިމް ބުނީ ބޭނުންވަނީ އޭނާ އާއި އެކު ދިރިއުޅެ، ހިޔާލާއި ފިކުރު އެއްގޮތް މީހެއް ކަމަށެވެ.
ކިމް އަކީ އަބަދުވެސް ގަދައަޅާ ކޮންމެ ކަމަކަށް މަސައްކަތް ކޮށް އެކަމެއް ކާމިޔާބުކޮށް ހާސިލް ކުރާ މީހަކަށް ވާތީ އޭނާ ގަބޫލު ކުރާގޮތުގައި ކުރިޔަށް އޮތްތާ އެކަނިވެރިކަން ފިލައި، އުފާވެރި ދިރިއުޅުމެއް ލިބޭނެ އެވެ.