ޚަބަރު ފީތާ

ވިއްސާރައިގަ ބިންގަނޑު ދަަަމައިގަނެ، މުމްބާއީގެ އިމާރާތެއް ވެއްޓި 11 މީހުން މަރުވެއްޖެ

އިންޑިއާގެ މުމްބާއީގެ މަލަދް ވެސްޓުގެ ސްލަމެއްގެ އިމާރާތެއް ވެއްޓި 11 މީހުން މަރުވެއްޖެ އެވެ.

ސްލަމްތަކުގައި ދިރިއުޅޭނީ ފަގީރު އަދި ވަރަށް އާދައިގެ ދިރިއުޅުން އުޅޭ މީހުންނެވެ. އިންޑިއާގެ ސްލަމްތައް ހުންނާނީ ގިނަ ގެތަކާއި ކުދި އިމާރާތްތަކުން ތޮއްޖެހި ފުރިފަ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ރޭ ދަންވަރު ހިނގި މިހާދިސާގައި މިހާތަނަށް އިމާރާތުގެ ދަށުން މަރުވެފައިވާ 11 މީހުން ފެނިފައިވާއިރު އޭގެ ތެރޭގައި އަށް ކުޑަކުދިން ހިމެނެ އެވެ. އަދި ޒަހަމް ތަކާއި އެކު ދިރިހުރި އަށް މީހުން ސަލާމަތް ކޮށްފައިވެ އެވެ.

ސަލާމާތް ކުރި މީހުންނަށް ދަނީ އެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންނެވެ.

ތިން ފަންގިފިލާއަށް ހުރި އެ އިމާރާތް ވެއްޓިފައިވަނީ މިހާރު މުމްބާއީއަށް ކުރަމުންދާ ވިއްސާރައިގަ ބިންގަނޑު ދަމައިގަނެގެންނެވެ. އެހެންވެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އެ ސަރަހައްދުގައި ހުރި އެހެން ގެތަކުގައި ދިރިއުޅެމުންދާ އެތައް ހާސް ބަޔަކު ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކުރަން ފަށާފައި އެވެ.

ކޮންމެ އަހަރެއްގެ ވިއްސާރަ މޫސުން ކަމަށްވާ ޖޫން އިން ފެށިގެން ސެޕްޓެމްބަރު މަހާއި ދޭތެރޭ އިންޑިއާގެ ފަގީރުން ދިރިއުޅޭ ސަރަހައްދުތަކުގައި ބިންގަޑު ދަމައިގަނެގެން އިމާރާތް ވެއްޓުމަކީ އާންމު ކަމެކެވެ. އެއީ އެ އިމާރާތްތަކުގެ ފައުންޑޭޝަން ރަނގަޅަށް އެޅިފައި ނުހުންނާތީ  ދިމާވާ މައްސަލައެއް ކަމަށް އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.

މިހާރު އިންޑިއާގެ ސްޓޭޓްތަކަށް ކުރަމުންދާ ވިއްސާރައިގަ އިއްޔެ ދުވާލު އެކަނި މުމްބާއީއަށް 222 މިލިލީޓަރުގެ ވާރޭ ވެހިފައިވެ އެވެ.