
އަތޮޅު ތެރެއަށް 96 އެމްބިއުލާންސް ގެނައުމަށް އެސްޓީއޯ އާ ޙަވާލުކޮށްފި
އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސްއާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ (އެސްޓީއޯ) އާއެކު މިނިސްޓްރީ އޮފް ހެލްތުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެސްޓީއޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އަޙްމަދު ނަސީމެވެ. މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އިބްރާހީމް އަމީރެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޢަމްރެވެ.
މި ރަސްމިއްޔާތުގައި ހެލްތު ނަސީމް ވިދާޅުވީ އެމްބިއުލާންސްގެ ޚިދުމަތް އިތުރަށް ފުޅާވެގެން ދިޔުމުން އަތޮޅުތެރޭގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ޙައްލު ލިބިގެންދާނެ ކަމަށެވެ.
އެމްބިއުލާންސްގެ ޚިދުމަތަކީ ކޮންމެ ރަށަކަށް ވެސް މުހިންމު ޚިދުމަތެއްކަން ފާހަގަކުރައްވައި، ބައެއް ރަށްތަކުގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް މެނދުކެނޑިފައި އޮތުމުގެ ސަބަބުން ގިނަ ދަތިތައް ކުރިމަތިވަމުންދާކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
މި އެއްބަސްވުމުގެ ދަށުން އެމްބިއުލާންސް ގެނެވި، އަތޮޅުތެރޭގައި ދޭ ޚިދުމަތް ފުޅާކުރެވުމުން، ކާރިސާގެ ވަގުތުތަކުގައްޔާއި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ޞިއްޙީ ކުއްލިފަރުވާ ފަސޭހަކަމާއެކު ދެވިގެންދާނެ ކަމަށް ވެސް މިނިސްޓަރ ނަސީމް ވިދާޅުވި އެވެ.
މި އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން އެމްބިއުލެންސްތައް މިނިސްޓްރީއަށް ޙަވާލުކުރުމަށް ހަމަޖެހިފައިވަނީ 180 ދުވަހުގެ ތެރޭގަ އެވެ.