ރާއްޖޭގެ ފަތުރުވެރިކަން، މަސްވެރިކަން އަދި އިކޮނޮމިކް ސެކްޓަރތައް ބިނާވަނީ ކަނޑުތަކުގެ ދުޅަހެޔޮކަމަށް: މިނިސްޓަރ ޝައުނާ

ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި، މަސްވެރިކަމާއި އިކޮނޮމިކް ސެކްޓަރތައްވެސް ބިނާވެގެންވަނީ ކަނޑުތަކުގެ ދުޅަހެޔޮކަމުގެ މައްޗަށް ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅިގެން ކޮމަންވެލްތް އިން ބޭއްވި ހައި ލެވެލް ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހުގެ ފަރާތުން ތަގުރީރު ކުރައްވަމުން ނެވެ.

އިޝްތިހާރު Below Header ad

މިނިސްޓަރ ވިދާޅުވީ އެހެންނަމަވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުތައް މާ ބޮޑަށް ހޫނުވެ، އެ ކަނޑުފަޅުތަކުގެ ރީތިކަމަށާއި މުއްސަނދިކަމަށް ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމަށެވެ.

އެގޮތުން މުރަކަތަކަށާއި ފަރުތަކަށްވެސް ގެއްލުން ލިބޭކަމަށާއި ކަނޑުތަކުގެ ދިރުންތަކަށް ގެއްލުން ލިބޭވަރަށް މަސްވެރިކަންކުރުމުގެ ސަބަބުންނާއި ކަނޑުތަކަށް ޕްލާސްޓިކް ކުނި އެޅުމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތައް ކުރިމަތިވާކަމަށް މިނިސްޓަރ ޝައުނާ ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެހެންކަމުން، މިދިޔަ މަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް ވަނީ ކްލައިމެޓް އެމަރޖެންސީ އެކްޓް ބިލް ތަސްދީޤުކުރައްވާފައި ކަމަށާއި 2030 އަންނަން ވާއިރަށް ދިވެހިރާއްޖެއަކީ ނެޓް ޒީރޯ ޤައުމަކަށް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

“އެހެން ނަމަވެސް މިއީ އުނދަގޫ ކަމެއް. މިޓާގެޓް ހާސިލުކުރުމަށް ޓެކްނިކަލް އެހީއާއި ފައިސާގެ އެހީ ބޭނުންވޭ. ކަނޑުގެ މާހައުލުތައް ރައްކާތެރިކުރުމާއިއެކު، ކަނޑުތަކުގެ ވަސީލަތްތަކުން ލިބޭ އިޤްތިޞާދީ ފައިދާ އިތުރުކުރުމުގެ މަޤްޞަދުގައި މެރިން ސްޕޭޝަލް ޕްލޭންތައް ފަރުމާކުރުމުގެ މަސައްކަތްތައް ކުރަމުންދާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާއެއްކަމަށްވާ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއާއި ދިވެހި ސަރުކާރު ގުޅިގެންގެން ރާއްޖޭގައި ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތައް ވަނީ ފަށާފަ. ސައިންޓިފިކް މައުލޫމާތުގެ އަލީގައި އެކުލަވާލެވޭ މިމެރިން ސްޕޭޝަލް ޕްލޭންގެ ސަބަބުން ހިމާޔަތްކުރުމަށް ޚާއްޞަ ސަރަހައްދުތައް ދެނެގަނެވިގެން ދާނެ.” ޝައުނާ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ، ‘ހައި އެމްބިޝަން ކޯލިޝަން’ އަދި ‘ގްލޯބަލް އޯޝަންސް އެލިއަންސް’ ގެ މެމްބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެ ވަނީ 2030 ވަނަ އަހަރަށް ކަނޑުތަކުގެ 30 އިންސައްތަ ހިމާޔަތްކުރުމަށް 70 ޤައުމަކާއި ގުޅިފައި ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކުގެ ސަބަބުން ވަށައިގެންވާ މާހައުލަށާއި ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރާކަމަށާއި އެހެންކަމުން، އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ގިނަ ބާވަތެއްގެ ޕްލާސްޓިކް ދިވެހިރާއްޖެ އެތެރެކުރުމާއި، އުފެއްދުމާއި ވިއްކުން މަނާކޮށް، މި ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެކަންތައް ތަންފީޒުކުރަން ފަށާފައިވާކަމަށެވެ.

Plastic 2

އެގޮތުން، 1 ޖޫން އިން ފެށިގެން، ދިޔާތަކެތި ބުއިމަށް ބޭނުންކުރާ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދައިފައި ހުންނަ ޕްލާސްޓިކް ހޮޅިއާއި، ޕްލާސްޓިކުން ހަދައިފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅާއި، ރާއްޖެއަށް އިމްޕޯޓު ކުރާ  500 މިލިލީޓަރަށް ވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ހިމެނޭގޮތަށް ގިނަ އަދަދެއްގެ ޕްލާސްޓިކް އެތެރެކުރުން މަނާކޮށް ތަންފީޒުކުރަން ފަށާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އަޅުގަނޑުމެންގެ މާހައުލީ ނިޒާމުތައް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކޮށް ބެލެހެއްޓޭނީ ހުރިހާ ޤައުމަކުންވެސް މަސައްކަތްކޮށްގެން ކަމަށާއި މީގެ ތެރޭގައި ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރުންވެސް ހިމެނޭކަމަށެވެ.

އެގޮތުން ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ބެހެއްޓުމަށް މަސައްކަތްކޮށް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގައި ވާގޮތަށް 2020 ވަނަ އަހަރަށް ކަނޑުތަކުގެ 10 އިންސައްތަ ހިމާޔަތްކުރުމުގެ ލަނޑުދަނޑިއަށް ވާސިލުވާންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

Plastic 3

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.