ތިލަމާލެ ބްރިޖް މަޝްރޫޢު ހަވާލު ކުރާނެ ބަޔަކު ކުރިއަށް އޮތް 2 ހަފުތާތެރޭގައި ނިންމަނީ
ތިލަމާލެ ބްރިޖް މަޝްރޫޢު ހަވާލު ކުރާނެ ބަޔަކު ކުރިއަށް އޮތް 2 ހަފުތާތެރޭގައި ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު ވިދާޅުވީ މިހާރު ކުރިޔަށްދަނީ ބިޑުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ކުރިޔަށް އޮތް ދެ ހަފްތާގެ ތެރޭގައި އިވެލުއޭޝަން ނިންމައި މިމަހުގެ ނިޔަލަށް އަމަލީ މަސައްކަތްކުރުމާއި ބަޔަކާއި ހަވާލުކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ބައެއް ކަހަލަ ލަސްތަކެއް ދިމާވެފައިވާ ކަމަށާއި އެގޮތުން ބޮޑެތި ފިޔަވަޅުތަކަކަށްފަހު އިންޑިއާ ފަދަ ބޮޑެތި ގައުމުތައް ހުޅުވާލާފައިވަނީ ދާދި ފަހުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ވިލިމާލެއާއި މާލެއާއި ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބުރިޖްގެ މަސައްކަތް ކުރިއަށް ގެނަދިއުމަށް ހަމަޖެހިފައިވާ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެޅުމަށް ހަމަޖެހިފައިވަނީ އިންޑިއާ ސަރުކާރުގެ އެހީގައި ކަމަށް ވާއިރު، އެ އެހީގެ ބޮޑު ބަޔަކީ ލޯނެވެ.
މި ޕްރޮޖެކްޓްގެ ދަށުން ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އާއި ތިލަ ހިސާބުތަކުގައި އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ރަށްތަކުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި 140 މީޓަރުގެ (3) ނެވިގޭޝަން ބްރިޖް އެޅިގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ.
ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީ.އެމް.ސީ.ޕީ) އަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.
ދާދި ފަހުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ބަޔަކު ކަނޑައެޅުމަށް ފަހު ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަން ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް އެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
މާލެ އާއި ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލަން އަޅާ “ތިލަ މާލެ” ބްރިޖު 2023 ވަނަ އަހަރުގެ ތެރޭގައި ފެނުން މައްޗަށް ފެންނަން ހުންނާނެ ކަމަށް ވިދާޅުވި އެވެ.