އދ ގެ ޢާންމު މަޖިލީހުގެ އިންތިޚާބު މިރޭ
އދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ އިންތިޚާބު މިރޭ އޮންނާނެ އެވެ.
އެ މަޖިލީހުގެ ރިޔާސަތަށް ވަޑައިގަންނަވާނެ ބޭފުޅެއް ކަނޑައެޅުމަށް ބާއްވާ އިންތިޚާބު ޢާންމު މަޖިލީހުގެ ރައީސް ކަމަށް ވާދަ ކުރައްވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި އަފްޣާނިސްތާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ. ޒަލްމާއި ރަސޫލެވެ.
މިއިންތިޚާބުގައި ޢާންމު މަޖިލީހުގައި ހިމެނޭ 193 މެންބަރު ގައުމުގެ މެދުގައި ސިއްރު ވޯޓާއެކު މި އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދާނީ ރާއްޖެ ގަޑިން މިރޭ 7:00 ޖަހާއިރު އެވެ.
އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް އަދި އަފްޣާނިސްތާނުން ވަނީ އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަން މީގެކުރިން ކޮށްފަ އެވެ.
އިންތިޚާބުގެ ކެމްޕޭނުގައި މިނިސްޓަރު ޝާހިދު އެމެރިކާގެ ނިއު ޔޯކްގައި ހުންނަވާތާ މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މެމްބަރު ގައުމުތަކުގެ ތާއީދު ހޯއްދަވަން ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފަ އެވެ.
އދގެ އާންމު މަޖިލިސް ނުވަތަ ޖެނެރަލް އެސެމްބްލީގެ ރިޔާސަތަކީ އެ ޖަމްއިއްޔާގެ އެންމެ އިސް އެއް މަގާމެވެ.
ކޮންމެ އަހަރަކުވެސް އާންމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުކުރާނީ ޖިއޮގްރަފިކް ފަސް ސަރަހައްދުގެ ތެރެއިން ކޮންމެވެސް އެއް ސަރަހައްދަކުންނެވެ.
އެއީ އެފްރިކާ، އޭޝިއާ-ޕެސެފިކް، އީސްޓަރން ޔޫރަޕިއަން، ލެޓިން އެމެރިކާ އެންޑް ކެރިބިއަންގެ އިތުރުން ވެސްޓަރން ޔޫރަޕިއަން ސަރަހައްދެވެ. މިއީ އެއް އަހަރު ދުވަހުގެ ދައުރެކެވެ.
މިހާރު ހިނގަމުންދާ 75 ވަނަ އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަމުންދަނީ ވެސްޓަރން ޔޫރަޕިއަން ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ތުރުކީވިލާތުގެ ބޭފުޅެކެވެ. އަދި 76 ވަނަ ދައުރުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު ލިބިގެންދާނީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ޤައުމަކަށެވެ.
މިނިސްޓަރ ޝާހިދު ވާދަކުރައްވަނީ އޭޝިއާ ޕެސިފިކް ސަރަހައްދަށެވެ.
އދ. ގެ 76 ވަނަ އާންމު މަޖިލިސް ފަށަން ތާވަލްކޮށްފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށެވެ.