ޚަބަރު ފީތާ

41.3 މިލިއަން ރުފިޔާއަށް ހެނބަދޫ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

41.3 މިލިއަން ރުފިޔާއަށް ނ. ހެނބަދޫ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަސައްކަތް ކުރާ އެމްޑަބްލިއުއެސްސީން ބުނީ މިހާރު ކުރިއަށް ދަނީ ފެން ޕްލާންޓް ބަހައްޓާ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމުގެ މަސައްކަތާއި ފެނުގެ މައި ނެޓްވޯކުގެ ހޮޅި ވަޅުލުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން އާރުއޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕުލާންޓު ބެހެއްޓުން ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި 4.83 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމު ކުރުމާއި ފެން ރައްކާކުރުމަށް ތިން ތާންގީ ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން ގޭގޭގައި ފެންމީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށް ނިންމާފައިވާ އިރު، ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނުވެސް ފޯރުކޮށްދޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

ހެނބަދޫގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްްރޫއުގެ މުއްދަތަކީ 15 މަސް ދުވަހެވެ.

Like
Like Love Haha Wow Sad Angry