
އެސްޓީއޯގެ އަމާޒު: ރާއްޖޭގައި ގޮދަށް ފުށް ފެކްޓްރީއެއް ގާއިމުކުރުން
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އަމާޒަކީ ރާއްޖޭގައި ގޮދަށް ފުށް ފެކްޓްރީއެއް ގާއިމުކުރުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެެކްޓަރު ހުސައިން އަމްރު ވިދާޅުވީ ގޮދަން ފުށް ތައްޔާރުކުރުމަށް ވިސްނުން ގެންގުޅެނީ ރާއްޖެ އަށް ގޮވާން އެތެރެކޮށްގެން ކަމަށެވެ.
ވަރޗުއަލްކޮށް ކުރިއަށްގެންދިޔަ އެސްޓީއޯގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އަމްރު ވިދާޅުވީ އެކަން ކުރުމަށްޓަކާ ހަދަންޖެހޭ ދިރާސާތައް ކުރަމުންދާ ކަމަށެވެ. އަދި މިފަދަ ފެކްޓަރީއެއް ކާމިޔާބު ކަމާއެކު ރާއްޖޭގައި ގާއިމު ކުރެވިއްޖެނަމަ، ކާޑުގެ ބާވަތްތައް ހުސްވިޔަނުދީ ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭނެ ކަމަށެވެ.
މީގެ އިތުރުން، ކާޑު އެތެރެކުރުމަށް ކުރާ ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެކަމަށް ވެސް އަމްރު ވިދާޅުވި އެވެ.
“މާލެ ސަރަހައްދުގައި ސެންޓްރެލް ވެއާރހައުސްއެއް ހަދާ، ރާއްޖޭގެ އެކި ހިސާބުތަކުގައި މިފަދަ ގުދަންތައް ހަދާ ޚިދުމަތް ދިނުމަކީ ވެސް އަމާޒެއް. އަދި ސަރަހައްދީ ބަނދަރުތަކަށް ޚާއްސަކޮށް މުދާ ގެނައުން ފުޅާ ކުރަން ވިސްނަން.” އަމްރު ވިދާޅުވި އެވެ.
މީގެއިތުރުން ރާއްޖޭން ބޭރަށް އެސްޓީއޯގެ ވިޔަފާރި ގެންދިއުމަކީ ވެސް މުހިންމު ލަނޑުދަނޑިއެއް ކަމަށް އަމްރު ވިދާޅުވި އެވެ.