ޑރ. ޝައިނީގެ ސިޔާސީ އޮޑި ފައްސިޔައަށް ދުއްވަން ފެށީބާ؟
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގައި އެންމެ ނަގާކިޔާފައި އުޅުއްވި އެއްބޭފުޅަކީ ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ އެވެ.
ރައީސް ޔާމީން އާއި އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހީމް ގެ ވެސް އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ޑރ. ޝައިނީ އަކީ ހުރިހައި ޕާޓީތަކެއް ބައިވެރިވި “ޕާޓީ ޓޯކްސް” ގައި ވެސް އެންމެ އިސް ސަފުގައި ހުންނެވި ފަރާތެވެ.
އެހެންކަމުން ރައީސް ޔާމީންގެ އަރިހުގައި ތިއްބެވި އެންމެން އެކަހެރިވިޔަސް ޑރ. ޝައިނީ އެކަހެރިވެވަޑައިގަންނަވަފާނޭ ކަމަށް ނުވަތަ ރައީސް ޔާމީނާއިދެކޮޅަށް ބަހެއް ބުނެފާނެ ކަމަށް ގިނަ މީހުން ހީވެސް ނުކުރާނެ އެވެ.
ޚާއްސަކޮށް ރިޔާސީ ލޯންޖުކޮޅުގައި އެއްޗެއް ގޮވި ހާދިސާގައި މެޑަމް ފާތުންއަށް އެންމެބޮޑަށް އެހީތެރިވެދެއްވި އެއްބޭފުޅަކީ ވެސް ޑރ. ޝައިނީ އެވެ.
އެހެންނަމަވެސް ޑރ. ޝައިނީގެ ވަރަށް ބޮޑު ފާޑު ވިދާޅުވުމެއް މިވަނީ ރައީސް ޔާމީނަށް އަމާޒު ކުރައްވާފަ އެވެ.
ޑރ. ޝައިނީ މިހާރުވިދާޅުވަނީ ނުވަތަ އެމަނިކުފާނު ވިދާޅުވިކަމަށް ނޫސްތަކުގެ ފަލަ ސުރުޚީން ޖާގަ ހޯދާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ކެބިނެޓް މިނިސްޓަރަކަށް ހުންނަވައިގެންވެސް އެއްވެސް ތަނަވަސްކަމެއް ނުލިބުނުކަމަށް ވިދާޅުވާ ކަމަށެވެ.
“ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސް ވަރުގައި ކެބިނެޓް ވަޒީރަކަށްވީތީ ވީ އެއްވެސް ފައިދާއެއް ނެތް. ވެރިކަން ނިމުނުއިރުވެސް ހުރީ ހުސްއަތާ” ކަމަށް ޑރ. ޝައިނީ ވިދާޅުވެފައިވާ ކަމަށް ނޫސްތަކުގައި ވަނީ ބުނެފަ އެވެ.
ޑރ. ޝައިނީގެ އޯޑިއޯއެއް ނުކުމެފައިވާ ކަަމަށް ބުނެފައިވާ އިރު، އޭނާ ކެބިނެޓްގައި ބަހައްޓަން މަޖުބޫރުވީ ބޭރު ގައުމުތަކާއި ސިޔާސީ ފަރާތްތަކާ އެކު ސަރުކާރުން ކުރި ހުރިހާ މަޝްވަރާއެއްގައި އިސްކޮށް އޭނާ ހުންނެވުމުން ކަމަށް ވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން ކެބިނެޓްގައި ހުންނަވައިގެން އެއްވެސް ފައިދާއެއް ރައީސް ޔާމީންގެ ފަރާތްޕުޅުން ލިބިފައިނުވުމުން، ވެރިކަން ވައްޓާލަންވެސް މަސައްކަތް ކުރެއްވިކަމަށް ޑރ. ޝައިނީ އެ އޯޑިއޯ ގައި ބުނެފައިވާ ކަމަށް ވެސް ނޫސްތަކުގައި ބުނެއެވެ.
“ރާއްޖޭގެ ތާރީޚުގައި ކެބިނެޓަށް އެންމެ އިހާނެތިކޮށް ކަންތައް ކުރެއްވި ބޭފުޅަކަށް ޔާމީން ވާނެ. ކެބިނެޓުގައި އޭރު ތިއްބެވި ބޭފުޅުންނަށް ލިބިވަޑައިގަތީ އަދި ދެއްވީ ކޯއްޗެއްތޯ ޝައިނީ އެ އޯޑިގައި ސުވާލުކުރައްވާ.” ނޫސްތަކުގައި ވެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއާއި ގުޅޭގޮތުންވެސް ޑރ. ޝައިނީ ވާހަކަ ދައްކަވާފައިވާ ކަމަށާއި މިއޯޑިއޯގައި އޭނާ ވިދާޅުވެފައިވަނީ މިމައްސަލަ ބަލަންކެރޭނެ އެއްވެސް ސަރުކާރެއް ނާންނާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެފައިސާގައި އެންމެ ގިނައިން ޖެހިފައިވަނީ މިސަރުކާރުގެ އިސްބޭފުޅުންކަމަށް ޑރ. ޝައިނީ ވިދާޅުވެފައިވާ ކަމަށް ނޫސްތަކުގައި ބުނެފައިވާ އިރު، ޑރ. ޝައިނީ އަކީ ޚިޔާނާތުގެ ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ވެސް ހިމެނޭ ފަރާތެކެވެ.
ވަޒީރަކަށް ހުންނަވައި ނާޖައިޒް ގޮތުގައި ގިނަ މަންފާތަކެއް ޑރ. ޝައިނީ ބޭނުންފުޅުވިނަަމަވެސް އޭގައިން އެއްވެސް ކަމަކަށް ރައީސް ޔާމީން އެއްބާރުލުން ނުދެއްވުމުން ޑރ. ޝައިނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވާފައިވާ ކަމަށް ވެސް ނޫސްތަކުގައި ވެއެވެ.
އެހެންކަމުން މިހާރުއުފެދޭ ސުވާލަކީ އޭރު ނުލިބުނު މަންފާއެއް މިހާރު ހޯއްދަވަން އުޅެނީ ތޯ އެވެ. ނޫނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ލިސްޓުގައި ހިމެނިވަޑައިގަންނަވާތީ އެކަމުން އެކަހެރިވެވަޑައިގަންނަވަން މަސައްކަތް ކުރައްވަނީތޯ އެވެ.
ސިޔާސީ ގިނަ މީހުންނަކީ އެބޭފުޅުންގެ “ސިޔާސީ އޮޑި” އަބަދު ވެސް ފައްސިޔައަށް ދުއްވާ ފަރާތްތަކެވެ. އެފަދަ ކިތަންމެ “ސިޔާސީ އޮޑިއެއް” ރާއްޖެއިން ފެނިފައިވެސް އެބަހުއްޓެވެ.