ޚަބަރު ފީތާ

ދަރީންގެ ޙައްޤު

މުސްކުޅިވެ ގައިބާރުދެރަވާ ދުވަހު އެންމެ ބޭނުންވާނީ ތިމާއަށް ފައިސާ ޙަރަދު ކުރާނެ ދަރިއެއް ހެއްޔެވެ؟ ނޫނީ ތިމާ އާއި ލޯބިން ބަސްކިޔާ، ލޯބިން ފިރުމާލާ، ލޯބިން މުޢާމަލާތު ކުރާނެ ދަރިއެއް ހެއްޔެވެ. އެހެންނަމަ މިއަދު ތިމާގެ ދަރިއާއިމެދު ހަމަ އެގޮތަށް ކަންތަށް ކުރާށެވެ. އޭރުން މާދަން ތިމާގެ ދަރި ހަމައެގޮތަށް ތިމާއާއިމެދު ކަންކުރާނެއެވެ. ރަޙުމާއި ކުލުނާއި ލޯބި ތިމާވެސް އަނެކާއަށް ދީފައި އަނެކާ ފަރާތުން އުންމީދުކުރާށެވެ. އެއީ އަދި ދަރިން ކަމުގައި ވީނަވަވެސް މެއެވެ. ދުރުހިލޭ މީހަކުވެސް ފައިސާ ޙަރަދުކޮއްފާނެއެވެ. އެކަމަކު ލޭގެގުޅުމުން އުފެދޭ ކުލުނު ފައިސާއަކުން ނުގަނެވޭނެއެވެ.

އިއްޔެ ދަރިންނާއި މެދު ކަން ކުރެވުނު ގޮތުގެ ސަބަބުން މިއަދު ދަރިންނާއި މޫނު ދިމާކޮއްލަން ނުކެރިފައި ތިބީ ކިތައް މައިންބަފައިން ހެއްޔެވެ. ބައެއް މައިންބަފައިންނަށް ހީވެފައި އޮންނަނީ ތިމަންމެން ކޮންމެ ގޮތަކަށް ދަރިންނާއިމެދު ކަންކުރިޔަސް ދަރިންޖެހޭނީ މައިންބަފައިންނާއި މެދު ހެޔޮކޮށް ހިތާށެވެ. ތެދެކެވެ. ދީނަށް އުރެދުމެއްނުވާ ކޮންމެ ކަމެއްގައިމެ ދަރިން މައިންބަފައިންނަށް ފުރިހަމަ އަށް ކިޔަމަންވާ ޖެހޭނެއެވެ. އިސްލާމްދީނުގައި ﷲ އަށް ޝަރީކު ނުކުރުމަށް އެންގެވުމަށްފަހު ދެން އަންގަވާފައިވަނީ މައިންބަފައިންނަށް އިހުސާންތެރިވުމަށެވެ. އެމީހުނާ އަޑުހަރުކޮށް ބަސް ނުބުނަމަށެވެ އެހެނެއްކަމަކު ރިވެތި ބަހުން ބަސް ބުނުމަށެވެ. މަޔަކު ބަފަޔަކު ލޮލުން އެންމެ ކަރުނަ ތިއްކެވެސް ދަރިޔަކާހުރެ ވެއްޓިއްޖެނަމަ އެދަރިޔަކު ގެއްލިހަލާކުވެދާނެއެވެ. އެހެންނަމަވެސް އޭގެ ނާޖައިޒު ފައިދާ މައިންބަފައިން ނެގުމަކީ އެއާއިމެދު ޤިޔާމަތްދުވަހުން ޒިންމާވާން ޖެހޭނެ ކަމެކެވެ. މައިންބަފައިން ދަރިންގެ މައްޗައް އޮންނަންޖެހޭ އިޙުސާންތެރި ކަމަކީ އޭގެ ރިވެރި މިސާލުން އެތައް ގޮތަކުން އިސްލާމީ ތާރީޙްގައި އަޅުގަނޑުމެންނަށް ފެންނަން އޮތް ކަންކަމެވެ.

ދަރީ ބޮޑެތިވަމުން އަންނައިރު ހިތައް އައިހާ އެއްޗެއް ދަރިންނާއި ދިމާލަށް ބުނެ، ހިތައް އައިހާ ގޮތަކަށް އެދަރީންނާއިމެދު ކަންކުރުމުން ދަރީންގެ ހިތުގައި މައިންބަފައިންނަށް އޮންނަ ލޯތްބާއި، ކުލުނު އަދި ޤަދަރު އެތައްގުނައެއް ކުޑަވެއެވެ. އަދި އެ ދަރީން މައިންބަފައިންނާއި ޔަޤިން ކަމާއިއެކު މުޢާމަލާތުކުރާން ފަސްޖެހެއެވެ. އެންމެ ޅަފަތުގައި ދަރިންނާއި މައިންބަފައިންގެ މެދުގައި އޮންނާ ކުލުނާއި ގާތްކަން ނެތިގޮސް ލަދުވެތިކަމާއި ޖެހިލުން ވުމުގެ ލޮލައް ނުފެންނަ ފާރެއް ދަރިންނާއި މައިންބަފައިންގެ މެދުގައި ލެވިދެއެވެ. ބައެއްމީހުން އެއައް “އިޙްތިރާމް” ގެ ނަމުން ނަންދީ ހުދު އަމިއްލަ ނަފްސައްވެސް އޮޅުވާލައެވެ. އެންމެ ތުއްތު އިރުއްސުރެ ދަރިންނާއި މެދު ބާއްވަމުންއަންނަ ލޯބިގުޅުން ދަރިން ބޮޑުވަމުން އަންނައިރުވެސް ތަފާތެއްނެތި ދަމަހަޓާނަމަ ” ބޮޑުވެފައި ހުރި ފިހިހެންދަރިޔަކަށް މިދުނިޔޭގައި ކުރަން އެންމެ އުދަގޫ ކަމަކީ އެނާގެ ބައްޕަ ގައިގައި ބައްދާލުން ކަމުގައި ނުވީހެވެ”

އަބުލް މުސްޢަބް

Like
Like Love Haha Wow Sad Angry