
ަފަލަސްތީނުން އިޒްރާއީލަށް ރޮކެޓު ޙަމަލާތަކެއް ދީފި
ޣައްޒާއިން ދެކުނު އިޒްރާއީލަށް އަމާޒުކޮށް 80 ރޮކެޓާއި މޯޓާ ޝެލްސް ޙަމަލާތަކެއް ރޭގައި ފޮނުވާލާފައިވާ ކަމަށް އިޒްރާއީލް އަސްކަރިއްޔާއާއި ހަވާލާދީ ޓައިމްސް އޮފް އިޒްރާއީލުން ހާމަ ކޮށްފިއެވެ.
އެހެންނަމަވެސް އިޒްރާއީލްގެ ވައިގެ ޙަމަލާތައް ދިފާޢުކުރާ ސިސްޓަމް ”އަޔަން ޑޯމް“އިން ވަނީ ރޮކެޓް ތަކަށް ހުރަސްއަޅައި އޭގެން ބައެއް ރޮކެޓު ހަލާކު ކޮށްލާފައެވެ. މި ޙަމަލާތަކުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ވެސް އަސްކަރިއްޔާއިން ވަނީ ހާމަ ކޮށްފައެވެ.
ޙަމާސްއިން އިޒްރާއީލަށް ރޮކެޓު ހަމަލާތަކެއް ފޮނުވާލާފައިވާއިރު އިޒްރާއީލުން ދަނީ ރެޔާއި މިއަދު ވެސް ހުއްޓުމެއް ނެތި ޣައްޒާގެ އެކި ހިސާބުތަކަށް ޙަމަލާތައް ދެމުންނެވެ. އެގޮތުން މެދު ނުކެނޑި 11 ދުވަސްވަންދެން ޣައްޒާއަށް ދީފައިވާ ޙަމަލާތަކުގައި މިހާތަނަށް ފަލަސްތީންގެ 227 މީހުން ޝަހީދު ކޮށްލައި، އެތައް ހާސް ބަޔަކު ޒަޚަމްކޮށް، އެތައް އިމާރާތްތަކެއް ވަނީ ބިމާއި ހަމަކޮށްލާފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި 64 ކުޑަކުދިންނާއި 38 އަންހެނުންވެސް ހިމެނެއެވެ.
ޙަމާސްއިން ދީފައިވާ ޙަމަލާތަކުގައި އިޒްރާއީލްފެ 12 މީހުން ވަނީ މަރުވެފައެވެ.