ޚަބަރު ފީތާ

ޕާކިންގ ފީ ކުޑަކުރަން ސިޓީ ކައުންސިލުން ނިންމައިފި

ޕާކިންގ ފީ ކުޑަކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީއެކަށީގެންވާ ޕާކިންގ އޭރިއާތަކެއް ކަނޑައެޅިފައި ނެތުމާއި، މާލޭގެ މަގުތަކުގެ ފެންވަރަށް ބަލާއިރުވެސް، މިހާރު ޓެކްސީ ޑްރައިވަރުންނަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށެވެ. އަދި މިހާރު ޓެކްސީ ޑްރައިވަރުންގެ އަތުން ޕާކިންގ ފީ ނަގަމުންދަނީ އެންމެ އިންސާފުވެރި އަގުތަކެއްގައި ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ޓެކްސީ ޑްރައިވަރުންގެ އަތުން ޕާކިންގ ފީ ގޮތުގައި ނަގަމުންދަނީ 3000 ރުފިޔާ އެވެ. އެކަމަކު ސިޓީ ކައުންސިލުން ނިންމާފައިވަނީ 750 ރުފިޔާއަށް ކުޑަކުރުމަށެވެ.

ޑރ. މުއިއްޒު ވިދާޅުވީ އޭގެ ސީދާ ފައިދާ ކުރާނީ ހަމަ ރައްޔިތުންނަށް ކަމަށާއި މިކަމުގެ ސަބަބުން އެދެވޭ ނަތީޖާތަކެއް ނުކުންނާނެ ކަމަށެވެ.

ޕާކު ކުރުމަކީ މާލޭގައި ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި ސިޓީ ކައުންސިލުން އެކަމަށްޓަކައި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދައިދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެކަމާ ގުޅިގެން ސަރުކާރަަށް ހުށައަޅަންޖެހޭ މުހިއްމު ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި ހުށައަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި މާލޭގައި 70000ށް ވުރެ ގިނަ އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްފައިވާއިރު، ޕާކުކުރުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި މެކޭނިކަލް ޕާކިންގ ނުވަތަ އޮޓޮމޭޓެޑް ޕާކިންގ ސިސްޓަމްތަކެއް ހަރުކުރަން ހައުސިންގ މިނިސްޓަރުގެ މަގާމުގައި ހުންނަވައި ޑރ. މުއިއްޒު ވަނީ މަސައްކަތް ކުރައްވާފަ އެވެ.

އެމަޝްރޫއުގެ ދަށުން މާލޭގައި ކާރު ޕާކް ކުރަން 10 ސިސްޓަމް އަދި ސައިކަލް ޕާކް ކުރަން ވެސް 10 ސިސްޓަމް ބަހައްޓަން ނިންމާފައިވެއެވެ. ނަމަވެސް މާލޭގައި ބެހެއްޓީ 4 ޕާކިން ސިސްޓަމްއެވެ. ބާކީ ސިސްޓަމްތަކަށް ވީގޮތެއް ނޭނގެއެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ޕާކިންގ ފީ ކުޑަކުރަން ސިޓީ ކައުންސިލުން ނިންމައިފި"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.