
ދާރުލްއާސާރުތަކުގައި ހުންނަ ތަކެތި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ޔުމްނާ އެދިވަޑައިގެންފި
ދާރުލްއާސާރުތަކުގައި ހުންނަ ތަކެތި ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ޒިންމާއެއް ކަމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ ދާރުލްއާސާރު ދުވަހުގެ މުނާސަބަތުގައި ނެރުއްވި ޚިތާބުގަ އެވެ.
އެ ޚިތާބުގައި ވިދާޅުވެފައިވަނީ ފަންނުވެރިކަމާއި ސަގާފަތާއި ތަރިކައިގެ ދާއިރާ އަކީ ކޯވިޑް19 ގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައިވާ އެއް ދާއިރާ ކަމަށެވެ. އަދި ކޯވިޑް19އާ މުޅި ދުނިޔެ ހަނގުރާމަ ކުރާ މި ބިރުވެރި ދުވަސްވަރު ދުނިޔޭގެ ކަންކޮޅުތަކުގައި ހުރި ގިނަ ދާރުލްއާސާރުތައް ވަގުތީ ގޮތުން ނަމަވެސް ބަންދުކުރުމަށް މަޖުބޫރުވެފައިވާ ކަމަށެވެ.
“ އެގޮތުން ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރާއި ސަރަޙައްދީ ދާރުލްއާސާރުތައް ވެސް މި ވަގުތު ވަނީ ބަންދު ކުރެވިފަ. ނަމަވެސް ތާރީޚާއި ސަގާފަތާއި ފަންނުވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމާއި ހިތްހަމަޖެހުން ގެނުވައިދޭކަން އިހުނަށްވުރެ ބޮޑަށް މި ދުވަސްވަރު އިޙުސާސް ކުރެވިގެން ހިނގައްޖެ. އަދި ޒަމާނީ ޓެކްނޮލޮޖީ އާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އައު ވިސްނުންތަކާއި އައު ޚިޔާލުތަކާއެކު ދާރުލްއާސާރުތައް އަލުން އާރާސްތުކޮށް ތަރައްޤީކޮށް ތާރީޚާއި ތަރިކަ އާއި ބެހޭ މަޢުލޫމާތު މުޖުތަމަޢުތަކަށް ގެނެސްދިނުމުގެ މުހިންމުކަން އިތުރުވެގެން ހިނގައްޖެ.“ ޚިތާބުގައި ވެއެވެ.
ދާރުލްއާސާރުތަކުގައި ހުންނަ އާސާރުތަކަކީ ދިވެހީންގެ ހަނދާންތަކާއި، އަމިއްލަވަންތަކަމާއި ޝުޢޫރުތަކާ ގުޅިފައިވާ އާސާރުތައް ކަމަށާއި މިތަކެތި ރައްކާތެރިކޮށް އަދުގެ ޖީލަށާއި އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ އެންމެންގެ ޒިންމާއެއް ކަމުގައި ހެދުމަށް ވެސް އެކަމަނާ ވަނީ އެދިވަޑައިގެންފަ އެވެ.



