ކޮވިޑު ބަލީގައި އިތުރު މީހަކު ނިޔާވެ، ޖުމްލަ 104 އަށް އަރައިފި
ކޮވިޑު ބަލީގައި އިތުރު މީހަކު ނިޔާވެ، ޖުމްލަ 104 އަށް އަރައިފި އެވެ.
އެޗްޕީއޭ އިން ބުނީ މިއަދު12:10 ގައި ނިޔާވެފައިވަނީ ޢުމުރުން73 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އަދި އެއީ ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް11) ގައި ފަރުވާދެމުން ދިޔަ މީހެއް ކަމަށެވެ.
މި މަރާއެކު ރާއްޖެއިން ކޮވިޑު ބަލީގައި ނިޔާވި މީހުންގެ ޢަދަދު މިވަނީ 104 އަށް އަރާފަ އެވެ. އަދި މިއީ މިބަލީގައި އެންމެގިނައިން މީހުން ނިޔާވަމުންދާ މަސް ވެސް މެއެވެ. އެގޮތުން މި މަހުގެ މިހައިތަނަށް 31 މީހަކު ވަނީ ނިޔާވެފަ އެވެ.
ކޮވިޑް-19 ގައި ގިނައިން ނިޔާވެފައިވަނީ ވެކްސިން ނުޖަހާ މީހުން ކަމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ ޗެއަރޕަރސަން ޑރ. އަހުމަދު ފައިސަލް ވަނީ ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ކޮވިޑް ބަލީގައި ގިނައިން ނިޔާވެފައިވަނީ ދޮށީ އުމުރުގެ މީހުން ކަމަށާއި އޭގެތެރޭގައި ގިނައީ ވެކްސިން ނުޖަހާ ތިބި މީހުން ކަމަށެވެ.
ދޮށީ އުމުރުގެ ބޭފުޅުން ވެކްސިން ޖެހުން ވަރަށް މުހިންމު ކަމަށް ފާހަގަކުރައްވާ ދޮށީ މީހުންގެ އިތުރުން އާންމުންވެސް ވެކްސިން ޖެއްސެވުމަށް ޑރ. ފައިސަލް ވަނި އިލްތިމާސް ކުރައްވާފަ އެވެ.