ޚަބަރު ފީތާ

އަންހެނުން އުރަމަތީ ކެންސަރުން ސަލާމަތްވުމަށް ކުރެވިދާނެ ބައެއް ކަންކަން

އުރަމަތީ ކެންސަރަކީ ވެސް ވަރަށް އާންމު އެއްޗެކެވެ. އަދި އޭގެ ނުރައްކާ ވެސް ބޮޑުވެދާނެ މައްސަލައެކެވެ. އުމުރުން ދުވަސްވާ ވަރަކަށް އުރަމަތީ ކެންސަރުގެ ނުރައްކާ ބޮޑުވެ އެވެ. ނަމަވެސް ދިރިއުޅުމަށް އަންނަ ބަދަލުތަކެއްގެ ސަބަބުން އެންމެ ޒުވާން އުމުރުގައި ވެސް އުރަމަތީ ކެންސަރުގެ ނުރައްކަލަށް ހުށަހެޅިދާނެ އެވެ.

އުރަމަތީ ކެންސަރަކީ އުރަމަތީގައި ހުންނަ ޗެލްސަތަކަކުން އުފެދޭ ބައްޔެކެވެ. ހަމުގެ ކެންސަރަށް ފަހު އުރަމަތީ ކެންސަރަކީ ދުނިޔޭގައި އެންމެ އާންމު ބައްޔެވެ.

ތިރީގައި މި ހިމަނާލަނީ އުރަމަތީގެ ކެންސަރުން ރައްކާތެރިވެ ތިބުމަށް ހަމަ ކޮންމެ އަންހެނަކަށް ވެސް ކުރެވިދާނެ ބައެއް ކަންކަމެވެ.

ފަލަވެ ބަރުދަން އިތުރު ވުމަކީ ސިއްހަތަށް ނިކަން ނުރައްކާ ބޮޑު ކަމެކެވެ. ސިއްހީ ގިނަ މައްސަލަތަކެއް މެދުވެރިކުރުވާ ކަމެކެވެ. އެގޮތުން މިއީ އުރަމަތީގެ ކެންސަރަށް ވެސް ދޮރު ހުޅުވައިދޭ ސިއްހީ ބޮޑު މައްސަލަ އެކެވެ.

ބައެއް ސިއްޚީ މާހިރުން ވިދާޅުވާ ގޮތުގައި އުރަމަތީ ކެންސަރަކީ އާއިލާއިން ވާރުތަވާވެސް ކަމެކެވެ. އެގޮތުން އާއިލާ މީހަކު އުރަމަތީ ކެންސަރު ޖެހިފައިވާނަމަ އެކަން ރަނގަޅަށް ބަލަން ޖެހެއެވެ. ސަބަބަކީ ބައެއް ޒާތުގެ އުރަތަމީ ކެންސަރަކީ ޖެނެޓިކް މައްސަލައަކަށްވާތީ އެވެ.

އުރަމައްޗަށް ކެންސަރު ނުޖެހެނީސް އެމެރިކާގެ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޯލީގެ ދެ އުރަމަތި ވެސް ކަފައި ނަގާލީ އޭނާ އަށް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވެގެންނެވެ. ޖޯލީގެ މަންމަ މަރުވީ ބްރެސްޓް ކެންސަރު ޖެހިގެންނެވެ.

އަމިއްލަ އަށް އުރަމަތި ބަލައި ދިރާސާކުރުމަށް ވުރެ ވަކި ރަނގަޅު ކަމެއް ނޯންނާނެ އެވެ. އެފަދަ ސިއްހީ ބަދަލުތަކެއް އަންނަތޯ ބަލަން އަބަދުވެސް ޗެކްކުރަން ޖެހޭނެ އެވެ.

ކަސްރަތު ކުރުމަކީ ކެންސަރުން ސަލާމަތްވުމަށް އޮތް މަގެކެވެ. މިއީ ދިރާސާތަކުން ސާބިތުވެފައިވާ ކަމެކެވެ. ކޮންމެ ދުވަހަކު ވެސް 30 މިނެޓްގެ ކަސްރަތު ލިބިގަތުމަށް މަސައްކަތްކުރާށެވެ. އަދި ތަޖުރިބާކާރެއްގެ ލަފާ ހޯދާލާށެވެ.

ސިއްހީ އެއްވެސް ކަމެއްގައި ފަރުވާކުޑަކޮށް ތަޖުރިބާކާރެއްގެ ލަފާ ހޯދުން ލަސްކުރުމަކީ ފުރާނަ އަށް ނުރައްކާވެދާނެ ކަމެއްކަން އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެ އެވެ. އުރަމަތީގެ ކެންސަރަކީ އަންހެނަކަށް ވީމަ ޖެހުމުގެ ފުރުސަތު އޮންނަ ބައްޔެކެވެ. އަދި އުމުރުން ދުވަސްވާ ނަމަ އޭގެ ބިރު ބޮޑުވެ އެވެ.

Like
Like Love Haha Wow Sad Angry