
މިއަހަރުގެ މިހާތަނަށް 4 ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަތުވެއްޖެ
މިއަހަރުގެ މިހާތަނަށް 4 ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަތުވެއްޖެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި ރާއްޖެއަށް 2،766 ޓޫރިސްޓުން އިއްޔެވަނީ ޒިޔާރަތް ކޮށްފަ އެވެ. އަދި މިމަހު 38،630 ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފަ އެވެ.
އެ ހިސާބުތަކަށް ބަލާ އިރު، މިއަހަރުގެ މިހާތަނަށް 428،400 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
މިމަހު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ރަޝިޔާ އައިސްފައިވާ އިރު، ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ އިންޑިއާއިން ނެވެ. އޭގެ ފަހުން މި ލިސްޓުގައި ހިމެނެނީ ޔޫކްރެއިން އަދި ޖަރުމަނު ވިލާތެވެ.