ރައީސް ނަޝީދު ކާރުކޮޅަށް އަރަން އުޅެނިކޮށް ދިން ޙަމަލާ ޕީޕީއެމް އިން ކުށްވެރިކޮށްފި
ރައީސް ނަޝީދު ގެ ކާރުކޮޅަށް އަރަން އުޅެނިކޮށް ދިން ޙަމަލާ ޕީޕީއެމް އިން ކުށްވެރިކޮށްފި އެވެ.
އެ ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ އަދި އެމްޑީޕީ ގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ގެ ކޮޅު ކައިރިން ކާރުކޮޅަށް އެމަނިކުފާނު އަރާވަޑައިގަންނަވަނިކޮށް އެ ސަރަޙައްދުގައި ކާރުކޮޅު ކައިރިން އެއްޗެއް ގޮވާ އެމަނިކުފާނަށް އަނިޔާ ލިބިވަޑައިގެންނެވި ޚަބަރު އެ ކޯލިޝަންގެ ފަރާތުން އެހީ ކުއްލި ހައިރާން ކަމާއި އަސަރާއެކު ކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާއަށް އަވަސް ޝިފާއެއް ދެއްވުން އެދި މާތްﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟްރަތުގައި ދުޢާ ކުރާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
”ރައީސް ނަޝީދުގެ ގެކޮޅު ކައިރިން އެމަނިކުފާނު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެމަނިކުފާނަށް އަމާޒުކޮށް ދީފައިވާ ހަމަލާގެ ޙަޤީޤަތް ހޯދުމަށް އަވަސް ތަޙުޤީޤެއް ހިންގުމަށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާ ތަކަށް ގޮވާލަން. އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، މި ކޯލިޝަންގެ ލީޑަރޝިޕާއި، ކައުންސިލާއި ސްޓިއަރިންގ ކޮމިޓީތަކާއި އާންމު މެންބަރުންގެ ފަރާތުން ހަމްދަރުދީ ފާޅުކޮށް، އެމަނިކުފާނަށް އަމާޒުކޮށް ދީފައި މިވާ ޙަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން.“ ޕީޕީއެމް ގެ ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެ ޢަމަލު ރާވާ ހިންގުމުގައި ބައިވެރިވެފައިވާ ހުރިހާ ފަރާތްތައް ހޯދާ ޤާނޫނުގެ ކުރިމައްޗަށް ގެނެސް ޤާނޫނުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށްވެސް އެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.