އިންޑިއާގެ ޑޮކްޓަރުން ހުއްޓުމެއް ނެތި 26 ގަޑި އިރު މަސައްކަތް ކުރޭ
އަވަށްޓެރި އިންޑިއާގައި ހަލުވިކަމާއެކު ކޮވިޑު ފެތުރެމުންދާ އިރު، އެގައުމުގެ ޑޮކްޓަރުން ހުއްޓުމެއް ނެތި 26 ގަޑި އިރު މަސައްކަތް ކުރާކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އެގޮތުން ރޮއިޓަރސް އަށް ދިން އިންޓަރވިއު އެއްގައި ޢުމުރުން 26 އަހަރުގެ ރޯހަން އަގަރްވާލް ބުނީ އޭނާއަކީ މެޑިކަލް އޮފިސަރުކަން ކިޔަވަމުންދާ މީހެއް ކަމަށާއި ނަމަވެސް އޭނާ ވެސް 26 ގަޑި އިރު މަސައްކަތް ކުރާ ކަމަށެވެ.
”އަހަންނަކީ މެޑިކަލް އޮފިސަރުކަން ކިޔަވަމުންދާ މީހެއް. އެކަމަކު އަހަރެން ވެސް އެބަ މަސައްކަތް ކުރަން 26 ގަޑި އިރު. އަދި އަހަންނަށް ވުރެ ސީނިއަރ މީހުން އެއަށްވުރެވެސް ގިނަ ވަގުތު މަސައްކަތުގަ އުޅޭ.“ ރޯހަން ބުންޏެވެ.
އޭނާ ބުނީ އެމީހުން މަސައްކަތް ކުރަނީ ފުރާނަ އަތްމައްޗަށް ލައިގެން ކަމަށާއި މި ހާލަތަކީ މަސައްކަތް ކުރަން ޖެހޭ ވަގުތަށް ވުރެ ޚިދުމަތަށް ބޭނުން ޖެހިފައިވާ ވަގުތެއް ކަމަށެވެ.
ނިއު ދިއްލީގެ ހޮސްޕިޓަލެއްގައި ތަޖުރިބާ ހޯދަމުން އަންނަ ރޯހަން ބުނީ ހޮސްޕިޓަލުތަކުގައި ބަލިމީހުންނަށް ބޭނުންވާ ވަރަށް އެނދު ނެތްކަން އެންމެނަށް ވެސް އެނގޭ ކަމަށާއި ނަމަވެސް ފަރުވާ ހޯދުމަށް ދާނެ ވަކި އިތުރު ތަނެއް ނެތް ކަމަށެވެ.
”އަހަރެން އަބަދުވެސް ދުޢާ ކުރަން އަންނަ ކޮންމެ ބަލިމީހަކު ރަނގަޅުވެގެން ދޭތޯ. އެކަމަކު ހާލަތު ވަރަށް ގޯސް. އަހަރެންގެ ޢާއިލާ މީހުން ވެސް ވަރަށް ކަންބޮޑުވޭ މިތާ އަބަދު އުޅޭތީ. އެކަމަކު އަހަރެން އެމީހުންނަށް ވިސްނައިދެނީ މިއީ އޭ އަހަރުމެންނަށް ގައުމަށް ކަމެއް ކޮށްދޭން ލިބޭނެ އެންމެ ރަނގަޅު ފުރުސަތަކީ. އެހެންވީމަ، މި ފުރުސަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފިޔަދޭށޭ.“ ރޯހަން ބުންޏެވެ.
ރޯހަން އަގަރްވާލް ފަދައިން އިންޑިއާގެ ހުރިހައި މެޑިކަލް އޮފިސަރުންނާއި ޑޮކްޓަރުން ކަމަރު ބަނދެގެން ތިބީ، ވީ އެންމެ ރަނގަޅަކަށް ބަލި މީހުންނަށް ކަމޭހިތައިގެން ފަރުވާ ކޮށްދިނުމަށެވެ.
ރާއްޖޭގައި ވެސް މިވަގުތު މިވަނީ މިފަދަ އެހީތެރިންނަށް ބޭނުން ޖެހިފަ އެވެ. ފުރުސަތުގެ ބޭނުން ހިފަމާ ހެއްޔެވެ.
”ގައުމު ތިމާއަށް ކޮށްދެނީ ކޮން ކަމެއްތޯ ނުބަލާށެވެ. ތިމާއަށް ގައުމަށް ކޮށްދެވޭނީ ކޮން ކަމެއްތޯ“ ބަލަމާ ހެއްޔެވެ.