
އިއްޔެ އަލިފާން ރޯވި ބަރޯސާ ބޯޓުން އެކަކު ސަލާމަތެއްނުވޭ
ކ. ތިލަފުށީ ބޭރުގައި އަޅާފައި އޮއްވާ އިއްޔެ އަލިފާން ރޯވި އާގުބޯޓު “ބަރޯސާ”ގެ ފަޅުވެރިންގެ ތެރެއިން އެކަކު ސަލާމަތް ނުވާކަމަށް އެބޯޓްގެ ފަޅުވެރިން ބުނެފިއެވެ.
އިއްޔެ ހެނދުނު ހިނގި އެ ހާދިޘާގައި ރޯވި އަލިފާންގަނޑު އަދިވެސް އެއްކޮށް ކޮންޓްރޯލް ނުކުރެވޭތީ، ބޯޓުގެ އެތެރެއަށް އަލިފާން ނިއްވާ މީހުންނަށް ބޯޓިގެ އެތެރެއަށް ވަދެވޭގޮތް ނުވެއެވެ.
އެ ބޯޓުގައި 19 މީހަކު މަސައްކަތް ކުރާ ކަމަށާއި އެ ހާދިޘާ އާގުޅިގެން ގެއްލިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށް މަޢުލޫމާތު ލިބެއެވެ.
އެމްއެންޑިއެފް އިން ބުނީ ފަޅުވެރިންގެ ތެރެއިން އެކަކު މަދުވާ ކަމަށް ބުނާތީ، އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުންދާ ކަމަށާއި އަލިފާން އެއްކޮށް ކޮންޓްރޯލު ނުކުރެވޭތީ އެކަމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
ބަރޯސާ ބޯޓަކީ ރާއްޖެއިން ބޭރަށް މަސް ގެންދާ ބޯޓެކެވެ.



