އަނެކާ ފަޟީޙަތް ތިކުރަނީ ތިމާ ފަޟީޙަތް ނުވާނެކަމަށް ހެއްޔެވެ! ނިކަން މިއިންޒާރު ދެކިބަލާށެވެ!
ދުނިޔޭގައި އިންސާނުން ލައްވާފައިވަނީ، ލޯތްބާއި، އަޅާލުމާއި، އަޚުވަންތަކަމުގެ ރިވެތި ސިފަތަކާއިއެކު ދުނިޔެ އާރާސްތުކޮށް އާޚިރަތުގެ ހެޔޮ ނިޢުމަތް ލިބިގަތުމަށް، މާތްﷲއަށް އަޅުކަން އަދާކުރުމަށެވެ. ނަމަވެސް އިންސާނާ އުފައްދަވައި، މާތްކުރެއްވުމާއި އެކު، ޝައިޠާނާވަނީ މާތް ﷲއަށް އުރެދި، އިންސާނުންނާއި ޢަދާވާތްތެރިވެފައެވެ. އިންސާނުން ބައިބައިކޮށް، ފިތުނަ ފަސާދަ އުފައްދައި، މާތް ﷲގެ މަގުން މީސްތަކުން އެއްކިބާ ކުރުމަކީ އެކަލޭގެ ހިފާފައިވާ ޢަހުދެވެ. މާތް ﷲއަށް ވަކީލުކުރުމާއި، އީމާންކަމުގެ ފޭރާމުން ބޭރުވެގަންނަ މީހުން އެސޮރުގެ މަޅީގައި ޖެހެނީ ވަރަށް ފަސޭހައިންނެވެ. އިންސާނާގެ މައްޗަށް އެސޮރުވީ ޙަސަދަވެރިކަމުގެ ކެހިވެރި މަޅީގައި ޖެހި، އިންސާނާ ވަނީ ދުނިޔެއަށް ފައިބަން ޖެހިފައެވެ. އެހައިރުން ފެށިގެންވެސް، ޙަސަދަވެރިކަމާއި ރުޅިވެރިކަމަކީ އިންސާނުންގެ މެދުގައިވެސް ފާވެފައިވާ ވަބާއެކެވެ. ދުނިޔޭގެ ފުރަތަމަ ލޭއޮހޮރުންވެސް ހިނގާ ދިޔައީ ޙަސަދަވެރިކަމުގެ ސަބަބުންނެވެ. އަންހެނެއްގެ ފިތުނައިގައެވެ. ޝައިޠާނާގެ މަޅީގައި ޖެހިގެންނެވެ. އެހެނެއްކަމަކު އަހަރެމެންގެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަހަރެމެނަށް އަމުރުކުރެއްވީ، އެއްބަޔަކު އަނެއްބަޔަކަށް ޙަސަދަވެރި ނުވުމަށެވެ.
އަނަސްގެފާނުގެ ވިދާޅުވިއެވެ. ކީރިތި ރަސޫލާ صلى الله عليه و سلم ޙަދީޘް ކުރެއްވިއެވެ.
لَا تَحاَسَدُوْ وَلَا تَقَا طَعُوْا وَلَاتبَاغَضُوْا وَلَا تَدَابَرُوْا وَكُوْنُوْا عِبَادَ اللهِ إِخْوَانًا (އިމާމް މާލިކް؛ މުއައްތަޢު 2639)
މާނާއީ: “ އެއްބަޔަކު އަނެކަކަށް ޙަސަދަވެރިނުވާށެވެ! އެއްބަޔަކު އަނެއްބަޔަކާ ވަކިވަކިނުވާށެވެ! އެއްބަޔަކު އަނެއްބަޔަކާ ރުޅިނުވާށެވެ! އެއްބަޔަކު އަނެއްބަޔަކަށް ފުރަގަސްނުދޭށެވެ! އޭ ﷲ ގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން އަޚުންތަކެއް ކަމުގައި ވާށެވެ! “
މިއަދާއި ހަމައަށް އައިއިރު އިންސާނުންގެ ކިބައިގައި އަރައިރުންވުން މިވަނީ އިންތިހާއަށް ގޮސްފައެވެ. މުސްލިމުންގެ މެދުގައިވެސް މިފިތުނަވެރިކަން އިންތިހާއަށް މޫލާފައެވެ. މިކުޑަކުޑަ ދިވެހި މުޖުތަމަޢުގެ ޙާލަތުވެސް މިއަދު މިވަނީ އިންތިހާ ދަރަޖައިގައެވެ. އެކުވެރިކަމުގެ މޫނު ދައްކައިގެން، ހަތުރުވެރިކަމުގައި ތިމާގެ އަޚާ ނޮޅާލަނީ އިސާހިތަކުއެވެ. ތިމާ އޭނާއާއި މެދު ނުރުހޭ ހިސާބުން، ތިމާގެ އަޚާގެ ދުވަސް ދުއްވާލަން ދަނޑިވަޅަކަށް ބަލަބަލައި، އޭނާގެ ކިބައިން ކުށް ހޯދުމުގައި ރެއާއި ދުވާލު އަވަދިނެތިވެ އުޅެއެވެ. ފެންނަ ކުޑަކުޑަ ކަންތައްވެސް، ބޮޑުކޮށްލައިގެން އޭނާ ނެތްތަނުގައި ކިޔައި އުޅެއެވެ. މީސްތަކުންގެ ކުރިމަތީގައި އޭނާގެ އަގުވައްޓާލަނީ، ކަންކަމުގެ ޙަޤީޤަތް ގަސްތުގައި އޮޅުވާލައި، ތެދާއި ދޮގު މަސްހުނިކޮށް، އެތައް ދޮގު ވާހަކަތަކެއް ފަތުރައިގެންނެވެ. ވާހަކަތަކުގެ މަތި އޮމާންކޮށްލަނީ، ޚުދު އޭނާއަށްވެސް ޙަޤީޤަތް އޮޅޭހާ ސާދާކޮށް، އެންމެ ބޮޑު ދޮގު އެއީ އެންމެ ބޮޑު ތެދުކަމުގައި، މީސްތަކުންނަށް ހީވާހާ މޮޅަށެވެ. މިކަންކަން ފަތުރާލައި، ނުބައި މަޤުސަދު ޙާސލުކުރަނީ، ލިބެންހުރި އެންމެ ބާރުގަދަ ވަސީލަތްތަކުގެ އެހީގައެވެ. ސިކުންތެއްގެ ތެރޭގައި މުޅި ދުނިޔެއަށް އޭނާ ގިނަކޮށްލަނީ، މީސްމީޑިއާގެ ހަތިޔާރުތަކުގެ ޝިކާރައަކަށް އޭނާ ހަދައި، ފަރުދާއެއްގެ ފުރަގަހުގައި އޮވެގެނެވެ. މިއީ މިއަދު ޙަސަދަވެރިކަމާއި، އަރައިރުންވުން މިމުޖުތަމަޢުގައި އޮތް މިންވަރު ކުރުގޮތަކަށް ސިފަކޮށްލުމެކެވެ. ޓީވީ ތަކާއި، ޕޯޑިއަމްތަކުގައި، ފާޅުގައި އަނެކާއާއިމެދު ދޮގުތައް ހަދައި، ނުވަތަ ދޮގާއި ތެދު މަސްހުނިކޮށްގެން ނަމަވެސް، ނޫނީ ތެދެއް ހަދައިގެން ނަމަވެސް، އަނެކާ އެކީ ނޮޅާކައި ހުސްކޮށްލަނީ، ފެން ފޮދެއް ބޯލާހާ ފަސޭހައިންނެވެ.
މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިބަސްފުޅާއިމެދު ކުޑަކޮށްވެސް ވިސްނާލާނަމަ، އަދި އީމާންކަމާއި، މާތް ﷲއަށް ބިރުވެތިވުމުގެ ކަންފުޅެއްވެސް، ހިތަށް ވާސިލްވެފައިވާނަމަ މިހެން ވާނެހެއްޔެވެ؟
عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ((لَا يَجْتَمِعَانِ فِي جَوْفِ مُؤْمِنٍ: غُبَارٌ فِي سَبِيلِ اللَّهِ وَفَيْحُ جَهَنَّمَ، وَلَا يَجْتَمِعَانِ فِي قَلْبِ عَبْدٍ : الْإِيمَانُ وَالْحَسَدُ)) {رواه النسائي (3109) وحسنه الألباني في “صحيح النسائي”}.
މާނައީ: އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “މުއުމިނެއްގެ (ހަށިގަނޑުގެ) ތެރޭގައި ﷲ ގެ މަގުގައި އަރާ ހިރަފުހާއި ނަރަކައިގެ ނޭވާ(ވައި) ޖަމަޢެއް ނުވާނެއެވެ. (ﷲ ގެ މަގުގައި ޖިހާދުކޮށް ޝަހީދުވާ މީހަކު ނަރަކައަށް ނުވަންނާނެއެވެ.) އަދި އަޅެއްގެ ހިތުގައި އީމާންކަމާއި ޙަސަދަވެރިކަން ޖަމަޢެއް ނުވާނެއެވެ.”
މިޙަދީޘްފުޅުގައި އެވަނީ ވަރަށްވެސް ބޮޑު ވާހަކައެކެވެ. އީމާންކަން އޮތް ހިތެއްގައި ޙަސަދަވެރިކަން ނޯންނާނެ ވާހަކައެވެ. އަދި ޙަސަދަވެރިކަން އޮތް ހިތެއްގައި އީމާންކަން ނުވާ ވާހަކައެވެ. ވީއިރު، ދުލުކުރިން އީމާންވިނަމަވެސް، ހިތާއި ހަމައަށް އެކަން އެވަނީ ވާސިލްނުވެފައެވެ.
މިއަދު ތިމާގެ އަޚާ ނުވަތަ އުޚްތާއާއި، ހިތްހަމަ ނުޖެހޭ ކަމެއް ވެދާނެއެވެ. އެކުގައި އުޅުން އެންމެ ގާތް ދެއެކުވެރިންކަމުގައި ވާޙާލުވެސް މެއެވެ. އެކަކު އަނެކަކުގެ އެތައް ސިއްރަކާއި އައިއްބެއް އެކަކު އަނެކަކަށް އެނގޭނެއެވެ. މިއަދު ތިމާގެ އަތުގައި މީސްމީޑިއާ ވަރަށްވެސް މިނިވަންކަމާއި އެކު ލިބިފައި ވެއެވެ. އެތަންތަނުގައި، ތިމާގެ ޝަޚްޞު އޮޅުވާލައިގެން، ތިމާގެ އަޚާ ނޮޅާ ކާލެވިދާނެއެވެ. ބޭޒާރުކޮށް އަގުވައްޓާލެވިދާނެއެވެ. ނަމަވެސް ތިބާ ހީކުރީ ކީކޭހެއްޔެވެ؟ ﷲ ސުބުޙާނަހޫ ވަތަޢާލާ ޣާފިލުވެވޮޑިގެންވާކަމަށް ހެއްޔެވެ؟ ތިމާ ކުރާކަންތައް އެއިލާހު ދެނެވޮޑިގެން ނުވާކަމަށް ހެއްޔެވެ؟ މާތް ﷲގެ މިބަސްފުޅަށް ތިބާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ މާތް ﷲ ވަޙީކުރެއްވިއެވެ. (أَلَمْ یَعْلَم بِأَنَّ ٱللَّهَ یَرَىٰ)(سورة العلق: 14) މާނައީ:“ ހަމަކަށަވަރުން، اللَّه ދެކެވޮޑިގެންވާކަން އޭނާ ނުދަންނަނީ ހެއްޔެވެ؟“ ތިމާގެ އަޚާ ފަޟީޙަތަކޮށް، އޭނާއާއި މެދު އެތައް ދޮގަކާއި، ބުހުތާނެއް ފަތުރައި، އޭނާގެ އެތައް ޢައިބަކާއި ފާފައެއް މުޅި ދުނިޔެއަށް ހާމަކޮށް ގިނަކޮށްލަނީ، ތިމާގެ ފާފައެއް ނެތްކަމުގައި ދެއްކެން ހެއްޔެވެ؟ ނުވަތަ އެގޮތަށް ކަން ކޮށްލުމުން، ތިމާ އަކީ ވަރަށް މާތް، ޞާލިޙު، ނިކަން ދީންވެރި މީހެއްކަމުގެ އިޙްސާސް ތިމާއަށް ކުރެވެނީހެއްޔެވެ؟ ތިމާ އޭނާގެ ޢައިބުތައް ހޯދުމުގައި އަވަދިނެތިވެ، އޭނާގެ ދުވަސް ދުއްވާލުމަށް ފެންބޮވައިގެންފައިވާ ޙާލު، ރެޔާއި ދުވާލު އޭނާގެ ފަހަތުން ނުނެއްޓެނީ ތިމާގެ ހެޔޮ ޢަމަލުތައް ގިނަކަމުން ހެއްޔެވެ؟ ތިގޮތަށް ކަންތައްކޮށްފައި، މާތް ﷲ ތިބާގެ ކަންކަން ހާމަކުރެއްވުމުން ތިބާއަށް ސަލާމަތް ވެވިދާނެކަމަށް ހެއްޔެވެ؟ ތިމާގެ ހެޔޮކަން އޭނާއަށްދިނުމަށްފަހު ބާކީ ހެޔޮކަމެއް އޮންނާނެ ކަމުގައި ތިބާއަށް ޔަޤީންވަނީ ހެއްޔެވެ؟ ތިމާގެ ހެޔޮކަން އޭނާއަށް ދީ ހުސްކޮށް، އޭނާގެ ނުބައިކަން ތިބާ އުފުލަން ނުޖެހޭނެކަމުގެ ޔަޤީންކަން އޮތީހެއްޔެވެ؟ ދުނިޔެމަތީގައި އެފާފައިން ތައުބާވުމަށް، ތިބާ އޭނާއާއިމެދު ދެއްކިހައި ވާހަކަތަކާއި، ކުރިހައި ޕޯސްޓުތައް ހުރިގޮތަށް ހުރެފައި، ތިބާ އޭނާކުރެން މަޢާފަށް އެދުނަސް ތިބާގެ ތައުބާ ފުރިހަމަނުވާނެކަން އެނގޭ ހެއްޔެވެ؟ ތިބާ އެގޮތުގައި އެތަކެތި ބަހައްޓާފައި މަރުވެއްޖެނަމަ، ދެމިގެންދާ ގޮތުގައި، އެކަމުގައި ފާފަ ތިބާއަށް ލިބިލިބި ނުހުންނާނެ ކަމަށް ތިބާ ހީކުރީ ހެއްޔެވެ؟ ނޫނީ ތިބާ ހީކުރަނީ، އަނެކާ ފަޟީޙަތްކޮށްފައި، ތިމާ ފަޟީޙަތްނުވެ، ދުނިޔެ އަބަދަށް އުޅެވޭނެކަމަށް ހެއްޔެވެ؟ އަޅެ ޖަވާބު ދީބަލާށެވެ !
قال رسول الله صلى الله عليه وسلم – يا مَعْشَرَ مَن آمن بلسانِه ولم يَدْخُلِ الإيمانُ قلبَه ، لا تغتابوا المسلمينَ ، ولا تَتَّبِعُوا عَوْرَاتِهِم ، فإنه مَن تَتَبَّعَ عَوْرَةَ أَخِيه المسلمِ ، تَتَبَّعَ اللهُ عَوْرَتَه ، ومَن تَتَبَّعَ اللهُ عَوْرَتَه ، يَفْضَحْهُ ولو في جوفِ بيتِه (صحيح الجامع)
މާނައީ: ”ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ”އޭ ދުލުކުރިން އީމާންވެ، އެހެނަސް އީމާންކަން ހިތަށް ވަދެފައިނުވާ މީސްތަކުންނޭވެ! އަދި ތިޔަބައިމީހުން އެބައިމީހުންގެ ޢައުރަތައް (އައިބުތަކާއި ފާފަތައް) ހޯދާ ބަލައި އެވާހަކަތައް ނުދައްކާށެވެ! ފަހެ އެއީ ހަމަކަށަވަރުން އޭނާގެ މުސްލިމް އަޚާގެ ނުބައިތައް ފާޅުކުރާ މީހާގެ ނުބައިތައް، ﷲ ފާޅުކުރައްވާނެއެވެ! ﷲ އެމީހެއްގެ އައިބުތައް ފާޅުކުރައްވާ މީހާ، އޭނާ ގޭގެ ކޮޓަރިއަށް ވަދެ (ފިލާ) އޮތް ކަމުގައި ވިޔަސް، ﷲ އޭނާ ފަޟީޙަތް ކުރައްވާނެއެވެ!“
މާތް ﷲ ވަޙީކުރެއްވިއެވެ. (إِنَّ ٱلَّذِینَ یُحِبُّونَ أَن تَشِیعَ ٱلْفَـٰحِشَةُ فِی ٱلَّذِینَ ءَامَنُواْ لَهُمْ عَذَابٌ أَلِیمٌ فِی ٱلدُّنْیَا وَٱلْاخِرَةِۚ وَٱللَّهُ یَعْلَمُ وَأَنتُمْ لَا تَعْلَمُونَ) (سورة النور:19) މާނައީ: “ ހަމަކަށަވަރުން، إيمان ވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، ޢަމަލު، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ޢަޛާބު އެމީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ.“
އަނެކާ މީހަކު ފަޟީޙަތްކޮށް، ބަދުނާމުކޮށް، މީސްމީޑިއާގައި ވާހަކައެއް ލިޔުމުން، އެވާހަކަ ތިމާވެސް، އެއްވެސް ފަރުވާލެއްނެތި ޙިއްސާކޮށް އެހެންމީހުނަށް ތިޔަ ފޯރުކުރަނީ، ތިމާއަށް، މާތް ﷲގެ ޢަޛާބުން ސަލާމަތް ވެވޭނެކަމަށް ހެއްޔެވެ؟ ނުވަތަ އެހިސާބުން ތިމާވެސް އަނެކާ ފަޟީޙަތް ކުރި މީހާއާއި އެއްފަދައިން، އެކަމުގައި ފާފައިގެ ގޮތުންނާއި ޢަމަލުގެ ގޮތުން ބައި އެޅިގެންދާކަން ތިބާއަށް ހަމަ ނޭނގެނީހެއްޔެވެ؟