
ދެ ރަށެއްގައި އަލުން ވޯޓުލުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމައިފި
ދެ ރަށެއްގައި އަލުން ވޯޓުލުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމައިފި އެވެ.
އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އަލުން ގުނަން ނިންމާފައިވަނީ ތ. ގާދިއްފުއްޓާއި ލ. މާވަށުގައި ވޯޓުލުމުގެ މަސައްކަތް އަލުން ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.
”ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު 2020އާ ގުޅޭގޮތުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން ތ. ގާދިއްފުއްޓާއި ލ. މާވަށުގައި އަލުން ވޯޓުލާން ވަނީ ނިންމާފަ. މި 2 ރަށުގައިވެސް ވޯޓުލުން އަލުން ކުރިއަށްގެންދަން ނިންމާފަައިވަނީ ދާއިރާ ނޫން ބަޔަކު އެ 2 ރަށުގެ ކައުންސިލަށް ވޯޓުލާފައިވާތީ.“ ޝަރީފް ވިދާޅުވި އެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ ގާދިއްފުށީފައި ވޯޓުލުން ކުރިއަށްގެންދަން ނިންމާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މަރިޔަމް ހަސަނާއި ޕީޕީއެމްގެ ކެނޑިޑޭޓް ހައްވާ ޢަބްދުލްޙާދީއާ ދެމެދު ކަމަށެވެ. އަދި މާވަށުގައި ކުރިއަށްގެންދާނީ ކައުންސިލްގެ ރައީސް ކަމުގެ ވޯޓު އެކަނިކަމަށެވެ.
މި 2 ރަށުގައި ވޯޓުލުން އަލުން ބާއްވާނެ ތާރީޚެއް އިލެކްޝަން ކޮމިޝަނުން ފަހުން އިޢުލާން ކުރައްވާނެ ކަމަށާއި، 2 ރަށުގައިވެސް ވޯޓުލެވޭނީ، ރަޖިސްޓްރީވެފައިވާ މީހުންނަށް އެކަނިކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
އިންތިޚާބާގުޅޭގޮތުން އެންމެ ގިނައިން ޝަކުވާ ހުށަހެޅިފައިވަނީ ބާޠިލް ވޯޓުތަކާ ގުޅޭގޮތުން ކަމަށާއި މިފަހަރުގެ އިންތިޚާބުގައި ބާޠިލް ވޯޓު ގިނަވީ ކުރީގެ އިންތިޚާބުތަކާ ޚިލާފަށް މިފަހަރުގެ ވޯޓު ކަރުދާސް ބަދަލުވެފައިވުމުން ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
މީގެ އިތުރުން ބާޠިލު ވޯޓު ގުނުމުގައި ބައެއް އޮފިޝަލުންނަށް އޮޅުންއަރާފައިވުންފަދަ ކަންކަންވެސް ހިނގާފައިވާކަމަށް ޝަރީފް ވިދާޅުވި އެވެ.