
ދަރިންނަށް ރަނގަޅު ޗެނަލެއް
ދަރިންނަކީ މައިން ބަފައިންފެ ލޯތަކުގެ ފިނިކަމެވެ. ކޮންމެ މަންމައަކާއި ބައްފައަކުވެސް އޭނާގެ ދަރިއަކީ ޞާލިޙު ރަނގަޅު ކުއްޖަކަށް ވުމަށް އެދޭނެއެވެ. އެފަދަ މައިންބަފައިންނަކީީ ތަޤުވާވެރިބައެކެވެ.
އެބައިމީހުން އެބައިމީހުންގެ އަނބިންނާއި ދަރިންނަކީ ހެޔޮބަޔަކު ކަމުގައި ލެއްވުމަށް އެދި ދުޢާކުރާނެ ކަމުގައި ކީރިތި ޤުރްއާނުގައި ވާރިދުވެގެން ވެއެވެ. އަލްފުރުޤާން ސޫރަތުގެ74ވަނަ އާޔަތުގައި އަންގަވަނީ ﴿وَالَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا﴾ (الفرقان: 74). މާނައީ: އަދި އެއީ ބުނާމީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާނކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި تقوى ވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!“ މިއެވެ.
އެހެންކަމުން އަޅުގަނޑުމެންގެ ދަރިންނަށް ހެޔޮ ތަރުބިއްޔަތެއް ދިނުމުގައި އެކުދންނަށް ރަނގަޅު ތަކެތި ތަޢާރުފް ކޮށްދިނުން މުޙިއްމެއެވެ.
މިލިޔުމުގައި އަޅުގަނޑު ކިޔުންތެރިންނާ މި ހިއްސާކޮށްލާ ވީޑިއޯ ޗެނަލަކީ އަޅުގަނޑުމެންގެ ތުއްތުކުދިންނަށް ވަރަށް ފައިދާ ކުރުވަނިވި ޗެނަލެއްކަމުގައި ވާނެއެވެ. ”أطفالنا“ (އަހަރުމެންގެ ކުދިން) މިނަމުހިންގާ ޗެނަލްގައި މުޅިންވެސް ހުރީ ކީރިތި ޤުރްއާނުގެ ސޫރަތްތަކުގެ ކުރު ތަފްޞީރުތަކެކެވެ.
ޢަރަބިބަހުން ގިނަ ވީޑިއޯތަކެއް ހުއްޓެއްކަމަކު، އިނގިރޭސިބަހުގެ ޙާއްޞަ ޕްލޭ ލިސްޓެއްވެސް މިޗެނަލްގައި އޮވެއެވެ. އެއިން ގިނަގުނަ މަންފާތަކެއް ކުރާނެއެވެ. ޢަރަބި ބަހުން ހުރި ވީޑިއޯތަށް ބަލަން އެކުދިން ފެށުމުން އެ ”ބަސް“ވެސް ފަހުމްވާން ފަށާނެއެވެ.

ދަރިންނަށް ހެޔޮކަންކަމަށް މަގުދެއްކުމުގައި ދެމިތިބޭ ބަޔަކުކަމުގައި އަޅަމެން ލައްވާށިއެވެ! އާމީން.