
ފަސް އަހަރުވަންދެން އިސްލާމްކަން ސިއްރު ކުރިން (2)
އަހަރެން އިސްލާމްވި ވާހަކަ 5އަހަރު ފަހުން ބުނުމުން…
އަހަރެން އިސްލާމްވި ވާހަކަ މަންމަގާތު ބުނަން ފުރިހަމަ ފަސް އަހަރު ނެގިއެވެ. އެހުރިހާ ދުވަހަކު އަހަރެން ވިސްނަމުން ގެންދިޔައީ އެވާހަކަ މަންމަގާތު ބުނާނީ ކިހިނަކުން ކަމާއިމެދުއެވެ. އެވާހަކަ އަޑުއަހާފައި މަންމައަށް ޙާޓްއެޓޭކެއް ޖެހި، މަރުނުވާނެބާއޭ ހިތަށްއަރަމުން ދިޔައެވެ. މިކަހަލަ ބިރުވެރިކަމެއްގައި އަހަރެން އެދުވަސްތައް ގުނަމުން ދިޔައީމެވެ.
އެއްދުވަހަކު އަހަރެންނަށް ރައްޓެއްސަކު ގުޅާފައިބުންޏެވެ. ދެން ތިވާހަކަ މަންމަ ގާތުބުނާށެވެ! ކޮންމެ ގޮތަކަށް ކަންތައްވިޔަސް… އެވާކަމެއް ވާނީ ﷲގެ އިރާދަފުޅާ އެކުއެވެ. އޭނާ އެބުނި ވާހަކަތަކާމެދު އެރޭ ވަރަށްފުންކޮށް ވިސްނީމެވެ. އަދި ވަރަށް ހިތްވަރާއެކު މަންމައަށް ގުޅީމެވެ. މަންމަގެ ފޯނު ރިންގުވާން ފެށުމުން އަހަރެންގެ މުޅި ހަށިގަނޑު ތުރުތުޅު އަޅާ ބިރުގަންނަގޮތްވާން ފަށައިފިއެވެ. އެހެނަސް… ފޯނު ކަނޑާލާކަށް ހިތެއް ނުބުނެއެވެ. މަންމަ ފޯނު ނެގުމާއެކީ، އަހަރެން މަންމަގާތު ވަރަށް އަވަސް އަވަހަށް އަހައިފީމެވެ. ”މަންމާ! މަންމަ އަޅުގަނޑުދެކެ ލޯބިވަންތަ؟“ ވަރަށް ފަސޭހަ ކަމާއެކު މަންމަ ޖަވާބުދިނެވެ. “ އާނ! މަންމަ ދަރުފުޅުދެކެ ވަރަށް ލޯބިވޭ…“
އަދި އަހަރެންނަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް މަންމަ އަހައިފިއެވެ. ”ކީއްވެ މާ ތަފާތު އެހެންގޮތަކަށް މިއަދު ތި ވާހަކަ ދައްކަނީ….؟“ އަހަރެން މަޑުމަޑުން ވާހަކަ ދައްކަންފެށީމެވެ. އަހަރެން މަންމަދެކެ އިންތިހާއަށް ލޯބިވާކަމާއި، މިއަދާ ހަމައަށް އައި އިރުވެސް އެއްވެސް ކަމެއް ބަދަލު ނުވާކަން މަންމަ ގާތުބުނީމެވެ. …. ”މީ މަންމަ މިދުނިޔެއަށް އުފަންކުރި މަންމަގެ ދަރިފުޅު، އަޅުގަނޑު މަންމަދެކެ އިންތިހާއަށް ލޯބިވަން. މީހަމަ މަންމަގެ އެކުޑަ ދަރިފުޅު… މަންމައަށް އެއްވެސް ކަމެއްގައި ނޫނެކޭ ނުބުނާ މަންމަދެކެ ލޯބިވާ ދަރިފުޅު…“ ދެން އަހަރެން މަންމަ ގާތުބުނިން، މަންމަ އާއި އަހަންނާ ދެމީހުންގެ ދެމެދު ހުރި ހަމައެކަނި ތަފާތުކަމަކީ ދެމީހުން ޤަބޫލުކުރާ ޤަބޫލުކުރުމުގެ ތަފާތުކަމެއެވެ. އަހަރުމެން ދެމީހުން އީމާންވާ އީމާންވުމުގެ ތަފާތުކަމެކެވެ.
މިހެންބުނުމުން، ޙައިރާންކަމާއެކު މަންމައަށް އަހާލެވުނީ، ”ދަރުފުޅު ތިބުނިއެއްޗެއްގެ މާނައެއް މަންމައަކަށް ނޭނގުނު..!“ ދެން ވަރަށް ކެތްތެރިކަމާއެކު ހިތްވަރުކުރަމުން އަހަރެން ބުނިން. ”ވޭތުވެދިޔަ ފަސް އަހަރު އަޅުގަނޑު މިހުުންނަނީ އިސްލާމްކަން ޤަބޫލުކޮށް މުސްލިމެއްގެ ގޮތުގައެވެ.“ މުޅި ދުނިޔެ ހިނމޭންވި ކަހަލައެވެ. ފޯނުކެނޑުނީބާއޭވެސް ހިތަށްއެރިއެވެ. ފޯނެއްވެސް ނުކެނޑެއެވެ. މަންމަގެ އެއްވެސް އަޑެއް ނީވެއެވެ. މަންމަ ދެން ބުނެފާނެ އެއްޗަކާމެދު ވިސްނަން ހުރުމަށްވުރެ ބޮޑުކަމެއް އަހަރެންނަކަށްވެސް ނުކުރެވުނެވެ.
އެގޮތުގައި ހިނދުކޮޅެއް ހޭދަވުމަށްފަހު، މަޑުމޮޅި އަޑަކުން މަންމަ ވާހަކަ ދައްކަން ފެށިއެވެ. އަދި ކޮންމެ ލަފްޡަކަށް ފަހު ލަފްޡެއް ދިޔައީ އަޑުގަދަވެ ހަރުކަށިވަމުންނެވެ. ”އަހަރެން ތިދަރިފުޅު ގެންގުޅެ ބޮޑުކުރީ ހާދަ ބުރަމަސައްކަތުންނޭ… އެހުރިހާ ކަމެއްގެ ބަދަލު ދޭން އިނގުނު ގޮތަކީ ތިއީކަމުގައިވާނަމަ ދެން އެންމެރަނގަޅު….! މިހެން ބުނުމާއެކު މަންމަ ފޯނު ކަނޑަލައިފިއެވެ.
އަނެއްކާވެސް އަހަރެން މަންމަ އަށް ގުޅީމެވެ. ފޯނެއް ނުނަގައެވެ. އެތައްފަހަރަކު ގުޅީމެވެ. އޮޕަރޭޓަރުނޫން މީހަކު ޖަވާބެއް ނުދެއެވެ. ”ތިޔަ ގުޅުއްވި ފޯނުން މިވަގުތު ޖަވާބެއްނުދޭ، ފަހުން ގުޅުއްވުން އެދެން…، މަންމައަށް ވީކިހިނެއްބާއެވެ؟ އަނބުރައިގަތީބާއެވެ؟ ވެއްޓުނީބާއެވެ؟ ހަދާނެގޮތް ބޮޑުވެ ގޮތްހުސްވެއްޖެއެވެ. އަހަރެން މިދުނިޔެއަށް އެކަނިވި ކަހަލައެވެ. ބޯމައްޗަށް ދުނިޔޭގެ އުޑުވެއްޓުނު ކަހަލައެވެ. އަހަރެންގެ ލޯ އެރޭ ނިދާކަށް ބޭނުމެއްނުވިއެވެ. ބިރުވެރި ދުވަހަކަށް އިރުއަރައިގެން އުޅޭކަހަލައެވެ. މުޅި އެރޭ އަހަރެން ހޭދަކުރީ ހިތާމައާއި ރުއިމުގައެވެ. ލޮލުން ފެން ފައިބާޙާލު ދުޢާދެންނެވެނީ ﷲއަށެވެ. ”މިހާދުވަހު މިވާހަކަ ސިއްރުކޮށްގެން މިހުރީ، މިކަންކަމަށް ކެތްނުކުރެވޭނެތީ! މިއަދު އިބައިލާހަށް ވަކީލުކޮށް މަންމަގާތުބުނުމުން މިދިމާވާ ކަންކަމުން ރަނގަޅު ގޮތަކަށް ސަލާމަތް ކޮށްދެއްވާނދޭވެ!“ ރޮމުން ރޮމުން އަހަރެން ދުޢާކުރީމެވެ. މަންމައަށް ދެރަގޮތެއް މެދުވެރި ނުކުރަށްވާތޯ ތަކުރާރުކޮށް ދުޢާކުރެވުނެވެ. އެއްވެސް މުޞީބާތެއް މަންމައަށް ކުރިމަތި ނުކުރެއްވުމަށްއެދި އާދޭސް ދެންނެވުނެވެ.
އަނެއްދުވަހުގެ ހެނދުނު 6 ޖެހިއިރު މަންމަ އަހަންނަށް ގުޅިއެވެ. އަދި މަންމަ ރޭގައި ތަޙައްމަލް ކުރަމުންދިޔަ ކަންތައް ކިޔައިދިނެވެ. ރޭގަނޑުގެ ނިދިން މަހުރޫމުވި ވާހަކައާއި، އަހަރެން މަންމައަށް އަނިޔާދިންވާހަކަ ކިޔާލަ ކިޔާލަ ހުއްޓެވެ. ”ދަރިފުޅު މަންމައަށް ފަސް އަހަރުވަންދެން މިކަން ސިއްރުކޮށްގެން ހުރެވުނުއިރު، މަންމައަށް ޒަހަރުދޭންވެސް ދަރިފުޅު ފަސް ނުޖެހޭނެ…“ މަންމަ ރޮމުން ރޮމުން އަހާ ހަމައެކަނި ވާހަކައަކީ، މަންމަ އަހަންނަށް ކުރީީ ކޮން ގޯސްކަމެއްހެއްޔެވެ؟ މަންމަ އަހަންނަށް ނުކޮށްދީ އޮތީ ކޮންކަމެއްހެއްޔެވެ؟ މަންމައަށް މިވަރު ހިތާމައެއް ތިދެނީ މަންމަ ކުރިކޮންކަމެއްގެ ބަދަލުގައި ހެއްޔެވެ؟
މަންމަ އެވާހަކަތަށް ދައްކަމުންދިޔައިރު އަނެއްކޮޅުގައި އަހަރެން ރޮނީއެވެ. މަންމަގެވާހަކަ ކުޑަކޮށް މަޑުޖައްސާލުމުން އަހަރެން ބުނީމެވެ. ”އަޅުގަނޑު އިސްލާމްވީ ﷲއަށްޓަކައޭ! މިހިސާބުން ދެން މިދީން ދޫކޮށް އަނބުރާ ނުދެވޭނެއޭ! އިސްލާމް އެއީ ގޯސް ގޮތެއްނަމަ މިދީން ދޫކޮށްލެވިދާނެއެވެ. އެހެނަސް މިއީ ހަމައެކަނި ޙައްޤުދީނެވެ. އެކަން އިނގުމަށްފަހު، އަޅުގަނޑު މިދީން ދޫކުރާނީ ކިހިނަކުންތޯއެވެ؟“ އަހަރެން ވަރަށް ހިތްވަރާއެކު މިކަމާ ކުރިމަތިލީމެވެ.
އަހަރެން މިހެން ބުނުމާއެކު، މަންމަ ބުންޏެވެ. ”އެއްވެސްމީހަކު ދެން ދަރިފުޅު ގާތު މަންމައެއް ހުރޭތޯ އަހައިފިނަމަ، މަންމަ އެއް ހުންނަކަމަަށް ނުބުނައްޗޭ! މިވަގުތުން ފެށިގެން ތީ މަގޭ ދަރިއެއްނޫން…!“ އަހަންނަށް އިހުނައްވުރެ ބާރަށް ރޮވުނެވެ. އަދި މަންމަގާތު އަހަރެން ބުނީމެވެ. ”އަޅުގަނޑު އަބަދުވެސް މީ މަންމަގެ ދަރިފުޅެއް! އަޅުގަނޑު މަންމަދެކެ އަބަދުވެސް ލޯބިވާނަން! އަދި އަބަދުވެސް މަންމައަށް އިޙްތިރާމުކުރާނަން! މިއީ އަޅުގަނޑުގެ ދީން އަޅުގަނޑަށް އުނގަންނައިދޭގޮތް!… ރޮމުން ރޮމުން އަހަރެން މަންމައަށް ބުުނެދެވޭތޯ މަސައްކަތް ކުރީމެވެ.
އެދުވަހުވެސް ފޯނުކަނޑާލީ މަންމައެވެ. އަހަރެން އަލުން ގުޅޭތޯ މަސައްކަތް ކުރީމެވެ. މަންމަ ހުރީ އަހަރެންގެ ފޯނަށް ޖަވާބުދޭގޮތަކަށް ނޫނެވެ. މިދުވަސްއެއްކޮށް މަންމައަށް ގުޅޭތޯ އަހަރެންބެލީމެވެ. އަނެއްދުވަހު އަހަރެން ގުޅުމުގެ ކުރިން މަންމަ އަހަންނަށް ގުޅައިފިއެވެ. އަހަރެން ފޯނުނެގީ ވަރަަށް އުފަލުންނެވެ. ”މީ މިކަމާ ބެހޭގޮތުން އަހަރެން ވާހަކަދައްކަން ގުޅާ އެންމެ ފަހުފަހަރު“ ޖޯޝު ހުރި ރާގެއްގައި މަންމަބުންޏެވެ. އަހަރެންވެސް މިގޮތުގައި ހުންނަން ބޭނުންކަމާއި އިސްލާމްކަން ދޫކޮށްލުންއެއީ މިހާރު އަހަންނަށް އެއްގޮތަކަށްވެސް ކުރެވޭނެކަމެއް ނޫންކަން އޯގާތެރި ޢިބާރާތްތަކުން މަންމައަށް ވިސްނަދޭން މަސައްކަތް ކުރީމެވެ.
އަހަރެންގެ ޙަޔާތުގައި އިސްލާމްވުމަށް ދިމާވި ސަބަބާއި އަނބުރާ މިދީން ދޫނުކުރާނީ ކީއްވެގެންކަންވެސް ބުނީމެވެ. މިގޮތުގައި އުޅެންފެށުމުން އަހަރެންގެ ޙަޔާތަށްއައި ހެޔޮބަދަލުތަކުގެ ވާހަކަތައްވެސް ކިޔައިދިނީމެވެ. މަންމައާއި އަހަރެންގެ މުޢާމަލާތް ދުވަސްކޮޅަކަށް މެދުކެނޑިފައި އޮތުމަށްފަހު، ބައެއްފަހަރު އަހަރެން ގުޅުމުން މަންމަ ފޯނުނަގަން ފަށައިފިއެވެ. އަދި ހަމައެކަނި ޙާލު ބަލާލައިފާއި ފޯނުބާއްވަނީއެވެ. މަޑުމަޑުން ދެކެވޭ ވާހަކަ އިތުރުވަމުންގޮސް، ދުވަސްކޮޅެއްފަހުން މަންމަ އާއި އަހަރެންގެ ގުޅުން ކުރިއެކޭ އެއްގޮތަށް އިޢާދަވާންފަށައިފިއެވެ. އެއްދުވަހަކު މަންމަ ބުނީ: ”ތީ ދަރިފުޅު އީމާންވާގޮތް ކަމުގައި ވާނަމަ، ތިގޮތުގައި ޘާބިތުވޭ“ މިހެންނެވެ.
އަހަރެން މިބުރަ ކޮނޑުގައި ބާއްވައިގެން އުޅޭތާ އެތައް އަހަރެންވީއެވެ. އެހެނަސް ﷲއަށް ވަކީލުކޮށް މިކަން ހާމަކުރުމުން، ﷲ މިވަނީ މިއަޅާއަށް މިކަމުން ނިކުންނާނޭ މަގު ފަހިކޮށްދެއްވާފައެވެ. މިހާރު އަހަރެންނަށް ވަރަށްބޮޑު ލުޔަކާއި ހިތްހަމަޖެހުމެއް ލިބިއްޖެއެވެ. މަންމަގެވެސް ހިތުގެ ވެރި އިލާހު މިވަނީ އެމަންމަގެ ހިތް މިއަޅާއަށްޓަކައި ބަދަލުކޮށްދެއްވާފައެވެ. الحمد الله އެވެ. އެންމެހާ އެކުވެރިންނެވެ. ތިޔަބައިމީހުންގެ އިޚްލާޞްތެރި ދުޢާގައި އަޅުގަނޑުގެ މަންމަ ހިނމަނާދެއްޗެވެ! ކޮންމެވެސް ދުވަހަކުން މަންމައަށް ﷲ ހިދާޔަތް ދައްކަވާފާނެތެވެ. އިރާދަ ކުރެއްވިއްޔާﷲ ތިބާ ކުރާ ހެޔޮޢަމަލަށް ފުރިހަމަ ޖަޒާދެއްވާނެވެ.



