ތިހެން ނުކިޔާ!

ރައްޓެއްސެއް ނުވަތަ ތިމާގެ މީހެއް ދުވަސްކޮޅެއް ކޮށްލާފައި ފެންނަ އިރަށް ސިފަޔާ ގުޅޭގޮތުން ހަމަ ކޮންމެވެސް އެއްޗެއް ބުނެލުމަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ފަރިތަކޮށް ކުރެވޭ ކަމެކެވެ.
މިސާލަކަށް، “ހާދަ ފަލަވެއްޖެއޭ” ނުވަތަ “ހާދަ ހިކިއްޖެ އޭ”. މީ ވަރަށް އާދައިގެ ކުޑަ، އަދި ހިތުގައި މާ ބޮޑު އެއްޗެއް ނެތި ބުނެލެވޭ އަތްމަތީ ބަސްތަކެއް ނަމަވެސް، އެހެން ބުނެލުމުން އަނެކާއަށް އޭގެން ފަހަރުގައި ހިތް ހަމަނުޖެހުން ނުވަތަ ދެރަވާ ކަހަލަ ބަހަކަށް ވެދާނެ ކަމަށްޓަކައި ބުނެލުމުގެ ކުރިން ވިސްނާލުން ވަރަށް މުހިއްމު ބަސްތަކެކެވެ.
ހަށިގަނޑު ގެ ބަރުދަން އެއް ހަމައެއްގައި ބެހެއްޓުމަށް ނުވަތަ ބަރުދަން ލުއި ކުރުމަށް ކުރެވޭ މަސައްތަކީ ބައެއް ފަހަރު ވަރަށް ބުރަ އަދި ފަހަރުގައި ވަރަށް ޕަރސަނަލް ކަމެއްގެ ގޮތުގައި ބާއްވަން ބައެއް މީހުން ބޭނުން ވެދާނެ ކަމެކެވެ. އެހެން ކަމުން އެފަދަ ބަހެއް ބުނެލާއިރު ވިސްނަންވާނީ އަނެކާއަށް އެ ބުނެވޭ ބަހަކުން ހިތްހަމަ ޖެހުމާއި ހިތްވަރު ލިބޭފަދަ ބަހެއް ބުނެވޭތޯއެވެ

އެހެން ކަމުން، ބަރުދަން ލުއިކޮށް ފިޓްކޮށް ހުންނަން މަސައްކަތް ކުރާ މީހަކާ ދިމާލަށް ނުވަތަ ކުރިއަށް ވުރެ ހިކިކޮށް ހުއްޓާ ފެންނަ މީހަކާ ދިމާލަށް ބުނަން ނުވާ ބައެއް ބަސްތަކާއި އޭގެ ބަދަލުގައި ބުނުން އެއްމެ ރަނގަޅު ގޮތް ހިމަނާލާނަމެވެ.

އިޝްތިހާރު Below Header ad
“ޑައެޓް ކުރަނީތަ؟ ހާދަ އަނަރޫފަ ވެއްޖެއޭ”

ހަށިގަނޑުގެ ބަރުދަން ލުއިވުމަށް އެތައް ހާސް ސަބަބުތަކެއް ހުރެދާނެއެވެ. ސަބަބަކީ ހަމައެކަނި ޑައެޓް ކުރުން ނުވަތަ ކަސްރަތު ކުރުމަށް ވުން ލާޒިމެއް ނޫނެވެ. އެންޒައިޓީ، ޑިޕްރެޝަން، ސިކުނޑީގެ މައްސަލަ ނުވަތަ ނުކެވުން ފަދަ ބަލިތަކުގެ ސަބަބުން ވެސް ހަށިގަނޑު ހިކި އަނަރޫފަ ވެދެއެވެ. މިކަހަލަ ސުވާލެއް ކޮށްލުމަށް އަވަސްވެގަތުމުގެ ބަދަލުގައި އެމީހެއްގެ ހާލު ދެނެގަންނަން މަސައްކަތް ކޮށްލާ، އެ ބަދަލު އެމީހަކަށް އައުމަށް މެދުވެރި ވެދާނެ ގޮތަކާމެދު ވިސްނާލުން އެދެވިގެންވެއެވެ.

“ހާދަ ރީތި ވެއްޖެއޭ”

ބަރުދަން ލުއިކުރުމަށް ޝައުޤުވެރިކަން ފާޅުކޮށް އެކަމަށް ކުރަމުން ގެންދާ މަސައްކަތުގެ ވާހަކަ މީހަކު ތިމާ ކައިރީ ބުނެލައިފިނަމަ އެމީހަކަށް ހިތްވަރުދީ މިފަދައިން ތައުރީފް ކޮށްލުމަކީ އެއްމެ ރަނގަޅު ކަމެކެވެ. އެހެން ނަމަވެސް އެކަހަލަ ކަމެއް ކުރަމުން ނުދާ ފަރާތަކާ މުޚާތަބުކޮށް ދިމާވާ އިރަށް މިފަދަ ބަހެއް ބުނެވުމުން ފަހަރުގަ އޭގެން ނޭދެވޭ މާނައެއް ނެގުން ނުވަތަ އުނދަގޫވެ ނުތަނަވަސްކަން އިހްސާސްވުން އެކަށީގެންވެއެވެ. މިސާލަކަށް އޭގެ ބަދަލުގައި ކޮންމެހެން ބޭރުފުށުގެ ސިފައާއި ގުޅޭގޮތުން ކޮމެންޓެއް ކުރުމުގެ ބަދަލުގައި އެމީހެއްގެ ކިބައިން ފާހަނގަ ކުރެވޭ ޕޮޒިޓިވް އެހެން ކަމެއްގެ ވާހަކަ ބުނެލުމަކީ ރަނގަޅު ގޮތެކެވެ.

“ކިތައްމެ ވަރަކަށް ކެޔަސް ފަލަނުވާތީ ހާދަ ނަސީބު ގަދައޭ”

ބައެއް ފަހަރު އާދަޔާ ހިލާފަށް ހިކިކޮށް ހުރުން އެއީ އެހާ އުފާވެރި ކަމަކަށް ނުވެދާނެއެވެ. ޚުދު އަޅުގަނޑަކީވެސް އޭގެ ހެއްކަކީމެވެ. ހިކިކަމުން ރައްޓެހިންނާ ތިމާގެ ބައެއް މީހުން ބުނެލާ މިފަދަ ބަސްބަހުން ސަލާމަތް ވުމަށް “ވެއިޓް ގެއިން” ސަޕްލިމެންޓް ބޭނުން ކޮށްގެންވެސް ބަރުދަން އިތުރު ނުވެގެން އުޅެން ޖެހުނު ހިތްދަތި ދުވަސްތައް ހަނދާނެއް ނުނެތެއެވެ
ހަށިގަނޑުގެ ހަކަތަ އަންދާ މިންވަރު ނުވަތަ “މެޓަބޮލިޒަމް ރޭޓް” އެކި މީހުންގެ ހުންނާނީ އެކި ވަރަށެވެ. ހަކަތަ އަންދާ މިންވަރު މަތި މީހެއްނަމަ ގިނައިން ކެއި ކަމުގައިވީނަމަވެސް ހަށިގަނޑުން އޭގެ މާބޮޑު ބަދަލެއް ނުދައްކަފާނެއެވެ. އެހެންނަމަވެސް މިކަހަލަ ބަހެއް ބުނެލުމުން މީހުން ތެރޭގައި ބައެއްފަހަރު ހަމަ ޖެހިލައިގެން ބޭނުން އެއްޗެއް ކާލުމަށް ފަސްޖެހެވޭ ގޮތްވާތަން އާދެއެވެ

“ތިޔަހުރިވަރު ރަނގަޅޭ..! ޑައެޓް ކުރާނެ ކަމެއް ނެތް”

އެހެންމީހުން ތިބާގެ އިހުސާސްތަކާއި ނިންމުންތަކަށް ޤަދަރު ކުރުމަށް ތިބާ އެދޭއިރު ހަމަ އެގޮތް އެހެންމީހުން ވެސް ތިބާގެ ފަރާތުން އެދޭނެކަން ދަންނަންވާނެއެވެ. މީހަކު ޑައެޓް ކުރުމުގެ ފަހަތުގައިވާ ހުރިހާ ސަބަބެއް ތިބާއަށް ނޭނގިދާނެއެވެ. ހުރިހާ ފަހަރަކު ޑައެޓް ކުރުން ނުވަތަ ޑައެޓް ކުރުމުގައި ދެމިހުރުމުގެ އަސްލަކީ ހަމައެކަނި ބަރުދަން ލުއިކޮށްލުން ނޫންކަމަށްވެސް ވެދާނެއެވެ.

އެމީހެއްގެ ސިއްހީ ހާލަތު ހުންނަ ގޮތަކުން ޑޮކްޓަރެއްގެ ލަފާގެ މަތިން ސަލާމަތް ސިއްހަތެއްގައި ހުރުމަށް އެއީ އެމީހަކު ނުކޮށް ދޫކޮށްލެވެން ނެތިގެން ކުރަމުން އަންނަ ކަމަކަށްވެސް ވެދާނެއެވެ. އެހެން ކަމުން މީހެއްގެ ސިފައަށާއި، ބަރުދަނާއި ހަށިގަޑުގެ ބައްޓަމާއި ސައިޒާއި ބެހޭގޮތުން ކޮމެންޓް ކުރުމުގެ ބަދަލުގައި ހިތްވަރު ލިބޭފަދަ ބަހެއް ބުނެ އެއްބާރުލުން ދިނުމަކީ އެދެވިގެނަވާ ކަމެކެވެ

“މިހާރު ކިހާވަރެއް ލުއިވެއްޖެ”

ރައްޓެއްސެއްކަމަށް ވިޔަސް އަދި ތިމާގެ މީހެއްކަމަށް ވިޔަސް މީހެއްގެ ވަރަށް ޒާތީ ނުވަތަ އެމީހަކު އަމިއްލަ އަށް ތިބާ އާއި ނުކުރާ ނުވަތަ ކުރަން ކޮންމެހެން ބޭނުން ނުވާ ކަމަކާ ގުޅޭގޮތުން އަދި ޚާއްސަކޮށް މިފަދަ ގޮތަކަށް ސުވާލުކުރުމުން އެމީހަކަށް އިހުސާސް ކުރެވޭނީ ތިބާއީ އޭނާ ކޮންމެ ކަމެއް މޮނީޓަރ ކުރުމާ ހަވާލުވެ ހުރި ނުވަތަ “ބެހެން ނުޖެހޭ” ކަންކަމާ ބެހޭ މީހެއްގެ ގޮތުގައެވެ.
މިއީ އެހެން މީހުން ހިތުގައި ތިބާ އާ ދޭތެރޭގައި ބާއްވަން ބޭނުންވާ ގާތްކަމާއި ޤަދަރަށް ހުރަސް އެޅިދާނެ ފަދަކަމެކެވެ. އޭގެ ބަދަލުގައި، ކަންތައްތައް ދަނީ ކިހިނެއްތޯ އަހާލުން ނުވަތަ ހާލު ކިހިނެއްތޯ ކަހަލަ ސުވާލެއްކޮށްލާ އަނެކާއަށް އޭނާ ހާމަ ކުރަން ބޭނުން ވާ އެއްޗަކާ ހާމަ ކުރަން ބޭނުން ނޫން އެއްޗެއް ޚިޔާރު ކުރުމުގެ އިޚުތިޔާރު ދޭށެވެ

“ހިނގާ އައިސް ކްރީމެއް ބޯލަންދާން..ޑައެޓް ކުރާނެކަމެއް ނެތް”

ހަނދާން ބަހައްޓަން ވީ ކަމަކީ މިއީވެސް އެމީހެއްގެ އަމިއްލަ ޒާތީ ނިންމުމެއް ކަމެވެ. މިފަދަ ނިންމުން އަނެކާއާ ދޭތެރޭ ތިބާ ނިންމުމަކީ އަނެކާ ކުރަމުން އަންނަ ހިތްވަރާއި މަސައްކަތަށް އޭގެ ނޭދެވޭ އަސަރު ކުރުވަފާނެ ކަމެކެވެ. އޭގެ ބަދަލުގައި މިއަދު ކާލަން ބޭނުން ވަނީ ކޮންއެއްޗެއްތޯ އަހާލުމުން އަނެކާއަށް އޭނާ ބޭނުންވާ ގޮތް އިޚްތިޔާރު ކުރުމުގެ މިނިވަންކަން ލިބިގެންދާނެއެވެ.

ރަނގަޅު ގުޅުމެއް މީހުންނާ މެދު ބަދަހިކޮށް އެ ގުޅުން ހެގޮތުގައި ރީތިގޮތުގައި ދެމެހެއްޓުމަށްޓަކައި މިފަދަ ކުދިކުދި ކަންކަމަކީ ވަރަށް ބޮޑު ދައުރެއް އަދާކުރާ އެއްޗެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ލިޔުން ވަރަށް ފުރިހަމަ… މާޝާﷲ…
    ނަމަވެސް ޝެއަރ ކޮށްލަން ބޭނުންވާ ފޮޓޯ އެއް ނޫން ލިއުމުގަ އިނީ…
    މިފަދަ ކަންކަމަށް ސަމާލް ވާނެކަމަށް އުންމީދު ކުރަން..

ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.