
ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ވައިޓް އެލާރޓް ނެރެފި
ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ވައިޓް އެލާރޓް ނެރެފިއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން ރާއްޖޭގެ މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނީ މ. އަތޮޅުން ފެށިގެން އައްޑޫސިޓީ އާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާރޓް ނެރެފައިވާ ކަމަށެވެ.
ވައިޓް އެލާރޓް ނެރެފައިވަނީ މިއަދު ހެނދުނު 11:00 ން ހަވީރު 17:00 އާއި ހަމައަށް ކަމަށާއި އެސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.
ރާއްޖޭގެ މޫސުން މިއަދު ހަވީރު 18:00 އާއި ހަމައަށް ލަފާކުރާ ގޮތަށް ބަލާލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި އުތުރާއި ދެކުނުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ބުނެއެވެ.
މީގެ އިތުރުން އިރުދެކުނާއި ދެކުނުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ރާއްޖޭގެ އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 7 17 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އޮފީހުން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ.
އުތުރާއި މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކޮށްފައިވާ އިރު، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވުމާއެކު ރާލުގެ އުސްމިން 2-4 ފޫޓަށް ހުންނާނެކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.



