ސްކޫލު ކުދިންގެ ހެނދުނުގެ ނާސްތާ ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހްކޮށްފި

ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ހުރިހާ ސްކޫލަކަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް އިފްތިތާހްކޮށްދެއްވީ ތާޖުއްދީން ސްކޫލްގައި އޮތް ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އޮނަރަބްލް ފައިސަލް ނަސީމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ހިލޭ ނާސްތާ ދިނުމުގެ ޕްރޮގްރާމް ހުރިހާ ސްކޫލަކަށް ފުޅާކުރެވިގެން މިދިޔައީ މިދިޔަ ޓަރމްގައި 25 ސްކޫލެއްގައި ކުރިއަށް ގެންދިޔަ ޕައިލެޓް ޕްރޮގްރާމްގެ ނަތީޖާއަށް ބެލުމަށްފަހުގައެވެ.

ޕައިލެޓް ޕްރޮގްރާމްގެ ތަޖުރިބާއަށް ބަލާއިރު މިއީ ދަރިވަރުންނަށް ވަރަށް ފައިދާހުރި ޕްރޮގްރާމެއްކަމަށް ވަނީ ފާހަގަ ކުރެވިފައެވެ. ސިއްހީ ފައިދާތަކުގެ އިތުރުން ދަރިވަރުންގެ އެކުވެރިކަން ބަދަހިވެ ހެނދުނުގެ ނާސްތާކުރިއަށްދާ ވަގުތަކީ ވަރަށް އުފާވެރި ހިތްހަމަޖެހޭ ވަގުތެއްގެ ގޮތުގައި ދަރިވަރުން ފާހަގަކުރެއެވެ.

މި ޕްރޮގްރާމް ހުރިހާ ސްކޫލަކަށް ހުޅުވާލުމުން ޖުމްލަ 213 ސްކޫލެއްގައި 57817 ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދެވިގެންދާނެއެވެ.

މި މަޝްރޫޢު ރަސްމީކޮށް އިފްތިތާހްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބް ފައިސަލް ނަސީމް ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހް ވަރަށް އިސްކަމެއް ދެއްވާ ޕްރޮގްރާމެއް ކަމަށެވެ. ދުވަހުގެ ފެށުން ރަނގަޅު ގޮތުގައި ފެށިއްޖެ ނަމަ މުޅިދުވަސް ރަނގަޅުވެގެންދާނެ ކަމަށާއި އެހެންކަމުން ރަނގަޅު ނާސްތާއެއް ހެނދުނު ދަރިވަރުން ނެގުމަކީ މުހިއްމު ކަމެއްކަން ފާހަގަކުރެއްވިއެވެ.

މި އިފްތިތާހްކުރެވިގެންދިޔަ ޕްރޮގްރާމް ވެގެންދާނީ ދުޅަހެޔޮ ސިއްހަތެއްގައި ތިބެގެން ރަނގަޅު ނަތީޖާއެއް ހޯދަން ދިވެހި ދަރިވަރުންނަށް ލިބޭ އެންމެ ފަހި ފުރުސަތަށް ކަމަށްވެސް ނައިބްރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ އާއިޝަތު އަލީ ވިދާޅުވީ ޕައިލެޓް ޕްރޮގްރާމްގެ ނަތީޖާދައްކާ ގޮތުން ނާސްތާގެ ސަބަބުން ދަރިވަރުން ފިލާވަޅަށްދޭ ސަމާލުކަން އިތުރުވެ، ސްކޫލަށް ގަޑިޖެހިގެން އަންނަ ކުދިންގެ އަދަދު މަދުވެފައިވާ ކަމަށެވެ. އަދި އެސެމްބްލީގައި އަނބުރައިގަނެގެން ވެއްޓޭ ކުދިންގެ އަދަދު ދަށްވެ، ބަނޑާއި ބޮލުގައި ރިއްސާތީ ހެލްތު ރޫމަށް ދާ ދަރިވަރުންގެ އަދަދުވެސް މަދުވެފައިވާ ކަމަށެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި މި މަޝްރޫޢުގެ ސަބަބުން އެތައް ރަށެއްގައި އިޤްތިޞާދީ އައު މަސައްކަތެއް ފެށިގެންދާނެކަން ފާހަގަ ކުރައްވައި، ދަނޑުވެރިކަމާއި ވިޔަފާރިއަށް ހެޔޮ އަސަރުތަކެއް ކުރާނެކަމަށާއި ރާއްޖޭގައި ދައުރުވާ ފައިސާ ގިނަވެ ކާނާ ތައްޔާރުކުރުމާއި ކޮންޓްރެކްޓް ވިޔަފާރިއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަން ފާހަގަކުރެއްވިއެވެ.

school breakfast

ނާސްތާ ޕްރޮގްރާމްގެ މަގުސަދަކީ ދަރިވަރުންނަށް މިންހެޔޮ ކާނާ ބޭނުންކުރުމާއި ކެއުމުގެ ރީތި އަދަބުތައް ދަސްކޮށްދިނުމާއި ހެނދުނުގެ ނާސްތާ ނެގުމަށް ދަރިވަރުންނަށް ބާރުއަޅައި އަހުލުވެރި ކުރުމުވުމެވެ. މި ޕްރޮގްރާމް ޕައިލެޓް ކުރެވުނު ސްކޫލްތަކުން މިފަދަ ހެޔޮ ބަދަލުތައް ފެންނަމުންދާކަން އެޑިއުކޭޝަން މިނިސްޓްރީން އުފަލާއެކު ފާހަގަކުރެއެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ސްކޫލްތައް ހަދާފައި ހުންނަނީވެސް ދަރިވަރުންނަށް ސްކޫލުގައި ސިއްހަތަށް ރަނގަޅު ކާނާ ކެވޭނެ ރަނގަޅު އިންތިޒާމްތައް ޤާއިމުކޮށްގެންނެވެ. މިހާރު ރާއްޖޭގެ ސްކޫލްތަކުގައި މި އިންތިޒާމް އެންމެ ފުރިހަމަގޮތުގައި ނެތް ނަމަވެސް އަލަށް ހަދާ ސްކޫލުތައް މިގޮތަށް ފަރުމާ ކުރުމަކީ މިނިސްޓްރީގެ އަމާޒެކެވެ.

ސަރުކާރުން ހިންގަވާ ހުރިހާ ސްކޫލެއްގައި ނާސްތާ ޕްރޮގްރާމް ފެށިގެންދާއިރު މި ޚިދުމަތްދޭ ފަރާތްތަކުން ކާތަކެތި ތައްޔާރުކުރާ ތަނަކީ އެޗްޕީއޭ ނުވަތަ ރަށްރަށުގައިނަމަ ހެލްތް ސެންޓަރުން ހުއްދަ ލިބިފައިވާ ސާފުތާހިރު ތަނެއްތޯ ވަނީ ކަށަވަރުކޮށްފައެވެ.

ޕައިލެޓް ޕްރޮގްރާމް ކުރިއަށް ގެންދެވުނީ 10 މެނޫއާއެކުގައެވެ. އެހެން ނަމަވެސް ހުރިހާ ސްކޫލެއްގައި މި ޕްރޮގްރާމް އިފްތިތާހް ކުރެވުމުން މިހާރު މި ޕްރޮގްރާމްގައި 17 މެނޫއެއް ހިމެނޭނެއެވެ. ކުލާހެއްގައި 30 ކުދިން ތިބޭ ނަމަ ނިސްބަތުން ކޮންމެ 10 ކުއްޖަކަށް އައިޓަމެއް ހިމެނޭގޮތަށް ތަފާތު އައިޓަމްތައް ހިމެނޭ 3 މެނޫއެއް ކޮންމެ ދުވަހަކަށްވެސް ކަނޑައެޅިފައިވާނެއެވެ. މި މެނޫތައް ތައްޔާރުކޮށްފައިވަނީ ޔުނިސެފްގެ އެހީތެރިކަމާއެކު ޑައިޓީޝަނުންގެ ލަފައާއި މަޝްވަރާއާއެކު ސިއްޚަތައް އެންމެ ފައިދާހުރި ކާނާ ބަލައިގެންނެވެ.

ސްކޫލްދަރިވަރުންނަށް ނާސްތާ ދިނުމަށް 2019ވަނަ އަހަރުގެ ބަޖެޓުގައި 123 މިލިއަން ރުފިޔާވަނީ ކަނޑައަޅުއްވާފައެވެ. އަދި އެޑިއުކޭޝަން ދާއިރާއަކީ މި ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރާ ދާއިރާއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.