
“ އަނީލޫ ކުރިގަމް ޢީދު ފުޓްސަލް ކަޕް 1440″ ފެށިގެން ފޯރިއާ އެކު ކުރިޔަށް
ލ. ފޮނަދޫ ކުރިގަމް އަވަށު ޒުވާނުންނާއި އެ އަވަށު ކޯޕަރޭޓިވް ޖަމިއްޔާ އިން އިންތިޒާމުކޮށްގެން ބާއްވާ “ އަނީލޫ ޢީދު ފުޓްސެލް ކަޕް 1440″ ފެށިގެން ފޯރިޔާއި ކުރިޔަށް އެބަދެއެވެ.
ކުރިގަމު ދަނޑުގައި ކުރިޔަށް ގެންދާ މި މުބާރާތް އިއްޔެ ހަވީރު ފެށިފައިވާއިރު، މި މުބާރާތުގައި 5 ޓީމަކުން ވާދަކުރެއެވެ. އެއީ
އެފްސީ ތާވަޅޭ
މެންޗެސްޓާ އޮބެސިޓީ
ޓީމް ރެލީ
އޭތި މީތި
ތަންޑާ އެފްސީ

މި މުބާރާތަކީ ހަމަ އެކަނި ކުރިގަމު އަވަށުގައި ދިރިއުޅޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. މި މުބާރާތް އިއްޔެ ހަވީރު ފަށާފައިވާއިރު، އިއްޔެ ވަނީ މުބާރާތުގެ ދެ މެޗެއް ކުޅެވިފައެވެ.

ފުރަތަމަ މުބާރާތް ހުޅުވި މެޗު ފަށާފައިވަނީ އިއްޔެ ހަވީރު 16:30 ގައެވެ. މި މެޗުގައި ބައްދަލުކުރީ މެންޗެސްޓާ އޮބެސިޓީ އާއި ރެލީ އެވެ. މި މެޗް ފަސޭހަކަމާއެކު 0-4 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މެންޗެސްޓާ އޮބެސިޓީ އިންނެވެ. މި މެޗްގައި ޖާޒީ ނަމްބަރ 10 ހައްޔާން 2 ލަނޑު ޖެހި އިރު އަނެއް ލަނޑު މެންޗެސްޓާ އޮބެސިޓީ އަށް ކާމިޔާބުކޮށްދިނީ ނާއިމް ( ނޭމާ)، އަދި ކާނޫ އެވެ.

މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ މެންޗެސްޓާ އޮބެސިޓީގެ ގޯލް ބެލަހައްޓާ ގިނަ ނުރައްކާތެރި ސޭވް ތަކެއް ކުރި ޒުވާން ގޯލް ކީޕަރު ޝާމް އެވެ.

އިއްޔެގެ ކުޅުނު ދެވަނަ މެޗު ފެށީ 17:30 ގައެވެ. މި މެޗްގައި ބައްދަލުކުރީ އެފްސީ ތާވަޅޭ އާއި އޭތި މީތި އެވެ. މި މެޗް 1-5 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެފްސީ ތާވަޅޭ ޓީމުންނެވެ.

މި މެޗްގައި އެފްސީ ތާވަޅޭ ޓީމަށް އައިހަމް ( އަމްބެ) 2 ލަނޑު ކާމިޔާބުކޮށްދިން އިރު އަބުދުﷲ ނަސީރު (ނަޑޭ) ، އަލީ ޟިރާރު ( ލީއްކޮ) ، މުޙައްމަދު ޖަމާލް ( ޑޭޝް ) މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ 1 ލަނޑު ތާވަޅޭ އެފްސީ އަށް ކާމިޔާބުކޮށްދީފައެވެ.

އޭތި މީތި ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗު ނިމެން ދަނިކޮށް މައްޗޭ އެވެ.

މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ އެފްސީ ތާވަޅޭގެ ޖާޒީ ނަމްބަރ 8 އަލީ ޟިރާރް ( ލީއްކޮ) އެވެ.

މި މުބާރާތުގައި މިއަދު ހަވީރުވެސް 2 މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެެވެ. ހަވީރު 16:00 ގައި ބައްދަލުކުރާނީ ތަންޑާ އެފްސީ އާއި މެންޗެސްޓާ އޮބެސިޓީ އެވެ. ދެވަނަ މެޗްގައި 17:00 ގައި ބައްދަލުކުރާނީ ޓީމް ރެލީ އާއި އެފްސީ ތާވަޅޭއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް 8،000 ރުފިޔާ ދޭން ނިންމާފައިވާއިވާއިރު، ރަނަރަޕް ޓީމަށް ދޭން ނިންމާފއިވަނީ 2،000 ރުފިޔާ ކަމަށް މައުލޫމާތު ލިބެއެވެ.



