އަހަރެން މަސްހޫރުކަން ދޫކޮށްލީ އިސްލާމް ދީނަށްޓަކައި: މަސްހޫރު ތަރި ކެޓްސްޓީވަންސް

އަހަރެން ބޮޑުވެގެން އައީ ދުނިޔޭގެ އަރާމާއި އިއްޒަތުގައެވެ. ވިޔަފާރިވެރި އާއިލާއަކަށް ނިސްބަތްވެ އަހަރެންގެ އުމުރުގެ ކުރީކޮޅު ހޭދަކުރީ ވަރަށް އުފަލުގައެވެ. އަހަރެން އުފަންވީ ކްރިސްތިއަން އާއިލާއަކަށެވެ. އަހަންނަށް ކިޔައިދީފައި އޮތް ގޮތުން ކަލަނކު ވޮޑިގެންވެއެވެ. ނަމަވެސް ކަލާނގެއާއި އިންސާނާ އާއި ގުޅުވައިދިނުމުގެ ފާލަމަކީ އީސާގެފާނު އެވެ. އަހަންނަށް އެކަންކަމުގެ ބައެއް ކަންތައްތައް ގަބޫލެއް ނުކުރެވުނެވެ.

cat_stevens_1972
އީސާގެފާނު ރަމްޒުކޮށްދިނުމަށް އެމީހުން ހަދާފައި ހުންނަ ބުދުތަކަށް ބަލައިގެން އަހަރެން ހުންނަމެވެ. އަހަންނަށް އެތަކެތި ފެނުނީ އެއްވެސް ދިރުމެއްނުވާ ހިލަތަކެއްގެ ސިފައިގައެވެ. އަދި އެމީހުން ތިން ކަލާނގެ ވާކަމަށް ބުނާތީ އަހަރެން ހުންނަނީ އަޖައިބުވެފައެވެ. އެކަމަކުވެސް އެއީ އަހަރެންގެ އާއިލާ ގަބޫލުކުރާ ގޮތްކަމުން އަހަރެން ޝަކުވާއެއް ކުރުމެއްނެތި އެކަންކަން ގަބޫލުކުރީމެވެ.

އިޝްތިހާރު Below Header ad

1000509261001_1087618199001_bio-biography-cat-stevens-lf1
ހަޔާތުން ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އަހަރެން ދިޔައީ އެ ދީނާއި ދުރުވަމުންނެވެ. އެހެން އުޅެނިކޮށް އަހަންނަށް ލަވައިގެ ދުނިޔޭގެ ތެރެއަށް ވަދެވުނެވެ. އަހަރެން ބޭނުންވީ މަޝްހޫރު މީހަކަށް ވާށެވެ. މީޑިއާތަކުންނާއި ފިލްމުތަކުން ދައްކާ މަންޒަރުތަކުގެ ސަބަބުން އަހަންނަށް ފެނިގެންދިޔައީ އަހަރެން އަޅުކަންކުރަނީ ފައިސާ އަށް ކަމަށެވެ. އަހަރެންގެ ދީނަކީ މުއްސަނދުވުުން ކަމަށެވެ. އަހަންނާއި އެއްކޮށް އުޅުނު މީހުންވެސް އަހަންނަށް ވިސްނުވައިދިނީ ހަމަ އެއެވެ. ފައިސާ އާއި މުއްސަނދިކަމުގެ ދުނިޔެއަކީ އަހަރެމެންގެ ދީން ކަމަށެވެ.

cat-stevens-mitsubishi-electric-halle-dusseldorf-25-november-2014

އަހަރެން ނިންމީ ގައިގައި ވަރުހުރި ދުވަހު އެއްކުރެވުނު ހާވަރަަކަށް ފައިސާ އެއްކޮށް މުސްކުޅިވާ ދުވަހު އަރާމުގައި ދިރިއުޅުމަށެވެ. އަހަންނަށް މިސާލަކަށް ނެގުނީ އޭރުގެ މަޝްހޫރު ތަރިންނެވެ. ލަވަކިޔުންތެރިންނާއި ފިލްމީތަރިންނެވެ. އަހަރެން ލަވަތައް ލިޔަން ފެށީމެވެ. އެއިރުވެސް އަަހަރެންގެ ހިތުގެ އަޑީގައި އަހަރެން މުއްސަނދިވެއްޖެ ނަމަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވާން އޮވެއެވެ.

ލަވައިގެ ދުނިޔޭގައި އުޅެނިކޮށް އަހަރެން ވަރަށް ބޮޑަށް މަޝްހޫރުވެގެން ދިޔައެވެ. އަހަންނަކީ އޭރު ޒުވާނަކަށް ވިޔަސް އަހަރެންގެ ފޮޓޯތަކާއި ނަމާއި މީޑިއާތަކުގައި ދިޔައީ އަހަރެން ވިދުވާލަމުންނެވެ. އެމީހުން އަހަރެން ދިރިއުޅުމަށް ވުރެ ބޮޑު ކުރިއެވެ. އަހަރެން ބޭނުންވީ ދިރިއުޅުމަށްވުރެ ބޮޑަށް ދިރިއުޅޭށެވެ. އެކަންކުރެވެން އޮތް ހަމައެކަނި ގޮތަކީ މަސްތުވާތަކެއްޗާއި ރަލުގެ ތެރެއިންނެެވެ.

މަޝްހޫރުކަމާއި ފައިސާތަކުގެ ތެރޭގައި އަހަރެއް ވީ ފަހުން އަހަރެން ވަރަށް ބޮޑަށް ބަލިވިއެވެ. ޓީބީ ޖެހި އަހަރެން ހޮސްޕިޓަލުގައި އެޑްމިޓް ކުރިއެވެ. ހޮސްޕިޓަލުގައި އޮވެ ކަންކަމާއި އަހަންނަށް ވިސްނެން ފެށުނެވެ. އަހަންނަށް މިވަނީ ކިހިނެތް؟ އަހަންނަކީ ހަމައެކަނި ހަށިގަނޑެއްތަ، އަހަރެންގެ ބޭނުމަކީ މި ހަށިގަނޑުގެ އެދުންތައް ފުއްދައިދިނުންތަ؟

yusuf-2009

އަހަންނަށް ވިސްނުނީ އެއީ އަހަންނަށް ލޯހުޅުވާލަން ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ. އަހަރެން ކީއްވެ މިތާ މިއޮތީ؟ އަހަރެން އެދުމަތިވެފަ މިއޮތީ ކީއްވެ؟ އެއާއެކު އަހަރެންގެ ހިތުގައި އުފެދެނުހާ ސުވާލުތަކުގެ ޖަވާބު ހޯދުމަށް އަހަރެން މަސައްކަތް ފެށީމެވެ. އަހަރެން އެކި ފޮތްތައް ކިޔަން ފެށީމެވެ. އަހަންނަށް އެންމެ ފުރަތަމަ އެނގުނު ކަމަކީ މީހާ މަރުވުމަށްފަހު ފުރާނާއިގެ ކަންތައްތައް އެ ނިމުނީ ނޫން ކަމަށެވެ. އަހަރެންގެ ބައެއް ސުވާލުތަކަށް ޖަވާބު ލިބެމުން ދިޔަފަދަ އިހުސާސެއް އަހަންނަށް ދިޔައީ ކުރެވެމުންނެވެ. މެޑިޓޭޓް ކުރަން ފަށާ އަހަރެން ވެޖިޓޭރިއަން އަކަށް ބަދަލުވީމެވެ. އަހަންނަށް ވިސްނުނީ އަހަންނަކީ ހަމައެކަނި ހަށިގަނޑެއް ނޫން ކަމެވެ.

އެއްދުވަހަކު އަހަރެން ހިނގާލަން ނިކުމެ އުޅެނިކޮށް ވަރަށް ބޯކޮށް ވާރޭ ވެހެން ފެށިއެވެ. ނިވާވާން އަސްކަންޏެއް ދަށަށް އަހަރެން ދުއްވައިގަތީމެވެ. އެވަގުތު އަހަންނަށް ވިސްނުނީ އަހަރެންގެ ހަށިގަނޑު ތެމެމުންދާތީ ހިޔާތަނަކަށް ދިއުމަށް އަހަރެންގެ ހަށިގަނޑު އަހަންނަށް އަންގަމުންދިޔަ ކަމެވެ. އެވަގުތު އަހަރެން ހަނދާންވީ މީހުން ބުނެ އުޅޭ ބުނުމެއްގެ މަތިންނެވެ. ހަށިގަނޑަކީ ހިމާރެއްފަދަ އެއްޗެކެވެ. ދާންވާ މިސްރާބަށް ދިއުމަށް އެއަށް ޖެހޭނީ ދަސްކޮށްދޭށެވެ. އެހެންނޫނީ ހިމާރު، މީހާ ގޮވައިގެން ދާނީ އޭތި ބޭނުންތާކަށެވެ.

އަހަންނަށް ދެން ވިސްނުނީ ކަންކަން ހިނގާދަނީ އިރާދައިގެ މަތިން ކަމަށެވެ. އަހަންނަށް އަލަށް ދަސްވި ކަންތައްތަކުގެ ސަބަބުން އަހަރެން ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. އެހިސާބަށް ދިޔައިރު ކްރިސްޓިއަނިޓީ މަތިން އަހަރެން ހުރީ ފޫހިވެފައެވެ. އަހަރެން އަނެއްކާ ވެސް ލަވަ ހަދަން ފެށީމެވެ. މިފަހަރުގެ ލަވަތައް އަހަރެން ބިނާކުރީ އަހަރެންނަށް ފަހުން ވިސްނުނު ކަންތައްތަކާއި ގަބޫލުކުރުންތަކުގެ މައްޗަށެވެ. އަހަރެން އޭރު ލިޔުނު ލަވައެއްމަތިން އަދިވެސް ހަނދާން ހުރެއެވެ. އޭގައި ބުނަނީ “ސުވަރުގެ އާއި ނަރަކަ ހެއްދެވި ގޮތް އަހަންނަށް އެނގޭނެނަމަ އެނގޭނަމަ،” އެފަދައިންނެވެ. އޭރު އަހަންނަށް ތެދުމަގަށް ދެވެމުންދާކަން އަހަންނަށް އިހްސާސް ކުރެވެން ވަނީ ފަށައިފައެވެ.

އަހަރެން އެހެން ލަވައެއްވެސް ލިޔުނީމެވެ. “ކަލާނގެ ދެނެގަންނާނެ މަގު” ގެ ނަމުގައި އަހަރެން ލިޔުނު ލަވައާއެކު މިއުޒިކީ ދުނިޔޭގައި އަހަރެންގެ ނަން އިތުރަށް ގުގުމައިގެން ދިޔައެވެ. އެކަމުގެ ސަބަބުން އަހަރެންގެ ދިރިއުޅުން ވަރަށް ދަތިވެގެންދިޔައެވެ. ފައިިސާ އާއި މަޝްހޫރުކަން އަހަންނަށް ލިބެމުން ދިޔައިރު އަހަންނަކީ ތެދު ހަގީގަތް ހޯދުމަށް ދަތުރު ކުރަމުންދާ މީހަކަށް ވާތީ ދިރިއުޅުމަށް ހީވެސް ނުކުރާކަހަލަ އުނދަގޫތަކެއް ކުރިމަތިވިއެވެ. ދެން އަހަންނަށް ވިސްނުނީ ބުދުދީނަކީ އެންމެ މާތް ތެދު ދީން ކަމަށެވެ. އެކަމަކު އަހަރެންގެ ދުނިޔެ ދޫކޮށް އެ ދުނިޔެއަށް އަހަންނަކަށް ނުދެވުނެވެެ. އެއަށްވުރެ އަހަރެންގެ ދުނިޔެއާއި އަހަންނާއި ވަނީ ގުޅިފައެވެ. ބުދުދީނުގެ ފާދިރީއަކަށްވެ ދުނިޔެއާއި އޮތް ގުޅުން ކަނޑާލުން އެއީ އަހަންނަށް ވާނެ ކަމެއް ނޫނެވެ.

2014%2f10%2f24%2f15%2fyusufcatste-763aa
އަހަރެން ތަފާތު އެކި ގޮތްގޮތް ތަޖުރިބާ ކުރަން ފެށީމެވެ. ޒެން އެންޑް ޗިންގް، ނިއުމެރޮލޮޖީ، ޓެރޮޓް ކާޑް އަދި އެސްޓްރޮލޮޖީ ގެ އެކި ވައްތަރުތައް އަހަރެން މި ބޭނުންވާ ތެދު މަގު ފެނޭތޯ އަހަރެން ތަޖުރިބާ ކުރީމެވެ. އަނެއްކާ ވެސް ބައިބަލް ވެސް ބަލަން ފެށީމެވެ. ނަމަވެސް އަހަރެން ހޯދަން އުޅޭ އެއްޗެއް އެއަކުން ނުފެނުނެވެ. އޭރު އަހަންނަށް އިސްލާމްދީނާއި ބެހޭ އެއްވެސް އެއްޗެއް ނޭނގެއެވެ. ނަމަވެސް އެހެން އުޅުމުގެ ތެރޭގައި މުއުޖިޒާތެއް އަހަރެންގެ ދިރިއުޅުމަށް މެދުވެރިވިއެވެ. އަހަރެންގެ ބޭބެ ޖޭރުއްސަލާމް އަށް ދަތުރުކުރިއެވެ. އެ ދަތުރުގައި މިސްކިތަށް ޒިޔާރަތްކޮށް އޭނާ ހުރީ ވަރަށް ބޮޑަށް އަޖައިބުވެފައެވެ. އެހެން ކަހަލަ އިހްސާސްތަކެއް އޭނާ އަށް ކުރެވުނު ނަމަވެސް ވިސްނުނީ އެއީ ހަގީގީ ހިތްހަމަޖެހުމާއި ސުލްހަ ލިބިދޭތަނެއް ކަމެވެ.

އޭނާ އެނބުރި ލަންޑަނަށް އައިއިރު އައީ ގުރުއާނުގެ ތަރުޖަމާއެއް ހިފައިގެންނެވެ. އެ ތަރުޖަމާ އޭނާ އަހަންނަށް ހަދިޔާ ކުރިއެވެ. އޭނާ މުސްލިމް ނުވެއެވެ. ނަމަވެސް އިސްލާމްދީނުގެ ކޮންމެވެސް ކަމެއް އޭނާގެ ހިތްދަމައިގަތެވެ. އޭނާ އަށް ގުރުއާނުގެ ތެރެއިން އިހްސާސް ކުރެވުނު ކަންތައްތައް އަހަންނަށް ވެސް ދެނެގަނެވޭތޯ ތަރުޖަމާ އަހަންނަށް ދިނީއެވެ.

އެ ތަރުޖަމާ ކިޔަން ފެށުމާއެކު އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔަފަދަ އިހްސާސެއް ކުރެވުނެވެ. އަހަރެންގެ ހުރިހާ ސުވާލެއްގެ ޖަވާބުތައް މަޑުމަޑުން ލިބެން ފެށިއެވެ. އަހަންނަކީ ކާކު ކަމާއި ދިރިއުޅުމުގެ މަގްސަދަކީ ކޮބައިކަމާއި އަހަރެން އައީ ކޮންތާކުން ކަމާއި އަސްލު ހަގީގަތަކީ ކޮބައިކަމެވެ. އަހަންނަށް ކަށަވަރުވެގެން ދިޔައީ ހަގީގީ ދީނަކީ މިއީ ކަމެވެ. ހުޅަނގުން ގަބޫލުކުރާ ގޮތާއި ތަފާތު ހުރިހާ އުމުރެއްގައި ވެސް އުޅެވޭނެ ދީނަކީ މިއީކަން އަހަންނަަށް އެނގުނެވެ. އަހަރެންގެ ހިތުގައި، ހަށިގަނޑާއި ފުރާނައާއި ދެމެދު އުފެދިފައި އޮތް އޮޅުން ފިލައިގެން ގޮސް އެއީ ވަކި ކުރެވޭނެ ދެ އެއްޗެއް ނޫންކަން އަހަންނަށް ހާމަވިއެވެ. އަޅުކަންކުރަން ކޮންމެހެން ފަރުބަދަތަކުގެ މައްޗަށް އަރަން ނުޖެހޭކަންވެސް އަހަންނަށް އެނގުނެވެ. އަހަންނަށް އެނގުނީ ކަލާނގެ އިރާދަކުރައްވާ ގޮތަކަށް ކަންކަން ވެގެންދާނެ ކަމެވެ. އެވަގުތު ދުނިޔޭގެ ހުރިހާ އުފަލަކާއި އަރާމެއް ދޫކޮށްލަން ޖެހުނަސް އަހަރެން ބޭނުންވީ މުސްލިމް ވާށެވެ.

cat-stevens-young-portrait

އަހަންނަށް އެނގުނީ ހުރިހާ އެއްޗެއްގެ މިލްކުވެރި ފަރާތަކީ ކަލާނގެ ކަމެވެ. ހުރިހާ ތަކެއްޗެއް އުފައްދަވާ ގެންގުޅުއްވާ ފަރާތަކީ ކަލާނގެކަމެވެ. ކުރިން އަހަރެން ހީކުރީ އަހަރެންގެ މަޝްހޫރުކަމާއި ފައިސާވެރިކަމަކީ އަހަރެންގެ އަމިއްލަ މަސައްކަތުން އަހަންނަށް ލިބުނު އެއްޗެއް ކަމަށެވެ. އަހަރެން އެހިސާބަށް ދިޔައީ އަހަރެންގެ މޮޅު ކަމަކުން ނޫންކަން އަހަންނަށް އެނގުނެވެ. އަހަރެންގެ ދިރިއުޅުމުގެ މަގްސަދަކީ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް އަމަލުތައް ބަހައްޓައިގެން ދިރިއުޅުންކަން އަހަންނަށް އެނގުނެވެ.

އެހިސާބަށް ދިޔައިރު އަހަންނަށް އަހަރެންގެ އަގީދާ ވިސްނެމުން ދިޔައެވެ. އަހަންނަކީ މުސްލިމެއް ކަމުގެ އިހްސާސް ކުރެވެމުން ދިޔައެވެ. ގުރުއާން ކިޔެވުމުން އަހަންނަށް އެނގުނީ ކަލާނގެ ފޮނުއްވި ހުރިހާ ރަސޫލުން ގެނެސްފައިވަނީ އެއް މެސެޖެއް ކަމެވެ. އެހެން އެކަންއޮތް އިރު ޔަހޫދީންނާއި ކްރިސްޓިއަނުންނާއި ތަފާތީ ކީއްވެބާ؟ ޔަހޫދީން އީސާގެފާނު ބަލައިގެނެ އެކަލޭނގެފާނުގެ ބަސްފުޅު ބަދަލުކުރި ގޮތް އަހަންނަށް އެނގުނެެވެ. އަދި ކްރިސްޓިއަނުން އީސާގެފާނަށް ކަލާނގެ ދަރީގެ ނަމުން މުހާތަބުކުރަނީ ވެސް ކަންތައްތައް އޮޅުވާލައިިގެން ކަން އަހަންނަށް އެނގުނެވެ. ހުރިހާކަމެއް ވަރަށް ސާފުކޮށް އެނގުނެވެ. ގުރުއާނުގެ ހަގީގީ ރީތިކަމަކީ އެއީއެވެ. އޭގެން މީހާ އަށް އަންގާދެނީ ސަބަބުތަކުގައި ހިފުމަށެވެ. އިރާއި ހަނދަށް އަޅުކަން ނުކޮށް އެތަކެތި ހެއްދެވި ފަރާތަަށް އަޅުކަން ކުރުމަަށެވެ.

ގުރުއާން އަންގައިދެނީ އިރާއި ހަނދަކީވެސް ކަލާނގެ ކުޅަދުންވަންތަކަމުގެ ތެރޭގައި ހިމެނޭ އެއްޗެއް ކަމަށް ގަބޫލުކުރުމަށެވެ. އެސްޓްރޯނަޓުން ޖައްވަށް ގޮސް ބަލާއިރު އެމީހުންނަށް ދުނިޔެއާއި ކައުނުގެ ބޮޑުކަން ހާމަވެގެން ދެއެވެ. އެމީހުން ވަރަށް ދީންވެރިވެގެން ދެއެވެ. އެއީ އެމީީހުންނަށް ކަލަނކު ވޮޑިގެންވާކަމުގެ އަލާމާތްތައް ފެނިފައިވާތީއެވެ. ހަނދާއި އިރުގެ ބޮޑުމިނުގައި ބޮޑު ތަފާތެއް ހުރިނަމަވެސް، ދުނިޔެއާއި ކިތެންމެ ދުރުގައި ހުރި ނަމަވެސް، އެ ދޭތި އެއް ސައިޒެއްގައި ހުންނާތީ އަހަރެމެންނަށް ފެނެއެވެ.

cat-stevens
ގުރުއާން އިތުރަށް ކިޔަވަމުން ދިޔައިރު އަހަންނަށް އެނގުނީ އަޅުކަންކުރުމާއި ހިތްހެޔޮކަމާއި މީހުންނަށް އެހީތެރިވުމުގެ މާތްކަމެވެ. އަހަންނަކީ އޭރު މުސްލިމަކަށް ނުވިއަސް އަހަރެންގެ ހުރިހާ ސުވާލުތަކުގެ ޖަވާބު ލިބެނީ ގުރުއާނުން ކަން އެއީ އަހަރެން ޝައްކެއްނެތި ގަބޫލުކުރިކަމެކެވެ. ގުރުއާން އެކި ދަރަޖަތަކުގައި ވާހަކަތައް ގެނެސްދެއެވެ. އެގޮތުން އީމާންވާ މީހުން ކާފިރުންނަކީ އެކުވެރިން ކަމުގައި ނުދެކުމަށާއި އީމާންވީ މީހުންނަކީ އަހުންތަކެއް ކަމަށެވެ. ކޮންމެއަކަސް އޭރު އަހަރެން ހުރީ އަހަރެންގެ މުސްލިމް އަހުންނާއި ބައްދަލުު ކުރާ ހިތުންނެވެ.

އަހަރެންގެ ބޭބެ ދިޔަ ގޮތަށް ޖޭރުއްސަލާމް އަށް އަހަރެން ދިޔައީމެވެ. ޖާރުއްސަލާމްގެ މިސްކިތަކަށް ވަދެ އަހަރެން އިށީނީމެވެ. މީހަކު އައިސް އަހަރެން ބޭނުންވަނީ ކޮންކަމެއްތޯ އަހަންނާއި ސުވާލު ކުރިއެވެ. އަހަންނަކީ މުސްލިމެއް ކަމުގައި އަހަރެން ބުނީމެވެ. އޭނާ އަހަރެންގެ ނަން އެހުމުން އަހަންނަށް ކިޔަނީ ސްޓީވަންސް ކަމުގައި އަހަރެން ބުނީމެވެ. އަހަރެން ނަމާދާއި ގުޅުނީމެވެ. އެކަމަކު އަހަންނަށް ކަންކުރަން ޖެހޭ ގޮތެއް ނޭނގެއެވެ.

އެނބުރި ލަންޑަަނަށް ދިޔަފަހުން އަހަންނަށް ނަފީސާ ނަމަކަށް ކިޔާ މުސްލިމް އަންހެނަކާއި ދިމާވިއެވެ. އަހަރެން އިސްލާމްވާން ބޭނުންވާކަން އޭނާ އަށް ކިޔައިދިނީމެވެ. ނިއު ރީޖެންޓް މިސްކިތަށް ދިއުމަށް އޭނާ ބުންޏެވެ. އެއީ 1977 ކެވެ. އަހަންނަށް ގުރުއާން ލިބުނުތާ ދޮޅުއަހަރު ފަހެވެ. އަހަރެންގެ ދިރިއުޅުން ދޫކޮށް ޝައިތާނާގެ ކިބައިން ސަލާމަތްވެ ހަގީގީ މަގުންދާން އަހަރެން ނިންމީމެވެ. ހުކުރުދަވެހެއްގެ ހުކުރު ނަމާދަށް ފަހު މިސްކިތުގެ އިމާމް ކައިރިއަށް އަހަރެން ދިޔައީމެވެ. ޝަހާދަތުގެ މާތް ދެ ކަލިމަ ކިޔައި އިމާމްގެ އަތްމައްޗަށް އަހަރެން އިސްލާމްވީމެވެ.

cat-stevens-bj12-hag
އަހަންނަކީ މަޝްހޫރުކަމާއި ފައިސާވެރިކަމުގެ ތެރޭގައި އުޅުނު މީހަކީމެވެ. ނަމަވެސް ހަގީގީ މަގަކީ އެއެއްޗަކަށް އަހަރެން އަބަދުވެސް މަސައްކަތްކުރި އެއްޗެވެ. ކްރިސްޓިއަނިޓީ އާއި ހިލާފަށް އަހަންނަށް މިހާރު ސީދާ ކަލާނގެއާއި ބައްދަލުކުރެވެއެވެ. ނަމާދާއި ދުއާއި އަޅުކަމުންނެވެ. އަހަންނާއި ދިމާވި ހިންދޫ އަންހެނަކު ބުންޏެވެ. ” ކަލޭ މެންނަކަށް ހިންދޫ އިން ދެނެއެއް ނުގަނެވޭނެ، އަހަރެމެން ގަބޫލުކުރަނީ އެއް ކަލާނގެއެއް އަހަރެމެން މި ބުދުތަައް ބޭނުންކުރަނީ އިތުރަށް ސަމާލުކަންދޭން،”. އޭނާ އެ ބުނީ ކަލާނގެއާއި ބައްދަލުކުރަން ކޮންމެވެސް އެއްޗެއްގެ ބޭނުންހިފަން ޖެހޭ ކަމަށެވެ. އޭނާގެ ހާލުތަކުގައި ބުދުތަކެވެ. ނަމަވެސް އިސްލާމްދީން މިފަދަ ހުރިހާ ހުރަހެއް ނައްތާލައެވެ. ނަމާދުގެ ސަބަބުން މީހާ ތާޒާކޮށްލާ ކަލާނގެއާއި ބައްދަލުކުރުވައެވެ.

މީ އަހަރެން ތެދުމަގު ހޯދުމަށް ކުރި ދަތުރުގެ ވާހަކައެވެ. އަހަރެންގެ އުންމީދަކީ އަހަރެން ތަޖުރިބާކުރި ކަންތައްތަކުގެ ތެެރެއިން އެހެން މީހުންނަށްވެސް އިސްލާމްދީނުގެ މާތްކަމުގެ ތެރެއަށް ވަދެވުމެވެ.

1-aceh-visit-yusuf-marwah-daud-habib-unhcr

ނޯޓު: މިއީ އިނގިރޭސީވިލާތުގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސްޓީވަން ޑިމެޓްރޭ ޖިއޯޖިއޯ ނުވަތަ ކެޓް ސްޓީވަންސް މުސްލިމް ވީ ގޮތުގެ ވާހަކައެވެ. 1977 ވަނަ އަހަރު އިސްލާމްވެ ޖެހިގެން އައި އަހަރު އޭނާ ވަނީ އޭނާގެ ނަން ޔޫސުފް އިސްލާމް އަށް ބަދަލުކޮށްފައެވެ. މިލިޔުމަކީ އިސްލާމް ރިލީޖަން.ކޮމްގައި ކެޓް ސްޓީވަން ލިޔެފައިވާ އޭނާގެ އަމިއްލަ އިނގިރޭސި ލިޔުމެއްގެ ތަރުޖަމާއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.