
ލ. ފޮނަދޫއަށް ބޯކޮށް ވާރޭ ވެހި މަގުތަކުގައި ފެންބޮޑުވެއްޖެ
ލ. ފޮނަދޫއަށް ބޯކޮށް ވާރޭ ވެހި މަގުތަކުގައި ފެންބޮޑުވެއްޖެއެވެ.
ފޮނަދޫއަށް ވާރޭ ވެހެން ފެށީ މިއަދު މެންދުރު ފަހު 14:000 ޖަހާ ކަން ހާއިރުއެވެ. މެދު ކެނޑުމެއް ނެތި ބޯކޮށް ވާރޭ ވެހޭތާ 3 ގަޑިއިރު ވެފައިވާއިރު، އަދިވެސް ވާރޭ ވެހުމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ.
ވާރޭ ނުވެހި، ގަދަ ހޫނު ގަދަ ދުވަސްތަކަކަށް ފަހު ފޮނަދޫއަށް ބޯކޮށް ވާރޭހެމުން ދާއިރު، އެ ރަށުގެ މީހުން ދިރިއުޅޭ ގިނަ ގޭގޭގައި ބޯފެން އަޅަން ބޭނުން ކުރަމުން އަންނަ ތާނގީތަކުން ވަނީ ފެން ހުސްވެފައެވެ. އެގޮތުން ތާނގީ ތަކުން ފެން ހުސްވެފައި ހުންނަތާ 3 މަސް ނޫނީ 4 މަސް ވަރު ވެދާނެކަމަށް ލަފާކުރެވެއެވެ.
ފޮނަދޫއަށް ބޯކޮށް ވާރޭވެހި އެ ރަށުގެ ތާރު އެޅި ރަސްމީ ބޮޑު މަގާއި ފޮނަދޫ އެތެރޭގެ މަގުތަކުގައިވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. އެހެން ކަމުން ވެހިކަލްތައް ދުއްވުމަށާއި ހިނގާ ބިގާވެ އުޅުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، މިދުވަސްވަރު ރާއްޖޭގެ ސަރަހައްދަށް ކުރާ މި ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެއް ކަމަށެވެ. މި ވިއްސާރަ ނޮވެމްބަރު މަހާ ހަމައަށް ދިގު ދެމިގެން ދިއުންވެސް އެކަށީގެން ވާކަމަށް މެޓް އޮފީހުން ބުނެއެވެ.
މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައާއި ގުޅިގެން ރާއްޖޭގެ ގިނަ ސަރަހައްދު ތަކަކަށް ވަނީ ޔެލޯ އެލާޓް ވެސް ނެރެފައެވެ.



