
އަލް ޢަޞްރުގެ ”ދަ ލޯޑް އޮފްދަ ވޯލްޑްސް“
”ދަ ލޯޑް އޮފް ދަ ވޯރލްޑްސް“ ސިލްސިލާ ދަރުސްތަކަށް ޝެއިޙް އިބްރާހިމް މެންކް އާއިއެކު ކުރިއަށް ގެންދިއުމަށް އަލް ޢަސްރުގެ ފަރާތުން ތައްޔާރުވެއްޖެއެވެ.
ޒިމްބާބްވޭގެ މަޝްހޫރު ދާއީ މުފްތީ އިސްމާއިލް މެންކް އަށް ބޮޑުބޭބެ ވިދާޅުވާ ޝެއިޙް އިބްރާހިމް މެންކް އަކީ ސަޢުދިއަރަބިއްޔާގެ މަދީނާ ޔުނިވަރސިޓިގެ ގްރެޖުއޭޓެކެވެ. އެބޭފުޅާ ދާއީއެއްގެ ގޮތުގައި މިހާރުވަނީ އެކި ގައުމުތަކަށް ދަރުތުކުރަން ފަށާފައެވެ. އެގޮތުން އިންގްލަންޑް، ސައުތު އެފްރިކާ، ޑުބާއީ، ނައިޖީރިއާ އަދި މެލޭޝިއާ ފަދަ ގައުމުތަކަށް ވަނީ ދަތުރުކުރައްވާފައެވެ. އަދި މި ރަމަޟާން މަހުގެ ފަހު ދިހައެއްގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ”ދަ ލޯޑް އޮަފް ދަ ވޯރލްޑްސް“ އަށް ޝެއިޙް އިބްރާހިމް މެންކް މިވަނީ ފުރުތަމަ ފަހަރަށް ރާއްޖެ ވަޑައިގެންފައެވެ.
”ދަ ލޯޑް އޮފް ދަ ވޯރލްޑްސް“ އަކީ ޙާއްސަކޮށް ޒުވާނުންނާއި ގުޅޭގޮތަށް އިނގިރޭސި ބަހުން ގެންދިއުމަށް ރޭވިފައިވާ ދަރުސްތަކެކެވެ. އަދި މި ދަރުސްތަށް ރޭވިފައިވަނީ މި ރަމަޟާން މަހުގެ ފަހު ދިހައެއްގައި ނޫރު މިސްކިތުގައި ޢަސްރު ނަމާދަށްފަހުގައެވެ. މި ދަރުސްތަކުގައި ޝެއިޙް އިބްރާހިމް މެންކް ކިޔައިދެެއްވާނީ ﷲ ސުބްހާނަހޫ ވަތަޢާލާގެ ބައެއް އިސްމުފުޅުތަކުގެ މާނައާއި އޭގެ މުހިންމުކަމެވެ.
މި ސީރީޒްގެ ދިހަ ދަރުސް އަޑު އަހާލަން ހުރިހާ ބޭފުޅުންނަށްވެސް އަލް ޢަސްރުގެ ފަރާތުން ދަޢުވަތު އަރުވައެވެ. އަދި މި ދަރުސްތައް އަލް ޢަސްރުގެ ފޭސްބުކް ޕޭޖުން ލައިވް ކުރުމާއި ވީޓީވީއިން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެހެން މީޑިއާ ޗެނަލް ތަކަށްވެސް މި ދަރުސްތައް ލައިވް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި ސިލްސިލާ ދަރުސްތައް ކުރިއަށް ގެންދެވެނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރސް އާއި ގުޅިގެން ކަމަށްވެސް އަލް ޢަސްރުގެ ފަރާތުން މައުލޫމާތު ދެއްވިއެވެ.



