
ޖިހާދު ކުރުމުގެ ނަމުގައި ދިވެހި ޒުވާނުންނަށް ބައެއް ފަރާތްތަކުން އޮޅުވާލަމުން ގެންދޭ: މައުމޫން
ޖިހާދު ކުރުމުގެ ނަމުގައި ދިވެހި ޒުވާނުންނަށް ބައެއް ފަރާތްތަކުން އޮޅުވާލަމުން ގެންދާ ކަމަށް ކުރީގެ ރައީސް އަދި ދީނީ ޢިލްމުވެރިޔާ އަލް އުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ’މައުމޫން ފައުންޑޭޝަން’ގެ ފަރާތުން ކޮންމެ ރަމަޟާންމަހަކު ކުރިއަށްގެންދާ އިޙްޔާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މައުމޫން ވިދާޅުވީ މައިން ބަފައިންނާއި ބެލެނިވެރިން އެކަން ދަންނަން ޖެހޭނެ ކަމަށާއި އަޅުގަނޑުމެން ޖިހާދުކުރާނީ އަޅުގަނޑުމެންގެ ޤައުމުގައި ތިބެގެން ކަމަށެވެ.
’އެހެންތާކަށް ދާކަށް ނުޖެހޭ. ޖިހާދު ކުރަން ތަންތަނަށް ގޮސް، ދިވެހިންވެސް ގޮސް މަރުވަނީ، އެއީކީ ދީނުގައި އޮތް ގޮތެއް ނޫން.‘ މައުމޫން ވިދާޅުވިއެވެ.
އިސްލާމްދީނާއި ޖިހާދު މި މަޢުލޫއަށް ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ ހަނގުރާމަކުރާ އިރުވެސް ހަނގުރާމައިގައި ބައިވެރި ނުވާބަޔަކު މެރުމަކީ އިސްލާމްދީން ހުއްދަ ކުރާކަމެއް ނޫން ކަމަށެވެ. އަދި އެހެން ދީންތަކުގެ މީހުން އަޅުކަންކުރާ ތަންތަނަށް ގެއްލުން ނުދިނުމަށް އިސްލާމީ އުއްމަތުގެ ޤާއިދުންނަށް އިސްލާމީ ވެރިން އަމުރުކުރައްވާފައިވާ ކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ އަމިއްލައަށް ޖާނުގޮއްވާލައިގެންދޭ ހަމަލާތަކަކީ އިސްލާމްދީން ހުއްދަ ކުރާކަމެއް ނޫން ކަމަށެވެ.



