
ކަންނެލި މަސްވެރިކަމަށް ނުކުތް ދޯންޏެއްގެ ޚަބަރެއް ނުވެގެން ކޯސްޓްގާޑުން ހޯދަންފަށައިފި.
ކަންނެލި މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއްގެ ޚަބަރެއް ނުވުމާއި ގުޅިގެން މި ދޯނީ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން މަސައްކަތް ފަށައިފިއެވެ.
”ފުރުޞަތު“ ނަމަކަށް ކިޔާ މި ދޯނީގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ މިދިޔަ ބުދަދުވަހު ހެނދުނު ކަމަށް ދޯނީގެ ވެރިފަރާތުން ކޯސްޓު ގާޑަށް މައުލޫމާތު ދީފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
“ ފުރުޞަތު ދޯނީގެ ޚަބަރެއް އެއްމެފަހުން ވެފައިވަނީ ރ އަތޮޅުން މިމަހުގެ 12 ވީ ބުދަދުވަހު ހެނދުނު ގާތްގަނޑަކަށް 10:00 އާއިރު.“ ދޯނީގެ ވެރިފަރާތުން މައުލޫމާތު ދީފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
ދިގުމިނުގައި 85 ފޫޓްހުރި ފުރުޞަތު ނަމަކަށް ކިޔާ މިދޯންޏަކީ ބޭރުފަރާތުގައި މަޑު ނޫކުލައިގެ ދަވާދު ލާފައިވާ އަދި ހުދު ކުލަ އާއި ރީދޫ ކުލައިގެ ދެފަށް ދަމާފައިވާ ދޯންޏެއް ކަމަށާއި އަދި މިދޯނީގައި ގެގަނޑެއް ވެސް ލާފައިވާ ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާކަމަށް އެފަރާތުން ހާމަކުރެއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދޭގޮތުގައި މިއުޅަނދާ ބެހޭ މަޢުލޫމާތެއް ލިބޭތޯ އެސަރަޙައްދުން ދަތުރުކުރައްވާ ފަރާތްތަކުން ބައްލަވައި ދެއްވުމަށް އެދިފައިވާކަމަށެވެ.
އަދި މީގެއިތުރުން ރުރުޞަތު ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 އަށް ގުޅުއްވައި އެ މައުލޫމާތު ދެއްވުމަށް އެމްއެންޑީއެފް އިން ވަނީ އެދިލައްވާފައެވެ.



