14 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވި އައްމަޓީގެ ޝަރީޢަތް މިއަދު ހުއްޓާލަން ޖެހިއްޖެ
14 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވި ސީލައިފް ގްލޯބަލްގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ގެ މިއަދުގެ ޝަރީޢަތް ހުއްޓާލަން ޖެހިއްޖެ އެވެ.
އައްމަޓީގެ މައްޗަށް އުފުލާފައިވާ 42 ދައުވާގެ އަޑުއެހުން މިއަދު ކުރިއަށް ނުގެންދެވި ހުއްޓާލަން ޖެހުނީ ވަކީލެއް އައްޔަނު ކޮށްފައި ނެތުމުން ނެވެ.
އޮންލައިންކޮށް ކުރިއަށްގެންދިޔަ މިއަދުގެ އަޑުއެހުމަށް ކްރިމިނަލް ކޯޓަށް އައްމަޓީ ހާޒިރުކޮށްފައިވީނަމަވެސް އޭނާގެ ވަކީލުން ހާޒިރުވެފައެއް ނުވެ އެވެ.
ޝަރީއަތް ކުރިއަށް ގެންދިއުމަށް ބޭނުންވަނީ ވަކީލަކާއެކުތޯ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ ސުވާލު ކުރެއްވުމުން ޖަވާބުގައި އައްމަޓީ ބުނެފައިވަނީ، އޭނާގެ ވަކީލެއް ހުންނާނެ ކަމަށެވެ.
އެހެންނަމަވެސް މިއަދުގެ އަޑުއެހުމުގެ ތަފްސީލު ލިބިފައި ނުވާތީ މި އަޑުއެހުމަށް ވަކީލު ހަމަޖެއްސިފައި ނުވާ ކަމަށާއި ވަކީލަކު އައްޔަނު ކުރުމަށް ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް އޭނާ ވަނީ އެދިފަ އެވެ.
އެކަމަކު ގާޒީ، ހަސަން ސައީދު ފަސް ދުވަސް ދެއްވުމަށް ފަހު، ގާޟީ ވަނީ އެ މުއްދަތުގައި ވަކީލަކު އައްޔަނުކޮށް ކްރިމިނަލް ކޯޓަށް އެކަން އެންގުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
ހުޅުމާލޭގައި ފުލެޓް އިމާރާތް ކުރަން އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފުލެޓް އިމާރާތްކޮށް ނުދީ، އަދި އެ ފައިސާ ވެސް ދީފައި ނުވާ މައްސަލައިގައި އައްމަޓީ ފިލައިގެން ގޮސް އުޅުނީ ސްރީލަންކާގަ އެވެ.
އެ މައްސަލައާ ގުޅިގެން 18 އޭޕްރީލް 2019 ގައި އޭނާ ހޯދަން އިންޓަރޕޯލްގެ ރެޑް ނޯޓިސްވެސް ވަނީ ނެރެފަ އެެވެ. ނަމަވެސް އޭނާ ރާއްޖެ ގެނައީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ލަންކާއިން އޭނާ ހައްޔަރުކޮށް، އިންޓަރޕޯލްއާ ގުޅިގެން ނެވެ.
އައްމަޓީގެ މައްޗަށް އުފުލާފައި ވަނީ ޚިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާއެކެވެ. އެ ދައުވާތައް އައްމަޓީގެ މައްޗަށް އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 215 ވަނަ މާއްދާއާ ހަވާލާދީ އެ ގާނޫނުގެ 210 ވަނަ މާއްދާގެ ދަށުންނެވެ.
އައްމަޓީގެ މައްޗަށް އުފުލާފައިވާ 42 ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 65 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.