
ވައިސް ޗީފް އޮފް ޑިފެންސް ފޯސް މެލޭޝިއާއަށް ފުރާވަޑައިގެންފި
ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދު މެލޭޝިއާއަށް ފުރާވަޑައިގެންފިއެވެ.
އޭނާގެ މި ދަތުރުފުޅަކީ މި މަހު 26 އިން 29 އަށް މެލޭޝިއާގެ ކުއާލަމްޕޫރުގައި އޮންނަ 40 ވަނަ ޕެސިފިކް އާރމީސް މެނޭޖްމަންޓް ސެމިނަރގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ސެމިނަރގައި ސަރަހައްދުގެ ގިނަ ޤައުމުތަކުގެ އަސްކަރިއްޔާތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ އިރު، މި ސެމިނަރ އަމާޒުކޮށްފައިވަނީ ސަރަހައްދީ ޤައުމުތަކުގެ ސަލާމަތާއި ބެހޭގޮތުން ޤައުމުތަކުގެ ސަލާމަތަށް ހުރި ގޮންޖެހުންތައް ދެނެގަނެ، ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ހާލަތްތަކުގައި ޢަމަލުކުރަންޖެހޭ ޕްލޭނެއް އެކުލަވާލުމަށެވެ.
އަޙްމަދު ޝާހިދުގެ އިތުރުން ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް (ސީޑީއެސްއެސް) ގެ ކޮމާންޑިންގ އޮފިސަރ ކާރނަލް ވައިސް ވަހީދުވެސް މި ސެމިނަރގައި ދިވެހި އަސްކަރިއްޔާގެ ފަރާތުން ބައިވެރިވަޑައިގަންނަވައެވެ.



