
ސްކޫލްތަކުން ކުނީގެ ގޮތުގައި ބާކީވާ ކަރުދާސް ރީސައިކަލް ކުރުމަށް ވެމްކޯ އާއި ޙަވާލުކޮށްފި
ސްކޫލްތަކުގައި ކުނީގެ ގޮތުގައި ބާކީވާ ކަރުދާސް މެނޭޖުކުރުމުގެ މަސައްކަތްކުރުމަށް ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި ހަވާލުކޮށްފިއެވެ.
ވެމްކޯގެ ’ފެހި މާދަން‘ މަޝްރޫޢުގެ ދަށުން މާލޭ ސަރަޙައްދުގެ ސްކޫލްތަކުން ބާކީވާ ކަރުދާސް ރީސައިކަލް ކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީ އާއި ވެމްކޯ އާއި ދެމެދު ފަހުމްނާމާގައި ސޮއިކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ފަހުމުނާމާގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް އެވެ. ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފުއާދުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޢާއިޝަތު ޝިހާމް ވިދާޅުވީ ރާއްޖޭގެ 212 ސްކޫލްގައި ދަރިވަރުން ބޭނުންކޮށްފަ ހުންނަ ފޮތްތަކުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ޖުމްލަ 442،506 ފޮތް ބާކވާ ކަމަށާއި އެއީ އަހަރެއްގެ މައްޗަށް 150.5 ޓަނުގެ ކަރުދާސް ކަމަށެވެ. އެހެންކަމުން ކެމްކޯގެ އެހީ އާއެކު ސްކޫލްތަކުން ބާކީވާ ކަރުދާހުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި ކުނި މެނޭޖުކުރުމުގެ މި މަޝްރޫއު އާއެކު ސްކޫލްތަކުގެ ދަރިވަރުންނަށް ކުނީގެ ތަފާތު ބާވަތްތައް ވަކި ކުރުމާއި ރީސައިކަލް ކުރުމުގެ މަސައްކަތުގައި މަސްޣޫލުވެވި، ސްކޫލް ދައުރަށް ފަހު،އަމިއްލަ ދިރިއުޅުމުގައި އެ ދަރިވަރުންނަކީ ތިމާވެއްޓާއި ރައްޓެހިގޮތުގައި ދިރިއުޅުން ބައްޓަން ކުރާ ބަޔަކަށް ވެގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި މަސައްކަތް ކުރިއަށްދާނީ ވެމްކޯއިން ސްކޫލްތަކުގައި ކުނީގެ ގޮތުގައި ބާކީވާ ކަރުދާސް ސްކޫލްތަކުގައި ބެހެއްޓިފައި ހުންނަ ޑަސްބިނުން ނަގައިގެންނާއި، އަހަރު ނިމުމަށްފަހު ބާކީވާ ފޮތްތަކުން ލިބޭ ކަރުދާސް ރީސައިކަލް ކޮށްގެން ކަމަށްވާތީ، މިކަމަށްޓަކައި މި ރަސްމިއްޔާތުގައި ވަނީ ސްކޫލްތަކާއި ޑަސްބިން ޙަވާލުކޮށްފައެވެ.
މި އފަހުމުނާމާ އާއެކު މިހާރު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ކަރުދާސް ރީސައިކަލް ކުރުމުގެ މަސައްކަތް ނަމަވެސް މި މަޝްރޫޢު އިތުރަށް ފުޅާކޮށް ކުރިއަށް ގެންދިޔުމަށްޓަކައި މުސްތަޤުބަލުގައި ސްކޫލްތަކުން ބާކީވާ ޕްލާސްޓިކާއި މެޓަލް ފަދަ ތަކެތި ރީސައިކަލް ކުރުމަށްވެސް ވެމްކޯއިން ވިސްނައެވެ.
މި ފަހުމުނާމައިގެ ދަށުން ވެމްކޯއިން ރީސައިކަލް ކުރުމާއި ބެހޭގޮތުން ސްކޫލްތަކުގެ ދަރިވަރުން ހޭލުންތެރި ކުރުވުމުގެ ގޮތުން ފުޅާ ދާއިރާއެއްގައި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަވާނެއެވެ.



