
ޕީއެސްއެމްގެ ރީބްރޯޑްކާސްޓިންގ ޕްރޮޖެކްޓް ކުރިއަށްދާގޮތާއިބެހޭ މަޢުލޫމާތު ކޮމިޝަނުން ހޯދައިފި
ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ ރީ-ބްރޯޑްކާސްޓިންގ ޕްރޮޖެކްޓް ކުރިއަށްދާ ގޮތާއިބެހޭ މަޢުލޫމާތު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހޯދައިފިއެވެ.
މިއީ ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމަށް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން މި ޚިދުމަތް ދެމުންދާ ގޮތާއި މި ޚިދުމަތް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ހޯދުމަށް އެ ކޮމިޝަނުން ފަށާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ދަށުން ހޯދި މަޢުލޫމާތެވެ.
އެމްބީސީގައި ބޭއްވި ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ވިދާޅުވީ ރީބްރޯޑްކާސްޓިންގގެ ޚިދުމަތް ރާއްޖޭގައި ފުޅާކުރުމަށާއި ވާދަވެރި މާޙައުލެއް ޤާއިމުކުރުމަށް ކޮމިޝަނުން ޚާއްޞަ އަހަންމިއްޔަތު ކަމެއްދީގެން އަންނަނީ މަސައްކަތްކުރަމުން ކަމަށެވެ.
އަދި ރީބްރޯޑްކާސްޓިންގގެ ޚިދުމަތް ދިނުމަށް ޕީ.އެސް.އެމް އިން މއަހަރު ލައިސަންސް ނެގުމުން، މިއީ ރީބްރޯޑްކާސްޓްކުރުމުގެ ސިނާޢަތަށް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޝަހީބު ވިދާޅުވީ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް އެއް ނެޓްވޯރކަކުން ރާއްޖޭގެ އުތުރުން ދެކުނަށް ދިނުމަށާއި ރަނގަޅު އަދި އަގުހެޔޮ ޚިދުމަތެއް ޢާންމުންނަށް ދިނުމަށާއި ރާއްޖޭގެ ބްރޯޑްކާސްޓަރުންގެ ސިގުނަލް ތުރާކުނުން އައްޑޫއަށް ފޯރުކޮށްދިނުމަށް ކޮމިޝަނުން އެކަށައަޅާފައިވާ ސިޔާސަތާ އެއްގޮތަށް ޕީ.އެސް.އެމް އިން މި ޚިދުމަތް ދިނުމަށް މަސައްކަތްކުރުމަށްވެސް ކޮމިޝަންގެ ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ރީބްރޯޑްކާސްޓިންގގެ ޚިދުމަތް ދިނުމަށް ރާވާފައިވާ ގޮތާއި ރާއްޖޭގައި މި ޚިދުމަތް ފެށުމަށް ވަމުންދާ ތައްޔާރީތަކާ ބެހޭ މަޢުލޫމާތު ޕީ.އެސް.އެމް އިން މި ބައްދަލުވުމުގައި ކޮމިޝަނާ ވަނީ ޙިއްޞާ ކޮށްފައެވެ.
މި ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް އާއި ޕީ.އެސް.އެމް.ގެ ޑިރެކްޓަރ ޙުސައިން ޝުހާދާއި ކޮމިޝަނަރ ފާޠިމަތު ޒައިނާ އާއި ކޮމިޝަނަރ ޒީނާ ޒާހިރާއި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިޙު ބައިވެރިވެވަޑައިގަތެވެ.



