
އައި.ޖީ.އެމް ހޮސްޕިޓަލަށް ނަރުހުން ހޯދަނީ
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ނަރުހުން ބޭނުންވެގެން ނަރުހުންގެ ވަޒީފާއަށް މީހުން ހޯދަން އިއުލާންކޮށްފިއެވެ.
ނަރުހުން ބޭނުންވެގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ކޮށްފައިވާ މި އިއުލާނުގައި ބަޔާންކޮށްފައިވާގޮތުން އެހޮސްޕިޓަލަށް މަދުވެގެން 12 ރެޖިސްޓަރޑް ނަރުހުން ބޭނުންވާ ކަމަށާއި އަދި ނަރުހެއްގެ މުސާރައަކީ 5610 ރުފިޔާކަމަށެވެ.
އަދި މީގެ އިތުރުން ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު 2500 ރުފިޔާ ލިބޭނެކަމަށާއި އަދި ރިސްކް އެލަވަންސްގެ ގޮތުގައި ވަޒީފާ އަށް ނިކުންނަ ކޮންމެ ދުވަހަކު 100 ރުފިޔާ ވެސް ލިބޭނެކަމަށާއި މީގެއިތުރުން ސިވިލް ސާވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ވެސް ލިބޭނެކަމަށް މި އިއުލާނުގައިވެއެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ނަރުހުންގެ ވަޒީފާ އަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭނެ ހާޞް ސަރުތުތަކެއްވެސް މި އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
އެ ސަރުތުތަކުގެ ތެރޭގައި ހިމެނޭ ތައުލީމީ ފެންވަރު ކަމަށް ބަޔާންކޮށްފައި ވަނީ ސަރުކާރު ގަބޫލުކުރާ އިންސްޓިޓިއުޓެއްގައި ނަރސިންގ ޑިޕްލޮމާ ކޯހެއް ފުރިހަމަކޮށް ސެޓުފިކެޓު ހާސިލުކޮށްފައިވުމެވެ. ނުވަތަ ޑިޕްލޮމާއިން ކޮންވަރޝަން އިން ނަރސިންގ ކޯސް ފުރިހަމަކޮށްފައިވުމެވެ.
ވަޒީފާ އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހުގެ 13:30 އަށް ވަޒީފާއަށް ކުރިމަތިލުމަށް ފޯމް ދޫކުރުމާއި ބަލައި ގަތުން ކުރިޔައްދާނެއެވެ.
މިކަންކަން ކުރިޔަށް ދާނީ އައިޖީއެމްއެޗްގެ އައު އިމާރާތުގެ 11 ވަނަ ފަންގިފިލާގައި ކަމަށް ވެސް އިއުލާންގައި ބަޔާންކޮށްފައިވެއެވެ.



