ފީފާ ވޯލްޑްކަޕް 2018: ޕޯޗުގަލް އަދި މޮރޮކޯ ބައްދަލުކުރާ މެޗަށް ބަލާލުމެއް

 

ޕޯޗުގަލްއާއި މެކްސިކޯ މިއަދުގެ މެޗަށް ނިކުންނައިރު  މި މެޗު ދެޓީމަށްވެސް ވަރަށް މުހިންމެވެ. ޕޯޗުގަލް ފުރަތަމަ ސްޕެއިންއާއި ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެފައިވާއިރު މޮރޮކޯ ވަނީ ފުރަތަމަ ކުޅުނު މެޗުން އީރާން އަތުން ބަލިވެފައެވެ. އެހެން ކަމުން ދެވަނަ ބުރަށް ދިއުމަށް މި މެޗަކީ ދެޓީމަށްވެސް މުހިންމު މެޗެކެވެ. ދެވަނަ ބުރަށް ދިއުމަށް ޕޯޗުގަލް އަށް ކުރިޔަށް އޮތް ދެމެޗުންވެސް މޮޅުވާންޖެހެއެވެ. މޮރޮކޯއަށްވެސް އޮތީ ހަމަ މިގޮތެވެ. މިއަދުގެ މެޗުން މޮރޮކޯ ޕޯޗުގަލްއަތުން ބަލިވެއްޖެނަމަ އެޓީމަށް ދެވަނަ ބުރުގެ އުންމީދު ގާތްގަނޑަކަށް ބަންދުވީއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޕޯޗުގަލް

ފީފާ ރޭންކިންގެ 4 ވަނާގައި މިވަގުތު އޮތް ޕޯޗުގަލް އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 1966 ވަނަ އަހަރެވެ. އިންގްލެންޑްގައި އެ އަހަރު އޮތް ވޯލްޑް ކަޕްގެ ތިން ވަނަ ޕޯޗުގަލް ހޯދި އެވެ. މިއީ ވޯލްޑް ކަޕްގައި އެ ޤައުމަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.

ވޯލްޑް ކަޕްގައި 1966 ވަނަ އަހަރު ޕޯޗުގަލް އިން ހޯދި ކާމިޔާބީގައި އެންމެ މުހިންމު ރޯލެއް އަދާކުރީ ޔުސޭބިއޯ އެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި ޕޯޗުގަލް ބަލިވީ މުބާރާތުގެ ހޯސްޓް އިންގްލެންޑް އަތުންނެވެ. އެކަމަކު ތިން ވަނަ ހޮވި މެޗުގައި ސޯވިއެޓް ޔޫނިއަން ބަލިކޮށް، ޕޯޗުގަލް ވަނީ މުބާރާތުގެ ތިން ވަނަ ހޯދައިފަ އެވެ.

ޕޯޗުގަލް އަށް 1966 ވަނަ އަހަރުގެ ފަހުން، ވޯލްޑް ކަޕްގައި ލިބުނު އެންމެ ބޮޑު ކާމިޔާބު ލިބުނީ 2006 ވަނަ އަހަރެވެ. އެ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ޕޯޗުގަލް ބަލިވީ ފްރާންސް އަތުންނެވެ.

މޮޅެތި ކުޅުންތެރިންތަކެއް ޕޯޗުގަލް އިން އުފެދުނު ނަމަވެސް، ވޯލްޑް ކަޕެއް ކާމިޔާބުކުރުމަށް އެ ޤައުމުން ކުރަމުންދިޔަ އުންމީދުތައް އަދި އޮތީ ހާސިލްނުވެ އެވެ.

ވޯލްޑް ކަޕްގައި ޕޯޗުގަލް އެންމެ ފަހުން ވާދަކުރީ 2014 ވަނަ އަހަރެވެ. އެ އަހަރު ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުން ޕޯޗުގަލް ވަނީ ކަޓައިފަ އެވެ.

ވޯލްޑް ކަޕްގައި ޕޯޗުގަލް އަށް ތައްޓާ ހަމައަށް ނުދެވުނު ނަމަވެސް، 2016 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށް، ބައިނަލްއަގުވާމީ ތައްޓަކަށް އެ ޤައުމުން ކުރަމުންދިޔަ އުންމީދު ވަނީ ހާސިލްވެފަ އެވެ. މިހާރު އެ ޤައުމުގެ ހުވަފެނަކީ ވޯލްޑް ކަޕްގެ ތައްޓެވެ. މި ފަހަރުގެ ވޯލްޑް ކަޕަށް ވެސް ޕޯޗުގަލް ނުކުންނަނީ ވަރުގަދަ ޓީމަކާއެކު އެވެ.

މުހިންމު ކުޅުންތެރިންނަށް ބަލާއިރު އެޓީމުގެ އެންމެ މޮޅު އަދި މުހިންމު ކުޅުންތެރިއަކީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އެއްވެސް ޝައްކެއް ނެތްގޮތުގައި، ޕޯޗުގަލް ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކީ އެއީއެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަޤާމު އެތައް ފަހަރަކު ހޯދާފައިވާ ރޮނާލްޑޯ އަކީ ޕޯޗުގަލްގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އެވެ. ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން އިން ކެރިއަރު ފެށުމަށް ފަހު، މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑްއާއެކު ރޮނާލްޑޯ ވަނީ އެތަކެއް ކާމިޔާބުތަކެއް ހޯދައިފަ އެވެ.

ޕޯޗުގަލްގެ ޤައުމީ ޓީމާއެކު ތައްޓެއް ހޯދުމަށް ރޮނާލްޑޯ ކުރަމުންދިޔަ އުންމީދު ހާސިލްވީ 2016 ވަނަ އަހަރު ޕޯޗުގަލްއާއެކު ޔޫރޯ ކާމިޔާބުކުރެވުމުންނެވެ. ޕޯޗުގަލް އަށް ޔޫރޯ ކާމިޔާބުކޮށްދިނުމުގައި ރޮނާލްޑޯ މުހިންމު ރޯލެއް އަދާކުރި އެވެ.

ރޮނާލްޑޯގެ ކެރިއަރުގައި މިހާރު މަދުވަނީ ހަމައެކަނި ވޯލްޑް ކަޕްގެ ރަން މެޑަލް އެވެ. އެކަން ހާސިލްކުރުމަށް، މި އަހަރުގެ ވޯލްޑް ކަޕަކީ އޭނާ އަށް ލިބޭ ފަހު ފުރުސަތަށްވެދާނެ އެވެ. ރޮނާލްޑޯވަނީ ގްރޫޕް ސްޓޭޖުގައި ސްޕެއިންއާއި ދެކޮޅަށް ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދައްކާ ހެޓްރިކްވެސް ހަދާފައެވެ.

މޮރޮކޯ

ފީފާ ރޭންކިންގެ 42 ވަނާގައި މިވަގުތު އޮތް އެފްރިކާގެ އުތުރުގެ ސަރަހައްދަށް ނިސްބަތްވާ މޮރޮކޯ އަކީ މީގެ ކުރިން ހަތަރު ފަހަރު ފީފާ ވޯލްޑް ކަޕްގައި ވާދަކޮށްފައިވާ ޤައުމެކެވެ. މޮޅެތި ކުޅުންތެރިންތަކެއް ނިކުމެފައިވާ މޮރޮކޯ މިހާތަނަށް ހަތަރު ފަހަރު ވޯލްޑް ކަޕްގައި ވާދަކުރިއިރު، އެންމެ ރަނގަޅު ކާމިޔާބީ އަކީ 1986 ވަނަ އަހަރުގެ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދުމެވެ.

މޮރޮކޯ އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 1970 ވަނަ އަހަރު މެކްސިކޯގައި އޮތް މުބާރާތުގަ އެވެ. އެކަމަކު އެ މުބާރާތުގެ ގުރޫޕް ސްޓޭޖުން މޮރޮކޯ މުބާރާތާ ވަކިވީ އެންމެ ޕޮއިންޓަކާއެކު އެވެ.

މޮރޮކޯ ދެވަނަ ފަހަރަށް ވޯލްޑް ކަޕްގައި ވާދަކުރީ 1986 ވަނަ އަހަރެވެ. މެކްސިކޯގައި އޮތް މުބާރާތުގެ ގުރޫޕް ސްޓޭޖު މޮރޮކޯ ނިންމާލީ ގުރޫޕްގެ އެއްވަނައިގެ ގޮތުގަ އެވެ. އެ ގުރޫޕްގައި އިންގްލެންޑާއި ޕޯޗުގަލް ވެސް ހިމެނުނުއިރު، މޮރޮކޯ ގުރޫޕްގެ އެއްވަނަ ހޯދުންވެގެންދިޔައީ ބޮޑު ހައިރާން ކަމަކަށެވެ.

އެކަމަކު މުބާރާތުގެ ދެވަނަ ބުރުގައި މޮރޮކޯ ވަނީ ހުޅަނގު ޖަރުމަން އަތުން 1-0 އިން ބަލިވެ، މުބާރާތުން ކަޓައިފަ އެވެ.
އޭގެ ފަހުން މޮރޮކޯ ވާދަކުރީ 1994 ވަނަ އަހަރާއި 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ. އެ ދެ މުބާރާތުން ވެސް މޮރޮކޯ ކެޓީ ގުރޫޕް ސްޓޭޖުންނެވެ.

މޮރޮކޯގައިވެސް ފާހަގަކޮށްލެވޭ ކުޅުންތެރިން އެބަތިއްބެވެ. އޭގެތެރޭގައި މެހްދީ ބެނާޓިއާ ،ސްފިޔާން ބޫފާލް ، ނޯޑިން އަމްރަބަތު ހިމެނެއެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ މޮރޮކޯގެ ކެޕްޓަން މެހްދީ ބެނާޓިއާ އެވެ. އޭނާ އަކީ އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. ފްރާންސަށް އުފަން ބެނާޓިއާ ،30، ކެރިއަރު ފެށީ ފްރާންސްގެ މާސޭ އިންނެވެ. ފްރާންސްގެ ކްލަބުތަކަށް ކުޅުމަށް ފަހު، އިޓަލީގެ އުދިނޭޒީ އަށް ބެނާޓިއާ ބަދަލުވީ 2013 ވަނަ އަހަރެވެ.

ބެނާޓިއާ ޔޫރަޕްގައި ވިދާލަން ފެށީ އިޓާލިއަން ލީގުގަ އެވެ. އުދިނޭޒީގައި ތިން ސީޒަން ހޭދަކުރުމަށް ފަހު، 2013 ވަނަ އަހަރު އޭނާ ވަނީ އޭއެސް ރޯމާ އަށް ބަދަލުވެފަ އެވެ. ރޯމާގައި އޭނާ ހޭދަކުރީ އެންމެ ސީޒަނެކެވެ. ދެހާސް ސާދަ ވަނަ އަހަރު އޭނާ ވަނީ ޖަރުމަންގެ ބަޔާން މިއުނިކް އަށް ބަދަލުވެފަ އެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ލޯނެއްގެ ގޮތުގައި ޔުވެންޓަސް އަށް ބެނާޓިއާ ބަދަލުވި އެވެ. އަދި 2017 ވަނަ އަހަރު ބަޔާން ދޫކޮށް، ޔުވެންޓަސް އަށް އޭނާ އެއްކޮށް ބަދަލުވި އެވެ.

އިޓާލިއަން ލީގުގައި މި ވަގުތު ކުޅޭ އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ބެނާޓިއާ މޮރޮކޯގެ ޓީމަށް ކުޅެން ފެށީ 2008 ވަނަ އަހަރެވެ. ވިހި އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް މޮރޮކޯ ވޯލްޑް ކަޕަށް ކޮލިފައިވީ ބެނާޓިއާގެ ކެޕްޓަންކަމުގެ ދަށުންނެވެ.

ދެޓީމުގެ ބައްދަވުންތަށް

މޮރޮކޯ އަދި ޕޯޗުގަލް މިހާތަނަށް ބައްދަލުކޮށްފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 1986 ވަނަ އަހަރުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައެވެ. އެމެޗު 1-4 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ޕޯޗުގަލް ޓީމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.