
ފީފާ ވޯލްޑްކަޕް 2018: ޕޯލަންޑް އަދި ސެނަގޯލް ބައްދަލުކުރާ މެޗަށް ބަލާލުމެއް
21 ވަނަ ފީފާ ވޯލްްޑް ކަޕްގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިރޭ ރާއްޖޭ ގަޑިން 20:00 ޕޯލެންޑްއާ ސެނެގޯލް ބައްދަލުކުރާ މެޗަކީ ވެސް ފޯރިގަދަ މެޗަކަށް ވެގެންދާނެއެވެ.
ޕޯލަންޑް
ޕޯލެންޑް އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 1838 ވަނަ އަހަރެވެ. ފްރާންސްގައި އެ އަހަރު އޮތް މުބާރާތުގެ ފުރަތަމަ ބުރުން ޕޯލެންޑް ވަނީ ކަޓައިފަ އެވެ.
އެއަށް ފަހު، ޕޯލެންޑް ވޯލްޑް ކަޕަށް ކޮލިފައިވީ 1974 ވަނަ އަހަރެވެ. އެ އަހަރުގެ މުބާރާތުގެ ތިން ވަނަ ޕޯލެންޑް ހޯދި އެވެ. އެއަށް ފަހު ޕޯލެންޑް ވަނީ 1978 ވަނަ އަހަރު އާޖެންޓީނާ އޮތް މުބާރާތުގައި ވާދަކޮށްފަ އެވެ. އެކަމަކު އެ އަހަރުގެ މުބާރާތުން ޕޯލެންޑް ވަނީ ދެވަނަ ބުރުން ކަޓައިފަ އެވެ.
ޕޯލެންޑް ވަނީ އެއަށް ފަހު އޮތް ދެ ވޯލްޑް ކަޕްގައި ވެސް ވާދަކޮށްފަ އެވެ. ސްޕެއިންގައި 1982 ވަނަ އަހަރު އޮތް މުބާރާތް ވެސް ޕޯލެންޑް ނިންމާލީ ތިން ވަނައިގަ އެވެ. އަދި މެކްސިކޯގައި 1986 ވަނަ އަހަރު އޮތް މުބާރާތުން ޕޯލެންޑް ކެޓީ ގަދަ 16ގެ ބުރުންނެވެ.
މެކްސިކޯގައި 1986 ވަނަ އަހަރު އޮތް ވޯލްޑް ކަޕަށް ފަހު ވޯލްޑް ކަޕަށް ކޮލިފައިނުވެ، ޕޯލެންޑް ދެން ވޯލްޑް ކަޕްގައި ވާދަކުރީ 2002 ވަނަ އަހަރެވެ. އެ ފަހަރުގެ މުބާރާތުން ޕޯލެންޑް ފުރަތަމަ ބުރުން ކެޓިއިރު، 2006 ވަނަ އަހަރުގެ މުބާރާތުން ވެސް ޕޯލެންޑް ކެޓީ ފުރަތަމަ ބުރުންނެވެ.
ޕޯލަންޑް ގެ މުހިންމު ކުޅުންތެރިންނަށް ބަލާއިރު، އެޓީމުގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ބަޔާންއަށް ކުޅެމުންއަންނަ ރޮބަޓް ލެވަންޑޮވްސްކީއެވެ.
ޕޯލެންޑްގެ ކެޕްޓަން ރޮބަޓް ލެވަންޑޮވްސްކީ އަކީ އެ ޓީމުގެ އެންމެ މުހިންމު އެއް ކުންތެރިޔާ އެވެ. ޕޯލެންޑްގެ ޤައުމީ ޓީމަށް 2008 ވަނަ އަހަރުން ފެށިގެން ކުޅެމުންދާ ލެވަންޑޮވްސްކީ ވަނީ ޤައުމީ ޓީމަށް މިހާތަނަށް ކުޅުނު 91 މެޗުގައި 51 ލަނޑު ޖަހައިފަ އެވެ.
ލެވަންޑޮވްސްކީ އަކީ ޕޯލެންޑްގެ ޤައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. ލެވަންޑޮވްސްކީ ވަނީ ޔޫރޯ 2012 އަދި 2016ގައި ޤައުމީ ޓީމަށް ކުޅެފަ އެވެ.
މީގެއިތުރުން ނަޕޯލީގެ ފޯވާޑް އަރްކަޑުއިޒް މިލިޗް އަކީ ވެސް ޕޯލެންޑްގެ ފޯވަޑްލައިންގައި ލެވަންޑޮވްސްކީއާއެކު މުހިންމު ރޯލު އަދާކުރާނެ ކުޅުންތެރިއެކެވެ. ނަޕޯލީ އަށް 2016 ވަނަ އަހަރު ބަދަލުވުމުގެ ކުރިން، މިލިޗް ވަނީ ނެދަލޭންޑްސްގެ އަޔަކްސް އާއި ޖަރުމަންގެ އޮގްސްބާގް އަދި ބަޔާ ލޭވަކޫސަން އަށް ކުޅެފަ އެވެ.
ޕޯލެންޑްގެ ޖޫނިއާ ޓީމުތަކަށް ކުޅުމަށް ފަހު، ޕޯލެންޑްގެ ޤައުމީ ޓީމަށް މިލިޗް ކުޅެން ފެށީ 2012 ވަނަ އަހަރެވެ. ޕޯލެންޑްގެ ޤައުމީ ޓީމަށް މިހާތަނަށް 30 އަށްވުރެ ގިނަ މެޗު ކުޅެ، މިލިޗް ވަނީ 12 ލަނޑު ޖަހައިފަ އެވެ.
ކްރިޗޯވިއަކް އަކީ ވެސް ޕޯލެންޑްގެ ޓީމަށް މުހިންމު ކުޅުންތެރިއެކެވެ. ޕޯލެންޑްގެ ޓީމަށް 2008 ވަނަ އަހަރުން ފެށިގެން ކުޅެމުންދާ ކްރިޗޯވިއަކް ވަނީ ފްރާންސްގެ ބޯޑޯ، ޕީއެސްޖީ އަދި ސްޕެއިންގެ ސެވިއްޔާ އަށް ކުޅެފަ އެވެ. ކްރިޗޯވިއަކް މިހާރު ކުޅެމުންދަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ވެސްޓް ބްރޮމްއަށެވެ.
ކްރިޗޯވިއަކް ވަނީ ޕޯލެންޑްގެ ޤައުމީ ޓީމަށް މިހާތަނަށް 40 އަށްވުރެ ގިނަ މެޗު ކުޅެފަ އެވެ. އަދި ޤައުމީ ޓީމާއެކު 2016 ވަނަ އަހަރުގެ ޔޫރޯގައި ވާދަކުރި އެވެ.
ސެނެގޯލް
ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ސެނެގާލް މިހާތަނަށް ވޯލްޑް ކަޕްގައި ވާދަކުރީ އެންމެ ފަހަރަކު އެވެ. ދެކުނު ކޮރެއާ އާއި ޖަޕާންގައި 2002 ގައި އޮތް ވޯލްޑް ކަޕްގައި ސެނެގާލް އިން ނެރުނީ ހައިރާންކުރުވި ނަތީޖާއެކެވެ. އެގޮތުން އޭރުގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްގެ މައްޗަށް ފުރަތަމަ މެޗުން ކުރި ހޯދި އެވެ. މިއީ ފީފާ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް ފެނުނު އެންމެ ހައިރާންކުރުވަނިވި އެއް ނަތީޖާ އެވެ. އެ މުބާރާތުގައި ސެނެގާލް ވަނީ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފަ އެވެ. އެކަމަކު ކުއާޓާ ފައިނަލްގައި ތުރުކީ އަތުން ބަލިވެ، ކެޓީ އެވެ. މިއީ 2002ގެ ފަހުން ސެނެގާލް ވާދަކުރާ ފުރަތަމަ ވޯލްޑް ކަޕެވެ. އަހަރުތަކަށް ފަހު، ސެނެގާލްގައި މިހާރު މަޝްހޫރު އެތައް ކުޅުންތެރިންނެއް ވަނީ އުފެދިފަ އެވެ.
ސެނެގޯލްގެ މުހިންމު ކުޅުންތެރިންނަށް ބަލާއިރު އެޓީމުން ފާހަގަކޮށްލެވޭ އެންމެ މުހިންމު ކުޅުންތެރިއަކީ ސަދިއޯ މާނޭއެވެ. ލިވަޕޫލަށް ކުޅެމުން އަންނަ ފޯވަޑް ސަދިއޯ މާނޭ އަކީ ސެނެގާލްގެ 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުމަށް ފަހު، ސީނިއާ ޓީމަށް 2012 ވަނަ އަހަރު ކުޅެންފެށި ކުޅުންތެރިއެކެވެ.
މިހާތަނަށް ގައުމީ ޓީމަށް ކުޅުނު 48 މެޗުގައި އޭނާ ވަނީ 14 ލަނޑު ޖަހައިފަ އެވެ. މާނޭ ކެރިއަރު ފެށީ ފްރާންސްގެ މެޓްޒް އިންނެވެ. އެ ކްލަބުގައި އެއް ސީޒަން ހޭދަކުރުމަށް ފަހު، އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގަށް ބަދަލުވި އެވެ. އެ ޓީމުގައި ދެ އަހަރު ހޭދަކުރުމަށް ފަހު، މާނޭ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެން ފެށީ ސައުތުހެމްޓަން އަށެވެ. އެ ޓީމުގައި ހޭދަކުރި ދެ ސީޒަންގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައި، ޕްރިމިއާ ލީގުގެ ބޮޑެތި ކްލަބުތަކުގެ ސަމާލުކަން ހޯދައިފަ އެވެ. މާނޭ ލިވަޕޫލަށް 2016 ގައި ބަދަލުވީ 34 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގަ އެވެ.
އިދްރީސާ ގުއޭޔޭ އަކީވެސް ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. އޭނާ ސެނެގާލްގެ ގައުމީ ޓީމަށް 2011 ވަނަ އަހަރުން ފެށިގެން އަންނަނީ ކުޅެމުންނެވެ. ގުއޭޔޭ އަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ފާހަގަކޮށްލެވޭ މިޑްފީލްޑަރެކެވެ. މަސައްކަތުގެ ރޭޓު ވަރަށް ރަނގަޅު ކަމަށް ފާހަގަކުރެވިފައިވާ ގުއޭޔާ ކެރިއަރު ފެށީ ފްރާންސް އިންނެވެ. ފްރާންސްގެ ލިލް އަށް 2010 އިން 2015 އަށް ކުޅުމަށް ފަހު ބަދަލުވީ އެސްޓަން ވިލާ އަށެވެ.
ބައްދަލުކުރުންނަތަށް
މި ދެޓީމު މިހާތަނަށް ވާދަވެރި މުބާރާތެއްގައިވެސް އަދި އެކުވެރިކަމުގެ މެޗެއްގައިވެސް ބައްދަލުކޮށްފައެއް ނުވެއެވެ.



